Support Us

ވިކްރަމް މިސްރީ (ވ) އަމީރު ހާން މުއްތަގީއާ އިއްޔެ ދުބާއީގައި ބައްދަލުކުރަނީ

ތޯލިބާން ސަރުކާރާ އިންޑިއާއިން ގުޅުން ބަދަހިކުރަނީ

އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރާ އިންޑިއާއިން ގުޅުން ބަދަހިކުރަން ފަށައިފިއެވެ.

އިންޑިއާގެ ހާރިޖިއްޔާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ތޯލިބާން ސަރުކާރުގެ ވަގުތީ ހާރިޖީ ވަޒީރު އަމީރު ހާން މުއްތަގީއާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި އިއްޔެ ބައްދަލުކޮށްފައެވެ. މިއީ އަފްޣާނިސްތާންގެ ވެރިކަމަށް ތޯލިބާން 2021 ގައި އައި ފަހުން ތޯލިބާން ސަރުކާރާ އިންޑިއާއިން އެންމެ މަތީ ފެންވަރުގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

"އިންޑިއާއަކީ ސަރަހައްދީ ގޮތުންނާއި އިގުތިސާދީ ގޮތުން އަފްޣާނިސްތާންގެ މުހިންމު ބައިވެރިއެއް،" ބައްދަލުވުމަށް ފަހު މުއްތަގީ ބުންޏެވެ.

އަފްޣާނިސްތާންގެ ހާރިޖިއްޔާއިން ބުނީ އިރާންގެ ޗަބަހާރު ބަނދަރު މެދުވެރިކޮށް އިންޑިއާއާ ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް މުއްތަގީ އާއި މިސްރީ މަޝްވަރާކުރި ކަމަށެވެ. ޗަބަހާރަކީ އިންޑިއާއިން އިރާނަށް ތަރައްގީކޮށްދެމުން އަންނަ ބަނދަރެކެވެ. ބޭނުމަކީ އިންޑިއާއާ ވާދަވެރި ޕާކިސްތާނުގެ ކަރާޗީ އާއި ގްވަދާރު ބަނދަރު ބޭނުންނުކުރުމެވެ.

"އަފްޣާނިސްތާން ގެންގުޅޭ އިގުތިސާދީ ކުރިއެރުމަށް ބިނާކޮށްފައިވާ ހާރިޖީ ސިޔާސަތުގެ ދަށުން ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް އިންޑިއާއާ ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފައިފައި،" އަފްޣާނިސްތާންގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިންޑިއާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާންގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި، ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ.

އިންޑިއާގައި ތިބި އެތައް ހާސް އަފްޣާނިސްތާން ރެފިއުޖީން އަނބުރާ އަފްޣާނިސްތާނަށް ގެނެސް ރިހެބިލިޓޭޓް ކުރަން މާއްދީ ގޮތުން އެހީވެދޭނެ ކަމަށް އިންޑިއާއިން ބުންޏެވެ. ޕާކިސްތާނާއި އިރާނުން ވަނީ އެއް މިލިއަނެއްހާ އަފްޣާނިސްތާންގެ ރެފިއުޖީން 2023 ގައި އަނބުރާ އަފްޣާނިސްތާނަށް ގެނެސްދީފައެވެ.

"އަފްޣާނިސްތާނަށް ގެނެސްދިން އަފްޣާނިސްތާންގެ ރެފިއުޖީންނަށް އަފްޣާނިސްތާންގައި ބިން ދޭން ފަށައިފިން،" އަފްޣާނިސްތާންގެ އޮފިޝަލަކު ބުންޏެވެ.

މުއްތަގީ އާއި މިސްރީ ކުރި މަޝްވަރާތަކުގައި އަފްޣާނިސްތާންގެ ސިއްހީ ދާއިރާއަށް އިންޑިއާއިން އެހީވުމަށް އިންޑިއާއިން ނިންމިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ކްރިކެޓްގައި، އަފްޣާނިސްތާނަށް އެހީވުމަށް އިންޑިއާއިން ނިންމިއެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ވެސް ތޯލިބާން ސަރުކާރު ރަސްމީ ގޮތުން ބަލައިގަތްފައި އަދި ނުވެއެވެ. ނަމަވެސް ތޯލިބާން ސަރުކާރަށް އިންޑިއާއިން ވަނީ އިންސާނީ އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ގޮދަން، ބޭސް، ކޮވިޑް ވެކްސިން އަދި ހަރީފު މޫސުމަށް އެކަށޭނަ އަންނައުނު ވަނީ ފޮނުވައިދީފައެވެ.

އަފްޣާނިސްތާންގެ ވެރިކަމަށް ތޯލިބާން އައިތާ އެއް އަހަރު ފަހުން 2022 ގެ ޖޫން މަހު އިންޑިއާއިން ވަނީ އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުރި އެމްބަސީ ހުޅުވައިފައެވެ. އަދި އެ ތަން ހިންގުމަށް ފަންނީ އެހީތެރިން ފޮނުވައިފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުރި އަފްޣާނިސްތާންގެ އެމްބަސީ 2023 ގެ ނޮވެމްބަރުގައި ވަނީ ބަންދުކޮށްފައެވެ. އެއީ ތޯލިބާނުން ވައްޓައިލި އަފްޣާނިސްތާންގެ އެއިރުގެ ސަރުކާރުގެ ޑިޕްލޮމެޓުންނަށް ވިސާ ނުދޭން އިންޑިއާއިން ނިންމުމުންނެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު އިންޑިއާގެ އިގުތިސާދީ މައި ނާރު ކަމަށްވާ މުމްބާއީގައި ހުންނަ އަފްޣާނިސްތާންގެ މަންދޫބަކަށް އިކްރާމުއްދީން ކާމިލް ވަނީ ހަމަޖައްސައިފައެވެ.

މުއްތަގީ އާއި މިސްރީގެ ބައްދަލުވުން އިއްޔެ މި ބޭއްވީ ޕާކިސްތާނާ އަފްޣާނިސްތާންގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނަށް ނިސްބަތްވާ ތޯލިބާން ހަނގުރާމަވެރިންތަކެއް އަފްޣާނިސްތާންގެ ޕަކްޓިކާ ޕްރޮވިންސުން ޕާކިސްތާނަށް ހަމަލާ ދޭ ކަމަށް ތުހުމަތުކޮށް ޕާކިސްތާނުން މި ދިޔަ ހަފުތާގައި ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ. އެ ގޮތުން ދިން ހަމަލާތަކެއްގައި އެތައް ޑަޒަނެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަފްޣާނިސްތާންގެ ބިމުގައި ތިބެގެން ޕާކިސްތާނުގެ ތޯލިބާނުން ޕާކިސްތާނަށް ހަމަލާ ދިނުން އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ކިބައިން އިންޑިއާ އާއި ޕާކިސްތާނު 1947 ގައި މިނިވަންވި ފަހުން ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ވަނީ ތިން ހަނގުރާމައެއްކޮށްފައެވެ.

އިންޑިއާގެ ސަލާމަތީ ކަންތައްތަކާމެދު ވިސްނާނެ ކަމަށް އަފްޣާނިސްތާނުން އިއްޔެ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *