Support Us

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ފަލަސްތީނު ރައްޔިތުން އިއްޔެ އުފާ ފާޅުކުރަނީ

ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެއްބަސްވެއްޖެ

އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޣައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސް އާއި އިސްރާއީލުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

އޮކްޓޫބަރު 2023 ގެ ހަތެއްގައި ފެށި ހަނގުރާމައަށް 460 ދުވަސް ވެފައިވާއިރު، އިއްޔެ އެއްބަސްވި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައިވާ މުހިންމު އެއް ކަމަކީ ހަމާސްއިން ރަހީނު ކުރި 251 ޔަހޫދީން ދޫކޮށްލުމާއި އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމެވެ.

އިސްރާއީލުން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައި ވާއިރު އިސްރާއީލުން އިއްޔެ ބުނީ ގަތަރުން މުހިންމު ދައުރެއް އަދާކުރި އެއްބަސްވުމަށް ތާއީދުކުރުމާމެދު އިސްރާއީލު ސަރުކާރުން މިއަދު ވޯޓެއް ނަގާނެ ކަމަށެވެ.

ނަމަވެސް ހަމާސް އާއި އިސްރާއީލުން މި ސުލްހައިގެ މުއާހަދާއަށް އިއްޔެ ވަނީ އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ރޮއިޓާސް އާއި އެސޯސިއޭޓަޑް ޕްރެސްއަށް ބުނި ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރިއެވެ.

ސުލްހައިގެ އެއްބަސްވުމުގެ ދަށުން، ގެދޮރު ދޫކޮށް ގޮސްފައިވާ ފަލަސްތީނު ރައްޔިތުން އެނބުރި ގެދޮރަށް އައުމަށް ފުރުސަތު ދީފައިވެއެވެ. ނަމަވެސް ޣައްޒާ ސުންނާފަތި ކޮށްލައިފައިވާތީ ގިނަ ބައެއްގެ ގެދޮރެއް މިހާރަކު ނެތެވެ.

ސުލްހައިގެ އެއްބަސްވުމުގެ ތަފުސީލުތައް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އަލްޖަޒީރާ އާއި ރޮއިޓާސް އަދި އެސޯސިއޭޓަޑް ޕްރެސްއިން ވަނީ އެ އެޖެންސީތަކަށް ލިބިފައިވާ ރިޕޯޓްތައް ހާމަކޮށްފައެވެ. އެ ގޮތުން، ހަބަރު ފަތުރާ މި ތިން އެޖެންސީ ރިޕޯޓްކުރީ ސުލްހަ ގާއިމުކުރަނީ މަރުހަލާތަކަކަށް ބަހައިލައިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ރަހީނުންނާއި ގައިދީން ވަކި އަދަދަކަށް ދެ ފަރާތުން މިނިވަންކުރާނެއެވެ. އަދި ޣައްޒާއިން ވަކި އަދަދަކަށް އިސްރާއީލު ސިފައިން ބާލާއިރު، ޣައްޒާއަށް ގިނަ އަދަދަކަށް އެހީ ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ދުވާލަކު 600 ލޮރީގެ އެހީ ޣައްޒާއަށް ވެއްދުމަށް ހަމަޖައްސައިފައިވެއެވެ.

ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ރަހީނު ކުރި ޔަހޫދީންގެ ތެރެއިން 33 މީހުން ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ އާއްމުން ހިމެނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ 2،000 ގައިދީން ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ހިމެނެއެވެ. މީގެ އިތުރުން 2023 ގެ އޮކްޓޫބަރު ހަތެއްގެ ފަހުން އިސްރާއީލުން ހައްޔަރުކުރި 1،000 އެއްހާ ފަލަސްތީނު ރައްޔިތުން ދޫކޮށްލާނެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ ބޯޑަރުން 700 މީޓަރަށްވުރެ އެތެރޭގައި ނުތިބުމަށް ހަމަޖެހިފައިވެއެވެ.

ޒަހަމްވެފައިވާ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކުން ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ދަތުރުކުރަން ހުއްދަ ދޭނެއެވެ. އަދި ޣައްޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ހުޅުވާލާނީ މުއާހަދާގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށާތާ ހަތް ދުވަސް ފަހުންނެވެ. ފަހުގެ މަރުހަލާތަކުގައި މިސްރާއި ޣައްޒާ ގުޅޭ ބޯޑަރުން އިސްރާއީލު ސިފައިން އެއްކޮށް ބާލަން ހަމަޖައްސައިފައިވެއެވެ.

ސުލްހައިގެ ދެވަނަ އަދި ތިންވަނަ މަރުހަލާއަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ނަމަވެސް، ތަފުސީލުތަކަށް އެއްބަސްވާން ހަމަޖައްސައިފައިވަނީ ފުރަތަމަ މަރުހަލާ ތެރޭގައެވެ. ހަ ހަފުތާ ވުމުގެ ކުރިން ދެވަނަ އަދި ތިން ވަނަ މަރުހަލާގެ ސުލްހައިގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ޔަގީންކަން އެމެރިކާ އާއި ގަތަރާއި އަދި މިސްރުން ވަނީ ހަމާސްއަށް ދީފައެވެ.

ދެވަނަ މަރުހަލާގައި ހަމާސްއިން ރަހީނުކޮށްފައިވާ ހުރިހާ ޔަހޫދީން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ. މީގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު ގައިދީން ދޫކޮށްލާނެއެވެ. އަދި ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ބޭލުމުގެ މަރުހަލާ ފަށާނެއެވެ.

މި ޝަރުތުތަކަކީ އިސްރާއީލުގެ ކެބިނެޓުން އަދި އެއްބަސްވުމަކަށް ނާންނަ ޝަރުތުތަކެކެވެ. ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ވަޒީރުން މި ޝަރުތުތަކާ ދެކޮޅެވެ. ނަތަންޔާހޫ ވެރިކަމުގައި ހުންނަނީ މި ވަޒީރުންގެ ތާއީދާއެކުއެވެ. މީގެ އިތުރުން މި ޝަރުތުތަކަކީ ޚުދު ނަތަންޔާހޫ ވެސް ދެކޮޅު ހަދާ ޝަރުތުތަކެކެވެ. އެ ގޮތުން ޣައްޒާގައި ހަމާސް ހަރަކާތްތެރިވާތީ އެ ކަން ވެސް ނަތަންޔާހޫ ބޭނުންކޮށްފައިވަނީ ޣައްޒާއަށް ހަމަލާ ދިނުމުގެ އުޒުރެއް ކަމުގައެވެ.

ތިން ވަނަ މަރުހަލާގެ ތަފުސީލުތައް އަދި އެހާ ސާފެއް ނޫނެވެ. މިހާރު އޮތް ގޮތުން ދެވަނަ މަރުހަލާ ފުރިހަމަ ކުރެވިއްޖެ ނަމަ، މަރުވެފައިވާ ޔަހޫދީ ރަހީނުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރުން ހިމެނެއެވެ. އޭގެ ބަދަލުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ބެލުމުގެ ދަށުން ޣައްޒާގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އާރާސްތު ކުރުމުގެ މަޝްރޫއެއް ހިންގާނެއެވެ.

ޣައްޒާގައި ސުލްހަ ގާއިމުކޮށްފައި، އެ ތަނުގައި ވެރިކަން ކުރާނެ ބަޔަކީ ކޮބައި ކަމެއް އަދި ސާފެއް ނޫނެވެ. އެމެރިކާއިން ބޭނުންވަނީ އިސްލާހު ކޮށްފައިވާ ފަލަސްތީން އޮތޯރިޓީން ޣައްޒާ ބެލެހެއްޓުމަށެވެ. އަނެއްކޮޅުން 1990 ގެ އަހަރުތަކުގައި ގާއިމު ކުރި އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތިބި މެންބަރުން ބޭނުމެއް ނުވެއެވެ. ނަމަވެސް ޣައްޒާގައި އޮންނަން އިސްރާއީލުން ބޭނުންވަނީ ކޮން ކަހަލަ ސަރުކާރެއްތޯއާމެދު އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *