ރައީސްކަމުން ބަޝާރުލްއައްސަދު ދުރުކުރުމަށް ފަހު ވެރިކަމުގައި މިހާރު ތިބި އިދިކޮޅު ހަނގުރާމަވެރިންނަށް ސޫރިޔާގައި އަނިޔާވެރިކޮށް މަރައިލައިފައިވާ އެތައް ހާސް ބައެއްގެ ކަށްވަޅުތައް ފެންނަން ފަށައިފިއެވެ.
ވެރިރަށް ދިމިޝްގާ 25 މޭލު ކައިރިން އެންމެ ފަހުން ފެނުނު ކަށްވަޅުގައި އެކަނި ވެސް އެތައް ހާސް ބަޔަކު ވަޅުލައިފައިވާ ކަމަށް ބެލެވޭ ކަމަށް އިންތިގާލީ ސަރުކާރުން ބުންޏެވެ.
އަލްގުތައިފާއިން ފެނުނު މި ކަށްވަޅަކީ އެތައް ދަހަރަކަށް ދެމިގެން ދިޔަ އަލްއައްސަދު އާއިލާ ވެރިކަމުން ވެއްޓުނު ފަހުން އެންމެ ފަހުން ފެނުނު ކަށްވަޅެވެ.
ސޫރިޔާގެ ދެކުނު ސަރަހައްދަކުން ދާދި ފަހުން ވަނީ 12 ކަށްވަޅު ފެނިފައެވެ. އޭގެ ތެރޭގައިވާ 22 ހަށިގަނޑުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ފެނުނުއިރު އެ މީހުންނަށް އަނިޔާކޮށް މަރައިލައިފައިވާކަމުގެ ނިޝާންތައްވަނީ ފެނިފައެވެ.
ބަޝާރުގެ އިތުރުން އޭނާގެ ބައްޕަ ހާފިޒުގެ ވެރިކަމުގައި ޝަރީއަތް ނުކޮށް އެތައް ހާސް ބަޔަކު އަނިޔާވެރި ޖަލުތަކުގައި މަރައިލައިފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
އަލްއައްސަދު އާއިލާއިން ސޫރިޔާގައި 54 އަހަރު ވަންދެން ކުރި ވެރިކަމުގައި އަނިޔާވެރިކަން ހައްދުފަހަނަޅާ ދިޔަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްއިން މި ދިޔަ ހަފުތާގައި ސޫރިޔާގެ ދެކުނުގައި އޮންނަ ތަޒާމަން އަވަށަށް ޒިޔާރަތްކޮށް ކަށްވަޅުތައް ބެލިއެވެ.
"ގަސްދުގައި މަރައިލައިފައިވާ ކަމުގެ ނިޝާންތައް ހުރި ގަބުރުތައް ފެނުނު،" އެ ޖަމިއްޔާއިން ބުންޏެވެ.
ސޫރިޔާގެ އާ ސަރުކާރާ ހަވާލުވެވަޑައިގަތް ހުންނެވި އަހްމަދު އަލް-ޝަރާ، އަލް ޖަޒީރާއަށް ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާ ހިންގި ފަރާތްތަކާއި އެ ޖަރީމާތައް ހިންގުމަށް އަލްއައްސަދު އާއިލާއަށް އެހީވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.
"އަހަރެމެންގެ ރައްޔިތުން ގެންނަން ބޭނުންވާ އިންސާފު ނުގެނެސް ނުހުންނާނަން. އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގައިފައިވާ ޖަރީމާތައް ހަނދާން ނެތުނަ ނުދޭނަން،" އަހްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ކަމާ ގުޅޭ ހެކިތައް މިހާރު އެއްކުރަމުން އަންނަ ކަމަށެވެ. އަދި އަލް-އައްސަދުގެ އާއިލާއިން ހިންގައިފައިވާ ޖަރީމާތަކުގެ ހެކި ދެނެގަތުމަށް އެހީވުމަށް އދ. އާއި ބައިނަލްއަގުވާމީ މުއައްސަސާތަކަށް ގޮވައިލެއްވިއެވެ.
ބަޝާރު ފިއްލަވައިގެން ރަޝިއާއިން ހިމާޔަތް ހޯއްދެވުމަށް ފަހު ނެރުއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ އޭނާ ސޫރިޔާ ދޫކޮށްލެއްވީ އިދިކޮޅު ހަނގުރާމަވެރިން ދިމިޝްގު ހިފި ހިސާބުން ކަމަށެވެ. އަދި ތުހުމަތު ކުރެއްވީ ސޫރިޔާގެ ވެރިކަމުގައި މިހާރު ތިއްބެވީ ޓެރަރިސްޓުން ކަމަށެވެ.
އަހްމަދުގެ ހަޔައަތު ތަހްރީރުއްޝާމް (އެޗް.ޓީ.އެސް)އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ގިނަ ގައުމުތަކަކުން ކަނޑައަޅައިފައިވެއެވެ.
އަހްމަދު ވިދާޅުވީ ސޫރިޔާގައި އަޣުލަބިއްޔަތު ނެތް މީސްތަކުންނަށް ރައްކާތެރިކަން ދެއްވާނެ ކަމަށާއި ގައުމަށް ރައްކާތެރިކަން ގެންނެވުމުގެ އިތުރުން ސުލްހަވެރި ސިޔާސީ ބަދަލެއް ސަރުކާރަށް ގެންނަވާނެ ކަމަށެވެ.



advertisment