ބޮމެއް ގޮއްވައިލައިގެން ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައި އަފްޣާނިސްތާނުގެ ރެފިއުޖީންނާ ބެހޭ ވަގުތީ ވަޒީރު ހަލީލުއްރަހްމާން ހަގާނީ މިއަދު މަރުވެއްޖެއެވެ.
"ވެރިރަށް ކާބުލްގެ މި ގޮއްވާލުމުގައި އިތުރު ފަސް މީހުން ވެސް މަރުވި،" ތޯލިބާން ސަރުކާރުގެ ތަރުޖަމާނަކު ބުނިކަމަށް ރޮއިޓާސްއިން ރިޕޯޓުކުރިއެވެ.
ބޮން ގޮއްވައިލީ މީހަކު އަމިއްލައަށް މަރުވެގެންކަމަށް ބުނީ ދާހިލީ ވުޒާރާގެ އޮފިޝަލުން އެސޯސިއޭޓަޑް ޕްރެސްއަށެވެ.
"ބޮން ގޮއްވައިލީ ރެފިއުޖީންނާ ބެހޭ ވުޒާރާގައި،" އޮފިޝަލަކު އޭ.އެފް.ޕީ.އަށް ބުންޏެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި ނުނަގައެވެ.
ހަގާނީ ވަޒީރަކަށްވީ އެމެރިކާ ސިފައިން 2021 ގައި އަފްޣާނިސްތާނުން ފޭބުމުން ތޯލިބާން ޖަމާއަތުން ސަރުކާރަށް އައުމުންނެވެ.
"ނުފޫޒު ގަދަ 'ހަގާނީ ވިއުގަ’އިގެ އިސް ލީޑަރެއް ހަގާނީއަކީ. ތޯލިބާންގެ ދެ ދަހަރުގެ ހަނގުރާމަވެރި ކެމްޕޭންގައި އަނިޔާވެރި ހަމަލާތައް ދިނުމުގައި ހަގާނީ ވިއުގައިން ރޯލެއް ކުޅުނު،" އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.
ހަގާނީއަކީ ތޯލިބާންގެ ދާހިލީ ވަޒީރު ސިރާޖުއްދީން ހަގާނީގެ ބޮޑުބޭބެއެވެ.
ހަގާނީ މަރުވީ ރެފިއުޖީ ވުޒާރާގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
މިއީ ތޯލިބާނުން ވެރިކަމަށް އައި ފަހުން ބޮމެއް ގޮއްވައިލައިންގެން މަރައިލި އެންމެ އިސް ލީޑަރެވެ.
ހަގާނީ ވިއުގައަކީ ޕާކިސްތާނާ ވެސް ގުޅިގެން އަފްޣާނިސްތާނުގެ ތޯލިބާނުން ހިންގާ ހަނގުރާމަވެރި ވިއުގައެކެވެ. ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ޖަމާއަތް ނޭޓޯ އަފްޣާނިސްތާނުން ފޭބުމުން ތޯލިބާނުން ސަރުކާރު ހިފައި، މި ވިއުގައިގެ އެތައް ބަޔަކަށް ކެބިނެޓްގެ މަގާމުތައް ދީފައިވެއެވެ.
ހަގާނީ ވިއުގައިންވަނީ އުސާމާ ބިން ލާދިން އެމެރިކާއިން މަރައިލި ފަހުން ބިން ލާދިންގެ ޓެރަރިސްޓް ޖަމާއަތް އަލް-ގައިދާއާ ގާތް ގުޅުމެއް ބާއްވަން ފަށައިފައެވެ.
އަފްޣާނިސްތާނުގައި 2001 އިން ފެށިގެން ތޯލިބާނަށް އެހީވަމުން އައި ހަގާނީއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައެޅީ 2011 ގައެވެ. އަދި އޭނާ އަތުލައިގަންނަން މަގުފަހިކޮށްދޭ ފަރާތަކަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހުށަހެޅިއެވެ.
އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކަށް ދާ އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އިހާނެތިކޮށް ހިތާތީ އެ ކަން ކުށްވެރިކޮށް، އެ ގައުމުތަކުން އެ ރެފިއުޖީންތައް ބޭރުނުކޮށްލުމަށް ހަގާނީ މި ދިޔަ މަހު އިލްތިމާސްކުރިއެވެ.
ތޯލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށުމުން ގައުމު ދޫކޮށް ފިލައިގެން ދިޔަ އަފްޣާނިސްތާނު ރައްޔިތުން އަލުން އެނބުރި އައުމަށް ވެސް ހަގާނީ ގޮވައިލިއެވެ. އޭނާ ބުނީ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއަތް ހިންގަން ފެށީ ރައްޔިތުންގެ ލާބައަށްކަމަށާއި ގައުމުގައި މިހާރު ރައްކާތެރިކަން ގާއިމުކޮށްފައިވާނެ ކަމަށެވެ.



advertisment
One Response
ބަހަވީ ބޭބޭފުޅުން ތަރުތީބީ ވިސްނުމަކުން ރީތި ޢިބާރާތް ތަކަކުން ލިއުއްވާ މިނޫހުގެ މިޚަބަރުގައި " ވަޒީރު މަރައލައިފި." އޮތުމުން ޚަބަރު ކިޔަމުން ދިޔައިރު އުނދަގޫވިއެވެ. ބަހުގެ ހަމަތަކަށް ބަލައިލާއިރު ވަޒީރެއް އަވަހާރަކޮށްލައިފި .