Support Us

އިންޑިއާގެ ހާރިޖީ ސެކްރެޓަރީ ވިކްރަމް މިސްރާ (ކ) ބަނގްލަދޭޝްގެ ހާރިޖީ ސެކްރެޓަރީ މުހައްމަދު ޖާޝިމުއްދީންއާ މިއަދު ބަނގްލަދޭޝްގެ ވެރިރަށް ދާކާގައި ބައްދަލުކުރަނީ

ގުޅުން ފިނިކުރަން ބަނގްލަދޭޝް، އިންޑިއާގެ ހާރިޖީ ސެކްރެޓަރީން ބައްދަލުކޮށްފި

ދެކުނު އޭޝިއާގެ ދެ ގައުމުކަމަށްވާ ބަނގްލަދޭޝް އާއި އިންޑިއާގެ ދެމެދުގައި ހޫނުވަމުންދާ ގުޅުންތައް ފިނިކުރުމަށް ދެ ގައުމުގެ ހާރިޖީ ސެކްރެޓަރީން މިއަދު ބައްދަލުކޮށްފިއެވެ.

ބަނގްލަދޭޝްގައި ހިންދީ ދީނުގެ މީހުންނަށް ހަމަލާތައް އަމާޒުވެފައިވާއިރު އިންޑިއާގައި ހުރި ބަނގްލަދޭޝްގެ ޑިޕްލޮމެޓިކް މިޝަންއަކަށްވަނީ ހަމަލާދީފައެވެ.

ދެ ގައުމުގެ ދެމެދުގައި މައްސަލަ ޖެހެން ފެށީ އޮގަސްޓް މަހު ބަނގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ޝައިހު ހަސީނާ އިންޑިއާއިން ހިމާޔަތް ހޯއްދެވުމުންނެވެ. އަދި ދާދި ފަހުން ބަނގްލަދޭޝްގައި އަޣުލަބިއްޔަތު ނެތް ހިންދީ ދީނުގެ ހާމުދުރެއް ހައްޔަރުކުރުމުން ނަތީޖާއަކަށްވީ އިންޑިއާގައި ހުރި ބަނގްލަދޭޝްގެ ޑިޕްލޮމެޓިކް އޮފީހަށް ހަމަލާ ދިނުމެވެ.

ހަސީނާގެ އިސްތިއުފާއަށް ފަހު އިންޑިއާއިންވަނީ ބަނގްލަދޭޝް ރައްޔިތުންނަށް ވިސާ ދިނުން ދަތިކޮށްލައިފައެވެ. މިހާރު ވިސާ ދޫކުރަނީ ކުއްލި ސިއްހީ ފަރުވާ ހޯދުމަށެވެ.

އިންޑިއާގެ ހާރިޖީ ސެކްރެޓަރީ ވިކްރަމް މިސްރާ އާއި ބަނގްލަދޭޝްގެ ހާރިޖީ ސެކްރެޓަރީ މުހައްމަދު ޖާޝިމުއްދީންގެ މި ބައްދަލުކުރުމަކީ ހަސީނާގެ 15 އަހަރުވީ ވެރިކަން ވެއްޓުމަށް ފަހު އިންޑިއާގެ އިސް އޮފިޝަލެއް ބަނގްލަދޭޝްއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ހަސީނާ ބެލެވެނީ ހިންދީ ދީނުގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާގެ ރަހްމަތްތެރިއެއްގެ ގޮތުގައެވެ. އޭނާގެ އިސްތިއުފާއަށް ފަހު ބަނގްލަދޭޝްގައި އަޣުލަބިއްޔަތު ނެތް ހިންދީ ދީނުގެ މީހުންނަށް ބަނގްލަދޭޝްގެ މުސްލިމުން ދަނީ ހަމަލާދެމުންކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ބަނގުލަދޭޝްގެ ހިންދީ ދީނުގެ ގިނަ މީހުން ތާއީދުކުރަނީ ހަސީނާގެ އަލްމާނީ ނަޒަރިއްޔާތުގެ އަވާމީ ލީގް ޕާޓީއަށް ކަމަށް ބެލެވެއެވެ.

ބަނގްލަދޭޝްގައި އުޅޭ ހިންދީ ދީނުގެ މީހުންނަށް ހިމާޔަތް ދޭން ގޮވައިލައި، ބަނގްލަދޭޝްގެ ހިންދީ ދީނުގެ ހާމުދުރު ޗިންމޮއި ދާސް ޕްރަބޫ އިހުތިޖާޖުތަކެއް ކުރިއަށް ގެންދިއުމުން މުހައްމަދު ޔޫނުސް ހަވާލުވެވަޑައިގެންފައިވާ ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޕްރަބޫ ހައްޔަރުކުރިއެވެ. މި ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާގެ ތުރިޕުރަ ސްޓޭޓްގެ ވެރިރަށް އަގަރްތަލާގައި ހުންނަ ބަނގްލަދޭޝްގެ ޑިޕްލޮމެޓިކް އޮފީހަށް އިންޑިއާގެ ހިންދީ ދީނުގެ ބަޔަކު ވަނީ ހަމަލާ ދީފައެވެ.

އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިރަށް ކޮލްކަތާގައި މިދިޔަ މަހު ހިންދީ ދީނުގެ މީހުން ވަނީ ބަނގްލަދޭޝްގެ ގައުމީ ދިދަ އަންދައިލައިފައެވެ. މި ކަމާ ޔޫނުސްގެ ސަރުކާރުން ނުރުހުން ފާޅުކުރިއެވެ.

ތުރިޕުރާގައި ހުރި ބަނގްލަދޭޝްގެ ޑިޕްލޮމެޓިކް އޮފީހަށް ދިން ހަމަލާ، ހަސީނާގެ ވާދަވެރިޔާ ކަމަށްވާ ހާލިދާ ޒިޔާގެ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ އާއި ބަނގްލަދޭޝްގެ އިސްލާމީ ގްރޫޕްތަކުންވަނީ ކުށްވެރިކޮށްފައެވެ.

ބަނގްލަދޭޝްގައި ހިންދީ ދީނުގެ މީހުންނަށް ހަމަލާ ދިނުމާއި ޕްރަބޫ ޖަލަށް ލުމާ ދެކޮޅަށް އިންޑިއާގައި ހިންދީ ދީނުގެ މީހުންވަނީ އިހުތިޖާޖުކޮށްފައެވެ.

މި ރޭގެ ވަގުތެއްގައި އިންޑިއާއަށް އެނބުރި ދިއުމުގެ ކުރިން މިސްރާ، ޔޫނުސް އާއި ހާރިޖީ އެޑްވައިޒަރު ތައުހީދު ހުސައިންއާ ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *