Support Us

ޕާލަމަންޓުން އަޒުލުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް

ހައްޔަރުވިޔަދިނީ ލޭއޮހޮރުވުމަކުން ގައުމު ސަލާމަތްކުރަން: ދެކުނު ކޮރެއާގެ ރައީސް

ގާނޫނު ހަދާ މަޖިލީހުން އަޒުލުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް މިއަދު ހައްޔަރުވިޔަދިނީ ލޭއޮހޮރުވުމަކުން ގައުމު ސަލާމަތްކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ވެރިކަމުގައި ހުންނަަަވަނިކޮށް ރައީސަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

މިއަދު ޔޫން ހައްޔަރުކުރީ އޭނާ ހައްޔަރުކުރުމަށް މީގެ ކުރިން ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ. ސަބަބަކީ އަޒުލުކުރި ފަހުން ސަލާމަތީ އޮފިސަރުންތަކެއްގެ އެހީގައި ރިޔާސީ ގަނޑުވަރުން ނުކުންނެވުމަށް ދެކޮޅު ހެއްދެވުމުންނެވެ.

މިއަދު ޔޫން ހައްޔަރު ކުރުމަށް 3،000 ފުލުހުން ވަނީ ފޮނުވައިފައެވެ. އެ އޮފިސަރުން ރިޔާސީ ގަނޑަވަރުގެ ފާރު މައްޗަށް އަރައި، ކަށިނަރު ބުރިކޮށްގެން އެ ތަނުގެ ތެރެއަށް ފައިބައި ޔޫން ހައްޔަރުކުރިއެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް ހައްޔަރު ކުރުމަށް ރިޔާސީ ގަނޑުވަރުގެ ފާރުމައްޗަށް އަރައި ފުލުހުން މިއަދު ކަށިނަރު ބުރިކުރަނީ

މި މަންޒަރުތައް މީޑިއާއިން ލައިވްކޮށް ދައްކަމުން ދިޔުމުން ޔޫންއަށް ތާއީދުކުރާ މީހުން ރިޔާސީ ގަނޑުވަރު ކައިރިއަށް ޖަމާވެ، ފުލުހުންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިންގިއެވެ.

ޔޫންއާ ދެކޮޅަށް ތުހުމަތު ކުރެވެނީ މިދިޔަ މަހު ތިން ވަނަ ދުވަހު ކުރު މުއްދަތަކަށް ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމުން އެއީ ގައުމުގައި ފިތުނަ އުފެއްދުން ކަމަށެވެ.

ޔޫންގެ އަޒުލުކުރުން ދަމަހައްޓާނީތޯ ނުވަތަ ރިޔާސީ ބާރުތައް އަލުން ދޭނީތޯއާމެދު ގައުމުގެ ދުސްތޫރީ ކޯޓުން މިހާރު އަންނަނީ ވިސްނަމުންނެވެ.

"އަޅުގަނޑާ ދެކޮޅަށް ހިންގަމުންދަނީ ގާނޫނާ ހިލާފު ޖިނާއީ ތަހުގީގެއް،" ޔޫން ކުރިން ވިދާޅުވެފައިވެއެވެ.

ދެކުނު ކޮރެއާއަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ޑިމޮކްރެސީއެވެ. ނަމަވެސް ކުރީގެ ރައީސުންނާ ދެކޮޅަށް ޝަރީއަތް ކުރުމާއި އެ މީހުން ޖަލަށް ލުމަކީ އާއްމު ކަމެކެވެ.

މިއަދު ހެނދުނު ޔޫން ހައްޔަރު ކުރުމަށް ފަހު އޭނާއާ ސުވާލު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ލިބޭނީ 48 ގަޑިއިރެވެ. އެއަށް ފަހު އެ އިދާރާތަކަށް ޖެހޭނީ އޭނާ ހައްޔަރުގައި ބެހެއްޓުމަށް ވޮރަންޓެއް ހޯދާށެވެ. ވޮރަންޓް ލިބުމުން އޭނާ ހައްޔަރުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 20 ދުވަހުއެވެ. އެހެން ނޫނީ ޖެހޭނީ މިނިވަން ކުރާށެވެ.

ޔޫންއާ ދެކޮޅަށް ތަހުގީގު ހިންގާ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޮ ހައި ރޭންކިން އޮފިޝަލްސް (ސީ.އައި.އޯ)އިން ބުނީ ތަހުގީގުގައި ވާހަކަ ދެއްކެވުމަށް ޔޫން ދެކޮޅު ހެއްދެވި ކަމަށެވެ.

"ތަހުގީގު ހިންގާ މީހުންނާއެކު ދައްކަވާ ވާހަކަ ވީޑިއޯ ކުރުމަށް ޔޫން އެއްބަސްވެވަޑައެއްނުގަތް. ޔޫން ވާހަކަ ނުދައްކަވަން އުޅުއްވަނީ ކީއްވެ ކަމެއް ނޭނގޭ،" ސީ.އައި.އޯ.ގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ދެކުނު ކޮރެއާގެ މަގުބޫލު ސޫޕެއް ކަމަށްވާ ސޯއި ތޮޅީގެ ސުރުވާއެއް ފަރިއްކުޅުއްވަން ފުރުސަތު ދިނުމަށް ފަހު ޔޫންއާ ސުވާލު ކުރުން ކުރިއަށްގެންދާނެ ކަމަށެވެ.

"ނަމަވެސް މި ރޭ ދަންވަރު ސުވާލުކުރުން ކުރިއަށްގެންދާނެކަން އަދި ޔަގީނެއް ނޫން،" އެ އޮފިޝަލު ބުންޏެވެ.

މާޝަލް ލޯ ނުވަތަ ކުއްލި ހާލަތު ޔޫން އިއުލާން ކުރެއްވުން ދެކުނު ކޮރެއާގެ ރައްޔިތުންނަށް ވީ ސިހުން ލިބުނު ކަމަކަށެވެ. އަދި މި ކަމާ ގުޅިގެން މި ދިޔަ މަހު 14 ގައި ޕާލަމަންޓުން އޭނާ އަޒުލުކުރިއެވެ.

އޭޝިއާގެ ހަތަރު ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ދެކުނު ކޮރެއާއަކީ އެމެރިކާގެ އެންމެ އެކުވެރި އެއް ގައުމެވެ. ޔޫން ހައްޔަރުކުރުމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު ކޮރެއާގެ ގާނޫނު އަސާސީއާ އެއްގޮތަށް ދެކުނު ކޮރެއާގެ ސަރުކާރާއި ރައްޔިތުން ކުރާ އަމަލުތަކަށް ތަރުހީބު ދޭނެ ކަމަށެވެ.

ދެކުނު ކޮރެއާގެ އަވަށްޓެރި ޖަޕާނުން ބުނީ ޔޫންގެ މައްސަލަ "ސީރިއަސްކޮށް، ޝައުގުވެރިކަމާއެކު" ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ޔޫން ވިދާޅުވެފައިވަނީ ދެކުނު ކޮރެއާގައި އެންމެ ފަހުން ބޭއްވި އިންތިހާބު އޮޅުވާލައިފައިވާ ކަމަށެވެ. ކުއްލި ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތީ މި ކަމާ ހުރެ ކަމަށެވެ. އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޔޫން ކުރެއްވި ތުހުމަތު އިންތިހާބާ ބެހޭ އިދާރާއިން ވަނީ ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *