ދުނިޔޭގެ އެންމެ ބޮޑު ދެ ކަނޑު ގުޅުވައިދޭ ޕެނަމާ ކެނަލް އަތުލައްވަފާނެކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކަނޑު ޕެސިފިކް އާއި ދެވަނައަށް އެންމެ ބޮޑު ކަނޑު އެޓްލާންޓިކް އެންމެ ފަސޭހައިން ގުޅުވައިދެނީ އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާ ގުޅުވައިދޭ ގައުމު ޕެނަމާގެ ތެރެއިން ކަނޑުމަގުން ދެވޭ ޕެނަމާ ކެނަލުންނެވެ.
ދެކުނު އެމެރިކާގެ ދެކުނު ބިތު ކައިރިން ދިގު ދަތުރެއް ނުކުރަން ބޯޓުފަހަރު ދަތުރު ކުރަނީ ޕެނަމާ ކެނަލުންނެވެ. އެ ގޮތުން ދުނިޔޭގެ ބޯޓުފަހަރު ތެރެއިން ފަސް ޕަސެންޓް ދަތުރުކުރަނީ ޕެނަމާ ކެނަލުންނެވެ. މިއީ އޭޝިއާ އާއި އެމެރިކާގެ އިރުމަތީ އައްސޭރިއަށް ދަތުރުކުރާ ބޯޓުފަހަރު ވެސް ދަތުރުކުރާ ކަނޑުގެ މަގެވެ.
ޕެނަމާ ކެނަލް ހިންގާ ޕެނަމާގެ އިދާރާއިން ބުނީ މިދިޔަ އަހަރު ރެކޯޑު އަދަދެއްގެ އާމްދަނީ ޕެނަމާ ކެނަލުން ދަތުރުކުރާ އުޅަނދުފަހަރުން ލިބުނު ކަމަށެވެ. އެއީ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު (76 ބިލިއަން ރުފިޔާ)އެވެ.
ޕެނަމާ ކެނަލު އަތުލައްވަފާނެ ކަމަށް ޓްރަމްޕް އިއްޔެ އިންޒާރުދެއްވީ ޕެނަމާއިން އެމެރިކާގެ އުޅަނދުފަހަރުގެ އަތުން ނަގާ ފީ މާބޮޑު ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ މި އިންޒާރާ ގުޅޭ ގޮތުން ޕެނަމާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
"އެމެރިކާގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިކުރާ ބޯޓުފަހަރާމެދު ޕެނަމާއިން ކަންތައް ކުރަމުންދަނީ ނާއިންސާފުން. ޕެނަމާއިން ނަގާ ފީ ހައްދުފަހަނަޅާ ވަރަށް ބޮޑު،" އަންނަ މަހު 20 ގައި ރައީސްކަމުގެ ހުވާ ކުރައްވާ ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވިއެވެ.
"އަހަރެމެންގެ ގައުމު ފެލައިލުން މިހާރުން މިހާރަށް ހުއްޓުމަކަށް ގެންނާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ޕެނަމާ ކެނަލަށް އެމެރިކާއާ ވާދަވެރި ޗައިނާއިން ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ.
ޕެނަމާ ކެނަލް 1914 ގައި ބިނާކުރުމުގައި އިސްވެއުޅުނީ އެމެރިކާއެވެ. އެ ކެނަލް ބެލެހެއްޓުމުގައި އެތައް ދަހަރަކު އެންމެ އިސްކޮށް އުޅުނީ ވެސް އެމެރިކާއެވެ. ދެން، ދުވަސްކޮޅަކު ޕެނަމާއާ ގުޅިގެން ކެނަލް ހިންގުމަށް ފަހު، ކެނަލްގެ ހިންގުން މުޅިން ޕެނަމާއާ ހަވާލުކުރީ 1999 ގައެވެ.
"ޕެނަމާ ކެނަލް ހިންގުމަކީ ހަމައެކަނި ޕެނަމާއާ ހަވާލުކުރިކަމެއް. ޗައިނާއަކަށް ނޫން. ނުވަތަ އެހެން ބަޔަކަށް ވެސް ނޫން. ނުބައި ބައި ބައެއްގެ އަތަށް ޕެނަމާ ކެނަލް ދިޔަކަ ނުދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި އިންޒާރަކީ އެމެރިކާގެ ވެރިޔަކު މީގެ ކުރިން ވަރަށް ނުދެއްވާ ކަހަލަ އިންޒާރެކެވެ. އެހެނީ މި އިންޒާރުން ދޭހަވި މާނައަކީ މިނިވަން ގައުމެއްގެ އިސްތިގުލާލާއި ސިޔާދަތަށް އެމެރިކާއިން އަރައިގަތްފާނެކަމެވެ. މިނިވަން ގައުމެއްގެ ބިމާއި ކަނޑުން ބައެއް އެމެރިކާއަށް ދޭން ޕްރެޝަރު ކުރެއްވީމައެވެ.
"ޕެނަމާ ކެނަލް ޕެނަމާއަށް ދިނީ އެހެން ބައެއްގެ ފައިދާއަކަށް ނޫން. އެއީ އެމެރިކާ އާއި ޕެނަމާގެ ގުޅުން ރަމްޒުކޮށްދޭން. އެމެރިކާއިން ޕެނަމާއަށް މި ދިން ހަދިޔާ ސުލޫކީ އަދި ގާނޫނީ ގޮތުން ބަލައިނުގަންނަ ނަމަ، އެއްވެސް ސުވާލަކާނުލައި ޕެނަމާ ކެނަލް އަލުން އަނބުރާ އެމެރިކާއަށް އެއްކޮށް ދިނުމަށް ޕެނަމާއަށް ގޮވައިލަން،" ޓްރަމްޕް ވިދާޅުވިއެވެ.



advertisment