Support Us

ލޮސް އެންޖަލިސްގެ ހިއުސް އަލިފާންގަނޑު ނިއްވަން މަސައްކަތްކުރަނީ

ޓްރަމްޕްގެ ޒިޔާރަތް ކައިރިވެފައިވަނިކޮށް އިތުރު އަލިފާންގަނޑުތަކެއް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އަންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާނުގެ ހާލަތު ބައްލަވައިލެއްވުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ޒިޔާރަތްކުރައްވަން ހަމަޖައްސަވައިފައިވަނިކޮށް އިތުރު ފަސް ސަރަހައްދެއްގައި އަލިފާން ފެތުރެން ފަށައިފިއެވެ.

މިހާރު 28 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާ އަލިފާނުގެ ގެއްލުންތައް ބައްލަވައިލައްވަން ޓްރަމްޕް ކުރައްވާ ޒިޔާރަތަކީ އޭނާ ދެވަނަ ރިޔާސީ ދައުރަކަށް ހޮވި ވަޑައިގަތުމަށް ފަހު ވެރިރަށް ވޮޝިންޓަން ޑީ.ސީ.އިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

އަލަށް ފެތުރެން ފެށި ފަސް އަލިފާންގަނޑަށް ދީފައިވާ ނަންތަކަކީ ލެގޫނާ، ސެޕުލްވެޑާ، ގިބަލް، ގިލްމަން އަދި ބޯޑާ 2 އެވެ.

މިނެޓަކު 23 ފުޓުބޯޅަ ދަނޑު ވަރުގެ ސަރަހައްދެއްގެ ހަލުވިމިނުގައި އަނދަމުން ދިޔަ ހިއުސް އަލިފާންގަނޑުގެ 36 ޕަސެންޓް މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. ޕެލިސޭޑްސް އާއި އީޓަން އަލިފާން ނަގައިފައި ލޮސް އެންޖަލިސްގައި އެންމެ ބޮޑަށް ފެތުރެމުންދާ ހިއުސް އަލިފާންގަނޑުގެ ސަބަބުން އެތައް ހާސް ބަޔަކު މިހާރުވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ.

ލެގޫނާ އަލިފާންގަނޑު ވަނީ 45 އޭކަރަށް ފެތުރިފައެވެ. އެ އަލިފާންގަނޑުގެ 70 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ސެޕުލްވެޑާ އަލިފާންގަނޑު 45 އޭކަރަށް ފެތުރިފައިވާއިރު 60 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ގިބަލް އަލިފާންގަނޑު 15 އޭކަރަށް ފެތުރުނުއިރު މުޅި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ގިލްމަން އަލިފާންގަނޑު ދެ އޭކަރަށް ފެތުރުނުއިރު މުޅި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ބޯޑާ 2 އަލިފާންގަނޑު ވަނީ 800 އޭކަރަށް ފެތުރިފައެވެ. ކޮންޓްރޯލް ކުރެވުނީ ކިހާވަރެއް ކަމެއް އަދި ސާފެއް ނުވެއެވެ. މީހުން ރައްކާތެރި ތަންތަނަށް އެވަކުއޭޓް ކުރުމުގެ އަމުރު މިހާރު ވަނީ ނެރެފައެވެ.

އަލިފާން ކޮންޓްރޯލް ނުކުރެވިގެން އުޅޭތީ ޓްރަމްޕް ވަނީ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ ޒިޔާރަތުގައި އޭނާއާ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ބައިވެރިވަޑައިގަތުމާމެދު ވެސް ޝައްކެވެ. ސަބަބަކީ އަލިފާން ނިއްވާނުލެވިގެން އުޅޭތީ ގެވިންއަށް ވެސް ޓްރަމްޕް ފާޑުވިދާޅުވެފައިވާތީއެވެ.

"ނަމަވެސް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ގެވިން ތައްޔާރު،" އޮފިޝަލަކު ބުންޏެވެ.

ގެވިން އާއި ޓްރަމްޕްގެ ގުޅުން ގޯސްވީ އަލިފާން ފެތުރެން ފެށި ދުވަސްކޮޅު ގެވިން އާއި ކުރީގެ ރައީސް ޖޯ ބައިޑެން އަދި ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސްއަށް ސޯޝަލް މީޑިއާގައި ޓްރަމްޕް ފާޑުވިދާޅުވުމުންނެވެ.

އަލިފާނުގެ ގެއްލުންވެފައިވާ ތަންތަން ބައްލަވައިލެއްވުމަށް ޓްރަމްޕް ކެލިފޯނިއާއަށް ކުރައްވާ ޒިޔާރަތަކީ ރައީސްކަމުގެ ހުވާކުރެއްވުމުގެ ހަތަރު ދުވަސް ފަހުން ކުރައްވާ ޒިޔާރަތެކެވެ. އަދި މިހާރު ކެލިފޯނިއާގެ ސްޓޭޓް ސަރުކާރުންވަނީ 2.5 ބިލިއަން ޑޮލަރު (38 ބިލިއަން ރުފިޔާ)ގެ އެހީގެ ޕެކެޖެއް އަލިފާނާ ގުޅޭ ކަންތައްތަކަށް ހަރަދުކުރަން ނިންމައިފައެވެ.

ޓްރަމްޕް ގޮލްފު ކުޅުއްވާ ދަނޑު އޮންނަނީ އަލިފާން ފެތުރެމުންދާ ޕެލިސޭޑްސް އަވަށާ 45 މޭލު ދެކުނުގައެވެ. އޭނާ ވިދާޅުވީ ކެލިފޯނިއާގެ އޮފިޝަލުން ސްޓޭޓްގައި ފެން ރަނގަޅަށް މެނޭޖް ނުކުރާ ނަމަ މައި ސަރުކާރުން ލޮސް އެންޖަލިސް އަލިފާނާ ގުޅޭ ގޮތުން ދޭން ކަނޑައެޅި އެހީ ނުދެއްވާނެ ކަމަށެވެ. އެއީ ގެއްލުން ފޫބައްދަން ބޭނުންވާނެ ކަމަށް ބައިޑެން އަންދާޒާކުރައްވައިފައިވާ 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އެވެ. ޓްރަމްޕް ރިޔާސީ ހުވާކުރެއްވި ތަގުރީރުގައި ލޮސް އެންޖަލިސް އަލިފާނާ ބެހޭ ގޮތުން ކުޑަކޮށް ވާހަކަދެއްކެވިއެވެ.

ލޮސް އެންޖަލިސްގެ 20 ޕަސެންޓް ހައިޑްރަންޓްތަކުން ފެން ހުސްވެފައިވާއިރު ޓްރަމްޕް ކޯފާވީ ސްމެލްޓް ނަމަކަށް ކިޔާ މަހެއް ހިމާޔަތް ކުރެއްވުމަށް ގެވިން ފެން ބޭނުން ކުރައްވާތީއެވެ.

"ކެލިފޯނިއާއަށް ދޭ ފައިސާ ކަނޑައިލަން ޖެހިދާނެ. ބައެއް ފަހަރު އެއީ ހަމައެކަނި ކުރެވޭނެ ކަމަކީ. ރައްޔިތުން ބޭނުންވަނީ މަސް ހިމާޔަތް ކުރާ ތަންތަނެއް ނޫން. އެއީ ގެވިން ބޭނުންވެ ވަޑައިގަންނަވާ ކަމެއް. ހައްދުފަހަނަޅައިފައިވާ ވައަތުފިޔައިގެ ސިޔާސީ މީހުން ކަންތައް ކުރާ ގޮތް އެއީ،" ޓްރަމްޕް ވިދާޅުވިއެވެ.

ކެލިފޯނިއާގެ ރަސްމީ ގޮތުން އަލިފާން ނިއްވުމުގެ ތަމްރީން ލިބިފައިވާ ކެލިފޯނިއާ ޕްރޮފެޝަނަލް ފަޔާ ފައިޓާސްގެ ރައީސް ބްރަޔަން ރައިސް ބީ.ބީ.ސީ.އަށް ވިދާޅުވީ މައި ސަރުކާރުގެ އެހީ ކެލިފޯނިއާއަށް ނުދެއްވަން ޓްރަމްޕް ނުނިންމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ފުރާނަ އާއި ގެދޮރު ގެއްލުނު މީހުންނަށް ބޭނުންވާ މައި ސަރުކާރުގެ ފައިސާ ލިބުން. މި ގައުމުގެ ތާރީހުގައި ވެސް މީގެ ކުރިން ސަރުކާރުން ނިންމި ކަމެއް ނޫން ކާރިސާއެއްގައި އެހީ ދޭނީ ވަކި ޝަރުތުތަކަކާއެކު ކަމަށް،" ބްރަޔަން ވިދާޅުވިއެވެ.

ލޮސް އެންޖަލިސްގެ އަލިފާން މިއަދު ވެސް ވަނީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. ނަމަވެސް މާދަމާއި މާދަމާ ނޫން އަނެއް ދުވަހު ވާރެ އާއި ސްނޯ ފައިބާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މި މަހުގެ ހަތެއްގައި އީޓަން އާއި ޕެލިސޭޑްސް އަވަށުން ފެތުރެން ފެށި އަލިފާނުގައި މިހާތަނަށް 16،100 އިމާރާތް އަނދައިފައިވެއެވެ. އޭގެ ތެރޭގައި ގޭގެ އާއި ވިޔާފަރި އިމާރާތްތަކާއި ސްކޫލްތައް ހިމެނެއެވެ. މުޅިއަކު 37،000 އޭކަރަށްވުރެ ބޮޑު ބައެއް އަނދައިފައިވާއިރު މިއީ ފްރާންސްގެ ވެރިރަށް ޕެރިސްއަށްވުރެ ބޮޑު ސަރަހައްދެކެވެ.

"ސެންޓާ އެނާ ސިޓީއަށް އައި ވައިގެ ތޫފާނެއްގައި މި އަލިފާން ވަނީ ކޮންޓްރޯލުން ނެއްޓިފައި،" އޮފިޝަލަކު ބުންޏެވެ.

އަލިފާން ކޮންޓްރޯލު ކުރުމަށް މެކްސިކޯއިން އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާއިރު ކެނެޑާ އާއި ޔޫކްރެއިނުން ވެސް ވަނީ އަލިފާން ނިއްވާ މީހުން ފޮނުވައިދޭނެ ކަމަށް ބުނެފައެވެ. ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ދުރު ރާސްތާގެ މިސައިލް ފޯރުކޮށްދީ، އެ ތަކެތިން ރަޝިޔާއަށް ހަމަލާދޭން ޔޫކްރެއިނަށް ހުއްދަ ދިނީ އެމެރިކާއިންނެވެ.

ކެލިފޯނިއާގެ 1،500 އެއްހާ ސިފައިންގެ އިތުރުން އެމެރިކާގެ އެހެން ސްޓޭޓްތައް ކަމަށްވާ ނިއު މެކްސިކޯ، ނެވާޑާ، ޔޫޓާ، އޮރެގަން، އެރިޒޯނާ އަދި ވޮޝިންޓްގެ އަލިފާން ނިއްވާ މީހުން ވެސް ވަނީ ލޮސް އެންޖަލިސްއަށް އައިސްފައެވެ.

ލޮސް އެންޖަލިސް އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މި މަހު 30 ގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަރާތްތަކުގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް ވިއްކަން އިއްޔެ ވަނީ ފަށައިފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އުންމީދަކީ އެމެރިކާ ނެތިގެން ދިއުން އަދި ކެލިފޯނިޔާއާ އެސަރަހައްދު ނެތިދިއުން ސަބަބަކީ ފަލަސްތީނާއި މުސްލިމުން މަރާބައެއް
    ވީމަ ލިޔުމާދޭތެރޭގަ ބުނެލާނީ ލިޔުން ވަރަށް ދިގު އެހެންނަމަވެސް ވަރަށް ރީތި މައުލޫމާތު ވަރަށް މުއްސަނދި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *