އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ކުކިން އޮއިލްގެ ސަބަބުން ކޮލޮން ނުވަތަ ބޮޑު ގޮހޮރުގެ ކެންސަރު އިތުރުވަމުންދާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ހުޅަނގުގެ ގައުމުތަކުގައި ޕްރޮސެސްކޮށްފައި ހުންނަ ކެއުންތަކުގައި ބޭނުންކުރާ، ތަފާތު ބާވަތްތަކުގެ އޮށުން ތައްޔާރުކުރާ، ކައްކާ ތެލުގެ ސަބަބުން ކޮލޮން ކެންސަރު ޖެހޭ ކަމަށް އެމެރިކާ ސަރުކާރުން އިސްނަގައިގެން ކުރި މި ދިރާސާއިން ހާމަވިއެވެ.
މި ދިރާސާއަކީ ކުކިން އޮއިލް އާއި ކޮލޮން ކެންސަރާ ގުޅުން ހުރިކަން ހާމަވި ފުރަތަމަ ދިރާސާއެވެ.
ކޮލޮން ކެންސަރު ޖެހިފައިވާ، އުމުރުން 30 އަހަރާއި 80 އަހަރާ ދެމެދުގެ 80 މީހުންގެ ސާމްޕަލަކުން އެނގުނީ މި މީހުންނަށް ބޮޑު ގޮހޮރުގެ ކެންސަރު ޖެހިފައިވަނީ ސިއްހަތަށް ރަނގަޅު ނޫން އޮށުގެ ބާވަތްތައް ކަމަށްވާ ސަންފްލާވާ، ގްރޭޕްސީޑް، ކެނޯލާ އަދި ޒުވާރިން ތައްޔާރުކުރާ ކުކިން އޮއިލް ބޭނުންކުރުމުންކަމެވެ.
"އޮމެގާ-3 ފެޓް އެސިޑް އެކުލެވޭ އޮށް ރަނގަޅީ. އެ ގޮތުން އެވޮކާޑޯ އާއި ޒައިތޫނީގެ ތެލަކީ ރަނގަޅު ތަކެތި،" ދިރާސާގައި ބުނެފައިވެއެވެ.
ސައިންސްވެރިއެއްކަމަށްވާ ޑރ. ޓިމޮތީ ޔީޓްމަން ބުނީ ވަރަށް ބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާބޯތަކެތި ބޭނުންކުރާ ނަމަ، ޖެހޭ ކެންސަރު އޭގެ ޒާތުގައި ރަނގަޅެއް ނުވާނެ ކަމަށެވެ.



advertisment