Support Us

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އޭނާގެ ފުރަތަމަ ރިޔާސީ ދައުރުގައި 2020 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވަނީ

މުދަލުގެ ޑިއުޓީ މައްސަލައިގައި ޓްރަމްޕްގެ ބަހުގެ ހަމަލާއެއް އިންޑިއާއަށް

އިންޑިއާއިން އެމެރިކާގެ މުދަލަށް 100 ޕަސެންޓް ޓެކްސް ނަގަން ފަށައިފިއްޔާ، އިންޑިއާގެ މުދަލުން އެމެރިކާއިން ވެސް އެ ވަރަށް ޓެކްސް ނަގާނެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

"އިންޑިއާއިން އެމެރިކާގެ މުދަލަށް އަބަދުވެސް ބޮޑެތި ޓެކްސް ނަގަމުންދޭ،" އިންޑިއާއާ މެދު ޓްރަމްޕް އަބަދުވެސް ގެންގުޅުއްވާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.

އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރުމަށް އެމެރިކާއިން އިންޑިއާއަށް ދީފައިވާ ހާއްސަ އިނާޔަތް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި 2019 ގައި ވަނީ ކަނޑުއްވައިލައްވައިފައެވެ.

އަންނަ މަހު 20 ގައި ރިޔާސީ ހުވާކުރެއްވުމުގެ ކުރިން ވެސް ޓްރަމްޕް މިހާރު ވިދާޅުވަމުން އަންނަނީ އޭނާގެ "ފުރަތަމަ އެމެރިކާ" ސިޔާސަތުގެ ދަށުން، ހުރިހާ ކަމެއްގައި ވެސް އެމެރިކާއަށް އެންމެ ފުރަތަމަ އިސްކަން ދެއްވައި، ގިނަ ގައުމުތަކުގެ މުދަލުން ޑިއުޓީ ނަންގަވަން ފައްޓަވައިފައިނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޓްރަމްޕްގެ ގުޅުން ގާތް ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އިންޑިއާ އާއި އެމެރިކާގެ ދެމެދުގައިވަނީ ޑިއުޓީ ނެގުމުގެ "ހަނގުރާމަ"އެއް ހިނގައިފައެވެ.

"އެމެރިކާގެ މުދަލުން ޓެކްސް ނަގާ މިންވަރާ އެއްވަރަށް، އެމެރިކާގެ މުދަލުން އެ ޓެކްސް ނަގާ ގައުމެއްގެ މުދަލުން އެމެރިކާއިން ވެސް ޓެކްސް ނަގާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކަންތައްތައް ހުރި ގޮތުން އެމެރިކާގެ މުދަލުން ޓެކްސް ނަގާ ބައެއް ގައުމުތަކުގެ މުދަލުން އެމެރިކާއިން މި ވަގުތު ޓެކްސް ނުނަގާ ކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ފަދަ ގައުމުތަކުގެ މުދަލުން ޓެކްސް ނަންގަވާނެ ކަމަށެވެ.

"އިންޑިއާއިން އެމެރިކާގެ މުދަލަށް 100 ޕަސެންޓް ޓެކްސް ނަގާ ނަމަ، އެމެރިކާއިން އިންޑިއާގެ މުދަލަށް ޓެކްސް ނުނަގާ ހުންނަންވީތަ؟" ޓްރަމްޕް ސުވާލު އުފެއްދެވިއެވެ.

"އިންޑިއާއިން އެމެރިކާގެ މުދަލަށް ވަރަށް ބޮޑު ޓެކްސެއް ނަގާ. ބްރެޒިލްއިންވެސް އެމެރިކާގެ މުދަލަށް ވަރަށް ބޮޑު ޓެކްސެއް ނަގާ. އެ ގައުމުތަކުން އެމެރިކާގެ މުދަލުން ޓެކްސް ނަގާ މިންވަރަށް އެމެރިކާއިން ވެސް އެ ގައުމުތަކުގެ މުދަލުން ޓެކްސް ނަގާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އިންޑިއާއިން 2019 ގައި އެމެރިކާގެ ކިބައިން ބަދަލުހިފުމުގެ ގޮތުންވަނީ އެމެރިކާގެ 28 އުފެއްދުމަކުން ބޮޑެތި ޓެކްސް ނަގަން ފަށައިފައެވެ. އޭގެ ތެރޭގައި އާމަންޑާއި އާފަލާއި ވޮލްނަޓު ހިމެނެއެވެ. އެއީ "ޖެނެރެލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް" (ޖީ.އެސް.ޕީ)ގެ ދަށުން އިންޑިއާގެ މުދާ އެތެރެ ނުކުރެވޭނެ ގޮތް އެމެރިކާއިން ހެދުމުންނެވެ.

ޖީ.އެސް.ޕީ.ގެ ދަށުން އެމެރިކާއިން އެންމެ ބޮޑު އިނާޔަތެއް ދިނީ އިންޑިއާއަށެވެ. އެ ގޮތުން ޑިއުޓީ ނުދައްކާ 5.6 ބިލިއަން ޑޮލަރު (86 ބިލިއަން ރުފިޔާ)ގެ މުދާ ކޮންމެ އަހަރަކު އެމެރިކާއަށް އެތެރެކުރަން އިންޑިއާއަށް ހުއްދަ ދިނެވެ. މި ދިޔަ އަހަރު އިންޑިއާއިން އެމެރިކާއަށް 120 ބިލިއަން ޑޮލަރު (1847 ބިލިއަން ރުފިޔާ)ގެ މުދާ އެކްސްޕޯޓުކުރިއެވެ. މިހެންވެ އެމެރިކާ ވެފައިވަނީ އިންޑިއާގެ މުދާ އެންމެ ގިނައިން އެތެރެކުރާ ގައުމަށެވެ.

ޓްރަމްޕާ ގާތް ގުޅުމެއް ބާއްވައިގެން އިންޑިއާއިން އެމެރިކާއާއެކު މަސައްކަތްކުރުމަށް ޖެހިލުންނުވާކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމާންޔަމް ޖައިޝަންކަރު ބުންޏެވެ.

"ފެށެން އުޅޭ ޓްރަމްޕްގެ ރިޔާސީ ދައުރުގައި އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަން އެހެން ގައުމުތަކަށްވުރެ އިންޑިއާއަށް އޮތް އެޑްވާންޓޭޖް ބޮޑު. އެހެން ގައުމުތަކުން ދެކެނީ ޓްރަމްޕްގެ ވެރިކަން ވެގެންދާނީ ސިޔާސީ ގޮންޖެހުމަކަށް ކަމަށް. ނަމަވެސް އިންޑިއާއިން އެ ގޮތަކަށް ނުދެކެން،" ޖައިޝަންކަރު ބުންޏެވެ.

މިދިޔަ މަހުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ "ބްރިކްސް" ޖަމިއްޔާގެ ފަސް ގައުމުގެ މުދަލުން 100 ޕަސެންޓް ޑިއުޓީ ނަގަން ފައްޓަވައިފައިނެ ކަމަށެވެ. މި ގައުމުތަކަކީ އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ، ބްރެޒިލް އަދި ރަޝިއާއެވެ.

"އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ބްރިކްސްގެ އަމިއްލަ ފައިސާއެއް އުފައްދައިފި ނަމަ، އެ ގައުމުތަކުގެ މުދަލުން 100 ޕަސެންޓް ޓެކްސް ނަގާނަން. އަދި އެމެރިކާގެ ވަރުގަދަ އިގުތިސާދަށް އެ ގައުމުތަކުން މުދާ ވިއްކުމަށް ހުއްދައެއް ނުދޭނަން،" މިދިޔަ މަހު 30 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *