އޮސްޓްރޭލިއާގެ ކާ ތަނެއްގައި ހުޅުޖަހަން އުޅުނު ދެ މީހުން ކުރެ އެކަކުގެ ފަޓުލޫނުގައި ރޯވެ، ބަރަހަނާ ހާލުގައި އެ ތަނުން ފިލަން ޖެހިއްޖެއެވެ.
ދެ މީހުން ހައްޔަރު ކުރުމަށް، އެއީ ކޮން ބައެއްތޯ ދެނެގަންނަން ފުލުހުން މިހާރު ވަނީ ސީސީޓީވީ ވީޑިއޯއެއް އާއްމުކޮށްފައެވެ.
އެ ފުޓެޖުން ފެންނަނީ އެ ތަނުން އެކަކުގެ ފަޓުލޫނުގައި ރޯވުމުން އޭނާ ފަޓުލޫނު ބޭލުމަށް ފަހު ބަރަހަނާ ހާލުގައި އޭނާގެ އެކުވެރިޔާއާއެކު ފިލާ މަންޒަރެވެ.
މެލްބަން ސިޓީގައި ހިނގި މި ހާދިސާގައި ދެ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެ ދެ މީހުން ކުރެ އެކަކު އަތުގައި ކޮންޓޭނަރެއްވެއެވެ. ފުލުހުން ބުނީ އޭގައި ވަނީ އަލިފާން ހިފާ ޒާތުގެ ދިޔާ އެއްޗެއް ކަމަށެވެ.
"އެ ތަނުން އެކަކު އުޅުނީ ކެމެރާއަށް ނާރާ ހިސާބުގައި ކާ ތަނުގެ ކުރިމަތީގައި ރޯކޮށްލަން،" ފުލުހުން ބުންޏެވެ.
ފަޓުލޫނުގައި ހުޅު ހިފި މީހާ ޒަހަމްވި ކަމެއް ކަށަވަރެއް ނުވެއެވެ.
"އަނެއް މީހާއަށް ގެއްލުމެއް ލިބުނު ކަމަކަށް ނުފެނޭ،" ވިކްޓޯރިއާ ސްޓޭޓްގެ ފުލުހުން ބުންޏެވެ.
ދެ މީހުންނަކީ ކޮން ބައެއްކަން އެނގޭ ފަދަ މައުލޫމާތު ހުރި ނަމަ، އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފައެވެ.



advertisment