އެމެރިކާއަށް ހޯމަ ދުވަސްވާ، މި މަހުގެ 20 ވަނަ ދުވަހު އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ތިން ލީޑަރުންކަން ހާމަކޮށްފިއެވެ. ފާހަގަކުރެވޭ ބައެއް އިއްޒަތްތެރީން ވަޑައިނުގަންނަވަން ވަނީ ހަމަޖައްސަވައިފައެވެ.
މިއީ އެމެރިކާގެ ތާރީހުގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން ނޫން ގޮތަށް ނަމަވެސް ދެވަނަ ދައުރަކާ ހަވާލުވެވަޑައިގަންނަވާ އެމެރިކާގެ 47 ވަނަ ރައީސް ކަމަށް ޓްރަމްޕް ވެވަޑައިގަންނަވާ ހަފުލާއަށް ވަޑައިގަންނަވަން ހަމަޖައްސަވައިފައިވަނީ އިޓަލީގެ ބޮޑު ވަޒީރު ޖިއޯޖިއާ މެލޯނީ އާއި އާޖެންޓިނާގެ ރައީސް ހާވިއަރު މީއެއި އަދި ހަންގެރީގެ ބޮޑު ވަޒީރު ވިކްޓަރު އޮރްބަންއެވެ.
ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ފޮނުއްވަނީ ޑެލިގޭޝަނެކެވެ. އިންޑިއާ ތަމްސީލުކުރައްވަނީ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރެވެ. ޖަޕާނުން ބައިވެރިވެވަޑައިގަންނަވަނީ ހާރިޖީ ވަޒީރު ޓަކޭޝީ އިވާޔާއެވެ.
އިނގިރޭސި ވިލާތުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ހައްދުފަހަނަޅާފައިވާ ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފެރެޖްއެވެ. ފްރާންސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ހެކޮންކުއެޓް ޕާޓީގެ ލީޑަރު އެރިކް ޒެމުއާއެވެ. ބްރެޒިލްގެ ފަރާތުން ކުރީގެ ރައީސް ޖެއަރް ބޮލްސޮނާރޯއެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ޓްރަމްޕް ދައުވަތު ނުދެއްވައެވެ. ނަމަވެސް ވިދާޅުވީ ފަހުން ދުވަހަކު ބައްދަލުކުރައްވާނެ ކަމަށެވެ.
ޔޫކްރެއިން ހިފުމަށް ރަޝިއާއަށް ސިފައިން ފޮނުވައިފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް އެރުވި ދައުވަތަށް އޭނާ ޖަވާބެއް ނުދެއްވައެވެ.
ރަޝިއާއިން ހިފަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިނުގަންނަވައެވެ. މީގެ އިތުރުން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ވެސް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ ބައެއް ނުފޫޒު ގަދަ ވިޔަފާރިވެރިން ބައިވެރިވާން ހަމަޖައްސައިފައިވެއެވެ.
އެ ގޮތުން މިއަދު އެމެރިކާގައި މަނާކުރި ޓިކްޓޮކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ޝޯ ޒި ޗޫ ހިމެނެއެވެ. ޓިކްޓޮކްގެ އެމެރިކާ ގޮފި ގަތުމަށް ޓްރަމްޕާ ގުޅިގެން ޓްރަމްޕްގެ އެކުވެރިންތަކެއް ވަނީ ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންސްއަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.
ރަސްމިއްޔާތުގައި ބައިވެރިވާ އިތުރު މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ޓްރަމްޕްގެ ކެބިނެޓުން މަގާމެއް ދެއްވަން ހަމަޖައްސަވައިފައިވާ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޯން މަސްކް ހިމެނެއެވެ. މިލްކިއްޔާތު 400 ބިލިއަން ޑޮލަރު (ހަ މިލިއަން މިލިއަން ރުފިޔާ) ލިބުނު ފުރަތަމަ ވިޔަފާރިވެރިއަށްވި މަސްކަކީ ޓެސްލާ އާއި ސްޕޭސް-އެކްސް ކުންފުނީގެ ވެރިޔާއެވެ.
ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްސްގެ ވެރިޔާ މާކް ޒަކާބާގް ވެސް ބައިވެރިވެއެވެ. އަދި ގޫގްލްގެ ސީ.އީ.އޯ ސުންދަރު ޕިޗާއީ އާއި އެމެޒޯންގެ އެގްޒެކެޓިވް ޗެއާމަން ޖެފް ބޭޒޯސްގެ އިތުރުން އެޕަލްގެ ސީ.އީ.އޯ ޓިމް ކުކް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތް ދޭ އޭ.އައި ކުންފުނި، އޯޕަން-އޭއައިގެ ސީ.އީ.އޯ ސޭމް އޯލްޓަމަން ވެސް ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުން ވެސް ބައިވެރިވެއެވެ. އެ ގޮތުން ގައުމީ ސަލާން ކިޔާނީ އޮޕެރާ ލަވަ ކިޔާ ކްރިސްޓޮފާ މެކިއޯއެވެ. "އެމެރިކާ ދަ ބިއުޓިފުލް" ލަވަ ކިޔާނީ ކެރީ އަންޑަވުޑްއެވެ. "ގޯޑް ބްލެސް ދަ ޔޫ.އެސް.އޭ" ކިޔާނީ ލީ ގްރީންވުޑްއެވެ. މިއުޒިކް ބޭންޑްތައް ކަމަށްވާ ދަ ވިލެޖް ޕީޕްލް ވެސް ބައިވެރިވެއެވެ. އަދި ކޮމާންޑާ-އިން-ޗީފް ބޯލް ހަފުލާގައި ރާސްކަލް ފްލެޓްސް މިއުޒިކް ބޭންޑް ބައިވެރިވެއެވެ. މީގެ އިތުރުން މޭކް އެމެރިކާ ގްރޭޓް އަގެއިން ރެލީގައި ލަވަކިޔުންތެރިން ކަމަށްވާ ކިޑް ރޮކް އަދި ބިލީ ރޭ ސައިރަސް ބައިވެރިވެއެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ރަސްމިއްޔާތު ބާއްވަން މިހާރު ހަމަޖައްސައިފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކަމަށްވާ ކެޕިޓޮލްގެ އެތެރޭގައެވެ. ރަސްމިއްޔާތު އޮންނަ ދުވަހު ވެރިރަށް ވޮޝިންޓަން ޑީ.ސީގެ ޖައްވުގެ ފިނިކަން މައިނަސް 11 ޑިގްރީ ސެލްސިއަސް އަށް ދަށްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެންމެ މައްޗަށް ވެސް ޓެމްޕަރޭޗަރު އަރާނީ މައިނަސް ފަހެއް ޑިގްރީ ސެލްސިއަސްއަށެވެ.
އެންމެ ފަހުން ރައީސަކު ކެޕިޓޮލް އިމާރާތުގެ އެތެރޭގައި ހުވާ ކުރެއްވީ 1985 ގައެވެ. އެއީ ރޮނަލްޑް ރޭގަންއެވެ. އެ ފަހަރު ވެސް ކެޕިޓޮލްގެ ސަރަހައްދަށް ވަރަށް ފިނި ގަދަވިއެވެ.
ރައީސް ވިލިއަމް ހެންރީ ހެރިސަން ވަނީ 1841 ވަނަ އަހަރުގެ ފިނި ގަދަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ސަބަބުން ރޯގާ އާއި ނިއުމޯނިއާ ޖެހިގެން އޭގެ ބަރާބަރު އެއް މަސް ފަހުން އަވަހާރަވެފައެވެ. އޭނާގެ ވެރިކަންވީ އެމެރިކާގެ ރައީސެއްގެ އެންމެ ކުރު ރިޔާސީ ދައުރަށެވެ.



advertisment