އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ހަތް އަލިފާންގަނޑެއް އަދިވެސް އަނދަމުންދާއިރު މާދަމާ ތޫފާނެއް އައިސް ފެންބޮޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
"ހަތް އަލިފާންގަނޑު މިހާރު ވަނީ 57،000 އޭކަރު އަންދައިލައިފައި. މާދަމާ ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވުން އެކަށީގެންވޭ،" މިހާތަނަށް 28 މީހުން މަރުވެ، 22 މީހުންގެ ގެއްލިފައިވާ ކާރިސާއާ ބެހޭ ގޮތުން އޮފިޝަލަކު ބުންޏެވެ.
މޫސުން ލަފާ ކުރާ ނެޝަނަލް ވެދާ ސާވިސް އިދާރާއިން ބުނީ ލަފާ ކުރެވެނީ "ފްލޭޝް ފްލަޑް"ތަކެއް ތަޖުރިބާ ކުރެވޭނެ ކަމަށެވެ. މިހެން ވެއްޖެ ނަމަ ބާރުގަދަކޮށް، ހަލުއި މިނުގައި ފެންގަނޑު ދެމެން ފެށުމުން، ފެންގަނޑު ދަތުރުކުރާ މަގުގައި ހުންނަ ހުރިހާ އެއްޗެއް ދަމައިގަނެގެން ގެންދާނެއެވެ. މި ކަމުގެ ސަބަބުން މުދާ ފަދަ ތަކެތި ގެއްލުމުގެ އިތުރުން މީހުން ވެސް ކަހައިލައިގެން ގޮސް، ގެއްލި، އަދި މަރުވުން އެކަށީގެންވެއެވެ.
"މިއަދުން ފެށިގެން މާދަމާއާ ހަމައަށް ފްލޭޝް ފްލަޑްގެ އަލާޓެއް ނެރެފިން،" އެ އިދާރާގެ އޮފިޝަލަކު ބުންޏެވެ.
އެ އިދާރާއިން ބުނީ އަލިފާނުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކޮންކްރީޓް ގާބުރިތައް ފަދަ ތަކެތި ފްލޭޝް ފްލަޑްތަކުގައި ކަހައިލައިގެން ގެންދާނެ ކަމަށެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.
"ބައެއް އިމާރާތްތައް ވަނީ ވެއްޓިފައި. ފްލޭޝް ފްލަޑެއް އައިސް، ފެންބޮޑުވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަން ފަށައިފި ނަމަ، އިތުރު އިމާރާތްތައް ވެއްޓި، އަޑިއަޅައިލައިނެ،" އޮފިޝަލަކު ބުންޏެވެ.
ލޮސް އެންޖަލިސްގައި ކުޑަކުދިން ބަލަހައްޓާ އެތައް ސަތޭކަ ޑޭކެއާ ސެންޓަރުތައް ވަނީ އަނދައިފައެވެ. އަދި ސަލާމަތުން ހުރި ބައެއް ޑޭކެއާ ސެންޓަރުތައް ބަންދުކޮށްފައިވާއިރު ބަންދުނުކޮށް ހުރި ޑޭކެއާ ސެންޓަރުތަކަށް ކުޑަކުދިން ނުގެންދިއުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.
"އެތައް އާއިލާއަކަށް ވަނީ ހާސްކަން ލިބިފައި. އެ މީހުންގެ ތުއްތު ދަރިންނަށް ޑޭކެއާގެ ހިދުމަތް ހޯދާނެ ގޮތެއް ނެތިގެން ވަނީ މާޔޫސްވެފައި،" އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ ޑޭކެއާގެ ހިދުމަތް ދިނުން ލޮސް އެންޖަލިސްގައި ކުރިން ވެސް ވަނީ ނިކަމެތި ހާލެއްގައި ކަމަށާއި ފެތުރެން ފެށި އަލިފާނުގެ ސަބަބުން ޑޭކެއާގެ ހިދުމަތަށް އިތުރު ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.
ކެލިފޯނިއާގައި އިޖުތިމާއީ ހިދުމަތް ދޭ ޑިޕާޓްމަންޓް އޮފް ސޯޝަލް ސާވިސަސްގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 40 ޑޭކެއާ ސެންޓަރު ވަނީ އަނދައިހުލިވެފައެވެ. އަދި އަޅިއާއި ގާތަކާއި ކަރަންޓު ކެނޑުމާއި ސާފު ފެން ލިބެން ނެތުމުން 284 ޑޭކެއާ ސެންޓަރުތައް ވަނީ ބަންދުކޮށްފައެވެ.
ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެރިރަށް ވޮޝިންޓަން ޑީސީން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ހެލިކޮޕްޓަރުގައި ލޮސް އެންޖަލިސް ބައްލަވައިލައްވައިފައި ވިދާޅުވީ އެ ސިޓީ މިހާރު އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި "އިތުރަށް އަނދާނެ ތަނެއް ނެތް" ކަމަށެވެ.
"ލޮސް އެންޖަލިސް ހީވަނީ ބޮމެއް އަޅައިފައި އޮތް ތަނެއްހެން. ކެލިފޯނިއާއަށް ބޭނުންވާ ހުރިހާ އެހީއެއް ދޭނަން،" ފަހުން އަދި ލޮސް އެންޖަލިސްއަށް ޒިޔާރަތެއް ކުރައްވާނެ ކަމަށް ވިދާޅުވަމުން ނޫސްވެރިންގެ ގާތުގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ގޮލްފު ކުޅުއްވާ ދަނޑު އޮންނަނީ އަލިފާން ފެތުރެމުންދާ ޕެލިސޭޑްސް އަވަށާ 45 މޭލު ދެކުނުގައެވެ. ލޮސް އެންޖަލިސްއަށް ލިބެމުންދާ ގެއްލުން ފޫބައްދަން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް ޖޯ ބައިޑެން އަންދާޒާކުރައްވައިފައިވަނީ 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އެވެ.
އަލިފާން ކޮންޓްރޯލު ކުރުމަށް މެކްސިކޯއިން އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާއިރު ކެނެޑާ އާއި ޔޫކްރެއިނުން ވެސް ވަނީ އަލިފާން ނިއްވާ މީހުން ފޮނުވައިދޭނެ ކަމަށް ބުނެފައެވެ. ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ދުރު ރާސްތާގެ މިސައިލް ފޯރުކޮށްދީ، އެ ތަކެތިން ރަޝިޔާއަށް ހަމަލާދޭން ޔޫކްރެއިނަށް ހުއްދަ ދިނީ އެމެރިކާއިންނެވެ.
ކެލިފޯނިއާގެ 1،500 އެއްހާ ސިފައިންގެ އިތުރުން އެމެރިކާގެ އެހެން ސްޓޭޓްތައް ކަމަށްވާ ނިއު މެކްސިކޯ، ނެވާޑާ، ޔޫޓާ، އޮރެގަން، އެރިޒޯނާ އަދި ވޮޝިންޓަންގެ އަލިފާން ނިއްވާ މީހުން ވެސް ވަނީ ލޮސް އެންޖަލިސްއަށް އައިސްފައެވެ.
ލޮސް އެންޖަލިސް އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް އަންނަ ބުރާސްފަތި ދުވަހު އޮންނާނެއެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް މިހާރު ވިކެމުންދަނީއެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment