އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ބަހަނާއެއް ކަމަށް ދައްކައިފައި އިސްރާއީލުން ޣައްޒާގައި ފެށި ފަލަސްތީނު ނަސްލު ނައްތައިލުމުގެ ހަނގުރާމަ މިއަދު ހެނދުނު ނިމުމަކަށް ގެނެސްފިއެވެ.
ޖީ.އެމް.ޓީ ގަޑިން 9.15 ގައި ތަންފީޒު ކުރަން އޮތް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކުރީ ތިން ގަނޑިއިރު ފަހުންނެވެ. އެއީ ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރަތަމަ ޝަރުތެއްގެ ގޮތުގައި އޮތް ހަމާސްއިން މިނިވަން ކުރަން ޖެހޭ ޔަހޫދީ ތިން އަންހެން ރަހީނުންގެ ނަން އިސްރާއީލަށް ނުފޮނުވުމުން ކަމަށް އިސްރާއީލުން ބުންޏެވެ. ހަމާސްއިން ބުނީ މި ކަން މިހެން ދިމާވީ ޓެކްނިކަލް ސަބަބަކާ ހުރެ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ހަމާސްއިން ނުދެއެވެ. މިހެންވެ ސުލްހައިގެ މުއާހަދާ ތަންފީޒު ކުރަން ފެށީ ހަމާސްއިން ރަހީނުކޮށްފައިވާ ތިން އަންހެން ޔަހޫދީން އިސްރާއީލާ ހަވާލުކުރި ހިސާބުންނެވެ.
އޭގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ 95 ގައިދީން މިއަދު މިނިވަން ކުރަން ޖެހެއެވެ. މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިސްރާއީލުގެ ޖަލުތަކުގައި މަދުވެގެން 10،221 ފަލަސްތީނުގެ ގައިދީން އެބަތިއްބެވެ. އެއީ ޣައްޒާއިން ހައްޔަރުކުރި ފަލަސްތީނު މީހުން ނުލައެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ އޮފީހުން ބުނީ ކުރިއަށް އޮތް ހަތް ދުވަހު އިތުރު ހަތަރު ޔަހޫދީ ރަހީނުން ހަމާސްއިން މިނިވަން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާ ގާއިމުކުރި މުހިންމު ރޯލު އަދާކުރި ތިން ގައުމަކީ އެމެރިކާ، ގަތަރު އަދި މިސްރެވެ.
"ހަނގުރާމަ ހުއްޓުމަކަށް އައިސްފި. ހަމާސްއިން މިއަދު މިނިވަންކުރި ތިން ޔަހޫދީ އަންހެނުންނަކީ އިސްރާއީލުގެ ރައްޔިތުން. އެ ތަނުން އެކަކު އަތުގައި ރުމޭނިއާގެ ޕާސްޕޯޓް އޮތް އިރު އަނެކަކު އަތުގައި އިނގިރޭސި ވިލާތުގެ ޕާސްޕޯޓް އެބައޮތް،" ގަތަރުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.
ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމާއެކު ކުރިން ޣައްޒާގެ ދިއުން މަނާ ސަރަހައްދުތަކަށް ފަލަސްތީނު ރައްޔިތުން ވަނީ އަންނަން ފަށައިފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ހަމާސް އާއި އިސްރާއީލުގެ ދެމެދުގައި ސުލްހަ ގާއިމު ކުރެއްވުމަކީ މިހާތަނަށް އޭނާ ބައިވެރިވެ ވަޑައިގަތް އެންމެ ގޮންޖެހުން ބޮޑު އެއް ވާހަކަތައް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މެދުއިރުމައްޗަށް އައި ބޮޑު ބަދަލެއް ކަމަށެވެ.
"ޣައްޒާގެ އާއްމު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އެތައް ސަތޭކަ ލޮރީއެއް ޣައްޒާއަށް ވަންނަމުން އެބަދޭ،" ބައިޑެން ވިދާޅުވިއެވެ.
ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި އިސްރާއީލުގެ ކުރީގެ ވަޒީރެއް ކަމަށްވާ ޔޯސީ ބެއިލިން ބުނީ ސުލްހައިގެ މުއާހަދާ ދެ ފަރާތުން ކުރެ ފަރާތަކުން ވެސް މުގުރައިލައިފި ނަމަ އެމެރިކާގެ ރައީސް ކަމާ މާދަމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ސުލްހައިގެ މުއާހަދާ ގާއިމު ކުރެއްވުމުގައި ޓްރަމްޕް ވެސް އިސް ދައުރެއް ވަނީ އަދާކުރައްވައިފައެވެ.
ފަލަސްތީނުގެ އެތައް ރައްޔިތުންނެއް މިއަދު ޣައްޒާއަށް އެނބުރި އަންނަ އިރު އެ މީހުންގެ ގެދޮރު ވަނީ އިސްރާއީލު ސިފައިން ސުންނާފަތިކޮށްލައިފައެވެ. މިހެންވެ ގިނަ މީހުން އަދިވެސް ދިރިއުޅެން ޖެހޭނީ ޓެންޓްތަކުގައެވެ.
"އަހަރެމެންނަށް ފެނިފައި އެބަހުރި މީހުންގެ ހަށިގަނޑު ބުރިބުރިވެފައި ހުރި މަންޒަރު ވެސް. މިހެންވެ ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާއަކީ ހެޔޮ ފާލެއް. ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރި އެންމެނަށް ޝުކުރު އަދާކުރަން ޖެހޭ،" ފަލަސްތީނު އަންހެނަކު އަލްޖަޒީރާއަށް ބުންޏެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެތައް ހާސް ފުލުހުން ނެރެފައިވާ ކަމަށާއި މަގުތައް ވެސް އަންނަނީ ހުޅުވަމުން ކަމަށެވެ.
"ގަދަކަމުން ގެދޮރުން ބޭރުކޮށްލި މީހުން އަނބުރާ ގެނައުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ. އާއްމު ހާލަތަށް އެނބުރި ރުޖޫއަވުމަށް ވުޒާރާތަކާއި މުއައްސަސާތައް ފުރިހަމައަށް ހުޅުވުމަށް ވަނީ ތައްޔާރަށް،" އެ އިދާރާއިން ބުންޏެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ ސުލްހައިގެ މުއާހަދާ ތަންފީޒުވުމުގެ ކުރިން ވެސް ނަސްލު ނައްތައިލުމުގެ މަސައްކަތް އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދިޔަ ކަމަށެވެ. އެ ގޮތުން މަދުވެގެން 19 މީހުން ޝަހީދުކޮށްލައި 36 މީހުން ޒަހަމްކޮށްލި ކަމަށެވެ.
އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1،139 ޔަހޫދީން މަރައިލައި 251 ޔަހޫދީން ރަހީނުކުރިއެވެ. ބަދަލުގައި އިސްރާއީލުން ވޭތުވެދިޔަ ފަނަރަ މަހުގައި ވަނީ ފަލަސްތީނުގެ 46،899 ރައްޔިތުން ޝަހީދުކޮށްލައި 110،725 މީހުން ޒަހަމްކޮށްލައިފައެވެ.
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އޭނާ ނަސްލު ނައްތައިލުމުގެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކޮށްފައެވެ.
ޣައްޒާ މިނިވަންކޮށް، އަދި އާރާސްތުކުރަން ހަމަޖައްސައިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި ރަހީނުންނާއި ގައިދީން ވަކި އަދަދަކަށް ދެ ފަރާތުން މިނިވަންކުރާނެއެވެ. އަދި ޣައްޒާއިން ވަކި އަދަދަކަށް އިސްރާއީލު ސިފައިން ބާލާއިރު، ޣައްޒާއަށް ގިނަ އަދަދަކަށް އެހީ ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ދުވާލަކު 600 ލޮރީގެ އެހީ ޣައްޒާއަށް ވެއްދުމަށް ހަމަޖައްސައިފައިވެއެވެ.
އިސްރާއީލު ސިފައިން ޣައްޒާގެ ބޯޑަރުން 700 މީޓަރަށްވުރެ އެތެރޭގައި ނުތިބުމަށް ހަމަޖެހިފައިވެއެވެ.
ޒަހަމްވެފައިވާ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކުން ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ދަތުރުކުރަން ހުއްދަ ދޭނެއެވެ. އަދި ޣައްޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ހުޅުވާލާނީ މުއާހަދާގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށާތާ ހަތް ދުވަސް ފަހުންނެވެ. ފަހުގެ މަރުހަލާތަކުގައި މިސްރާއި ޣައްޒާ ގުޅޭ ބޯޑަރުން އިސްރާއީލު ސިފައިން އެއްކޮށް ބާލަން ހަމަޖައްސައިފައިވެއެވެ.
ސުލްހައިގެ ދެވަނަ އަދި ތިންވަނަ މަރުހަލާއަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ނަމަވެސް، ތަފުސީލުތަކަށް އެއްބަސްވާން ހަމަޖައްސައިފައިވަނީ ފުރަތަމަ މަރުހަލާ ތެރޭގައެވެ. ހަ ހަފުތާ ވުމުގެ ކުރިން ދެވަނަ އަދި ތިން ވަނަ މަރުހަލާގެ ސުލްހައިގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ޔަގީންކަން އެމެރިކާ އާއި ގަތަރާއި އަދި މިސްރުން ވަނީ ހަމާސްއަށް ދީފައެވެ.
ދެވަނަ މަރުހަލާގައި ހަމާސްއިން ރަހީނުކޮށްފައިވާ ހުރިހާ ޔަހޫދީން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ. މީގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު ގައިދީން ދޫކޮށްލާނެއެވެ. އަދި ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ބޭލުމުގެ މަރުހަލާ ފަށާނެއެވެ.
މި ޝަރުތުތަކަކީ އިސްރާއީލުގެ ކެބިނެޓުން އަދި އެއްބަސްވުމަކަށް ނާންނަ ޝަރުތުތަކެކެވެ. ނަތަންޔާހޫގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ވަޒީރުން މި ޝަރުތުތަކާ ދެކޮޅެވެ. ނަތަންޔާހޫ ވެރިކަމުގައި ހުންނަނީ މި ވަޒީރުންގެ ތާއީދާއެކުއެވެ. މީގެ އިތުރުން މި ޝަރުތުތަކަކީ ޚުދު ނަތަންޔާހޫ ވެސް ދެކޮޅު ހަދާ ޝަރުތުތަކެކެވެ. އެ ގޮތުން ޣައްޒާގައި ހަމާސް ހަރަކާތްތެރިވާތީ އެ ކަން ވެސް ނަތަންޔާހޫ ބޭނުންކޮށްފައިވަނީ ޣައްޒާއަށް ހަމަލާ ދިނުމުގެ އުޒުރެއްގެ ގޮތުގައެވެ.
ތިން ވަނަ މަރުހަލާގެ ތަފުސީލުތައް އަދި އެހާ ސާފެއް ނޫނެވެ. މިހާރު އޮތް ގޮތުން ދެވަނަ މަރުހަލާ ފުރިހަމަ ކުރެވިއްޖެ ނަމަ، މަރުވެފައިވާ ޔަހޫދީ ރަހީނުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރާނެއެވެ. އޭގެ ބަދަލުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ބެލުމުގެ ދަށުން ޣައްޒާގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އާރާސްތު ކުރުމުގެ މަޝްރޫއެއް ހިންގާނެއެވެ.
ޣައްޒާގައި ސުލްހަ ގާއިމުކޮށްފައި، އެ ތަނުގައި ވެރިކަން ކުރާނެ ބަޔަކީ ކޮބައި ކަމެއް އަދި ސާފެއް ނޫނެވެ. އެމެރިކާއިން ބޭނުންވަނީ އިސްލާހު ކޮށްފައިވާ ފަލަސްތީން އޮތޯރިޓީން ޣައްޒާ ބެލެހެއްޓުމަށެވެ. އަނެއްކޮޅުން 1990 ގެ އަހަރުތަކުގައި ގާއިމު ކުރި އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތިބި މެންބަރުން ބޭނުމެއް ނުވެއެވެ. ނަމަވެސް ޣައްޒާގައި އޮންނަން އިސްރާއީލުން ބޭނުންވަނީ ކޮން ކަހަލަ ސަރުކާރެއްތޯއާމެދު އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.



advertisment