މިނެޓަކު 23 ފުޓުބޯޅަ ދަނޑު ވަރުގެ ސަރަހައްދެއް އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި މިއަދު އަނދަން ފަށައިފިއެވެ.
"މިހާރު 28 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ. އަދި 22 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވޭ،" އޮފިޝަލަކު ބުންޏެވެ.
"ހިއުސް ފަޔާ"ގެ ނަން ދީފައިވާ އަލަށް ފެތުރެން ފެށި އަލިފާން ފެތުރެން ފެށީ މިއަދު މެންދުރު 12.30 އެހާކަންހާއިރެވެ. އެއީ ކަސްޓައިކު އަވަށުގައެވެ.
"ހިއުސް ފަޔާގައި މިނެޓަކު 23 ފުޓުބޯޅަ ދަނޑު ވަރުގެ ސަރަހައްދެއް އަނދަމުން އެބަދޭ،" އޮފިޝަލަކު ބުންޏެވެ.
ގެއްލިގެން ކުރިން ރިޕޯޓްކޮށްފައިވާ އުމުރުން 69 އަހަރުގެ މީހަކު ވަނީ މަރުވެފައި އޮއްވައި ފެނިފައެވެ.
ހަ މިލިއަން މީހުން ނުރައްކަލަށް ހުށަހެޅިފައިވާއިރު މިއަދު ހެދުނު 10.30 އެހާކަންހާއިރު އާ ސަރަހައްދެއްގައި ވަނީ ހުޅުފަޅައިފައެވެ.
"އިމާރާތްތަކެއް އަނދައިފައިވާކަމުގެ ރިޕޯޓްތަކެއް ވަނީ މިހާރު ލިބިފައި،" އޮފިޝަލަކު ބުންޏެވެ.
އިއްޔެ ހަވީރު ގަޑިން 5.00 ގެ ނިޔަލަށް 31،000 މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ. އަދި އިތުރު 23،000 މީހުންނަށް ވަނީ ރައްކާތެރި ތަންތަނަށް ދިއުމަށް އަމުރުކޮށްފައެވެ.
"ތިން ސްކޫލު ވަނީ ބަންދުކޮށްފައި،" އޮފިޝަލަކު ބުންޏެވެ.
ހިއުސް ފަޔާގައި ކޮންޓްރޯލް ކުރެވުނީ އަދި އެންމެ 14 ޕަސެންޓްގެ ސަރަހައްދެކެވެ. މިހެންވެ ކަރެކްޝަންސުން ވަނީ 476 ގައިދީން ރައްކާތެރި އެހެން ޖަލަކަށް ގެންގޮސްފައެވެ.
ޕެލިސޭޑްސް އަވަށުގެ އަލިފާނުގެ 70 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާއިރު އީޓަން އަވަށުގެ 95 ޕަސެންޓް އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ކޮންޓްރޯލު ކުރުމަށް މެކްސިކޯއިން އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާއިރު ކެނެޑާ އާއި ޔޫކްރެއިނުން ވެސް ވަނީ އަލިފާން ނިއްވާ މީހުން ފޮނުވައިދޭނެ ކަމަށް ބުނެފައެވެ.
ކެލިފޯނިއާގެ 1،500 އެއްހާ ސިފައިންގެ އިތުރުން އެމެރިކާގެ އެހެން ސްޓޭޓްތައް ކަމަށްވާ ނިއު މެކްސިކޯ، ނެވާޑާ، ޔޫޓާ، އޮރެގަން، އެރިޒޯނާ އަދި ވޮޝިންޓްގެ އަލިފާން ނިއްވާ މީހުން ވެސް ވަނީ ލޮސް އެންޖަލިސްއަށް އައިސްފައެވެ.
ލޮސް އެންޖަލިސް އަލިފާނުގެ މައްސަލައިގައި މިހާތަނަށް ވަނީ ގާތްގަނޑަކަށް 130 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުޖެހުމާއި ތަންތަން ލޫޓުވުމުގެ ތުހުމަތު ކުރެވޭ މީހުން ވެއެވެ. ލޫޓުވުން ހުއްޓުވަން އީޓަން އަވަށުގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެ ގޮތުން އިރުއޮއްސި 6.00 އިން ފަތިހު 6.00 އަށް މަގުމައްޗަށް ނިކުތުން ވަނީ މަނާކޮށްފައެވެ.
"އަލިފާން ފެތުރެން ފެށީ ސްކަލް ރޮކް ކިޔާ ސަރަހައްދަކުން ކަމަށް ބެލެވެނީ. އެހެންވީމާ އެ ހިސާބުގައި ތަހުގީގެއް ފަށައިގެން އުޅެނީ،" އޮފިޝަލަކު ބުންޏެވެ.
މޫސުން ލަފާ ކުރާ އިދާރާއިން ބުނީ ހުޅުޖެހި ކަމަށް ބަޔަކާމެދު ޝައްކު ކުރެވުނަސް ލޮސް އެންޖަލިސްގެ ހަނަފަސްކަމާއި ވައިގަދަވުމުން ވެސް އަލިފާން ފެތުރުނީ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެ ގޮތުން އަލިފާން ފެތުރެން ފެށި މި މަހު ހަތް ވަނަ ދުވަހު ވައި ޖެހެމުން ދިޔައީ ގަޑިއަކު 100 މޭލު ބާރުމިނުގައެވެ. ކެލިފޯނިއާގެ ކަރަންޓު ނަރުތަކާއި އަޅާނުލާ ބޮޑުވާން ދޫކޮށްލައިފައިވާ ގަސްތައް ވެސް އެއީ އަލިފާން ފެތުރެން ދިމާވި ސަބަބެއް ކަމަށް ބައެއް އޮފިޝަލުން ދެކެއެވެ.
އަލިފާނުގައި 40،000 އޭކަރުގެ ސަރަހައްދެއް ސުންނާފަތިވެފައިވާއިރު މިއީ ފްރާންސްގެ ވެރިރަށް ޕެރިސް ވަރުގެ ސަރަހައްދެކެވެ.
އަންނަ ހަފުތާގައި ވެސް ވައިގަދަވާނެ ކަމަށް މޫސުން ލަފާކޮށްފައިވާތީ އަލިފާން ނިއްވާ މީހުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލަމުންނެވެ.
އަލިފާން ނިއްވާ މީހުންގެ މުސާރަ ބޮޑުކުރަން ހަމަޖައްސައިފައިވާއިރު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ ލޮސް އެންޖަލިސް އަލިފާން ނިއްވައިލުމުގެ ހުރިހާ މަސައްކަތަކަށް ހަރަދުވާ ހުރިހާ ހަރަދެއްގެ 100 ޕަސެންޓާ މައި ސަރުކާރުން ހަވާލުވާނެ ކަމަށެވެ. ސަރުކާރުން މިހާރު އަންދާޒާކޮށްފައިވަނީ ލޮސް އެންޖަލިސް އަލިފާނުގެ ގެއްލުން 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށެވެ.
އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މި މަހު 30 ގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަރާތްތަކުގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް ވިއްކަން މިއަދު ވަނީ ފަށައިފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައިވަނީ ސަހަރުގެ 20 ޕަސެންޓް ހައިޑްރަންޓުން ފެން ހުސްވުމެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment