ޖާނުން ބޮޑު ލައިސާން އަލްބަޓްރޯސް ބާވަތުގެ ދޫންޏެއް އުމުރުން 74 ގައި ބިހެއް އަޅައިފިއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.
"ވިސްޑަމް"ގެ ނަން ދީފައިވާ މި އަލްބަޓްރޯސް ބިސް އަޅަން އައީ އެމެރިކާގެ ހަވާއީ ޖަޒީރާ ސްޓޭޓް ކައިރީގައި އޮންނަ މިޑްވޭ އަތޮޅަށެވެ. މި ޖަޒީރާއަށް ބިސް އަޅަން ކޮންމެ އަހަރަކު އެތައް މިލިއަން އަލްބަޓްރޯސް އާދެއެވެ.
"ވިސްޑަމް މިހާތަނަށްވަނީ އެ ސޮރުގެ މުޅި ހަޔާތުގައި 50 އަށްވުރެ ގިނަ ބިސްއަޅައިފައި. އެތައް ދަހަރެއްގައި އުޅުނީ އެކަކާ ރައްޓެހިވެގެން. ލައިސާން އަލްބަޓްރޯސްއަކީ އެކަކާ ރައްޓެހިވެގެން އުޅޭ ވަފާތެރި ދޫންޏެއް. އެކަމަކު ވިސްޑަމް ކުރިން ރައްޓެހިވެގެން އުޅުނު ބައިވެރިޔާ މިހާރު ނުފެންނަތާ އެތައް އަހަރެއްވެއްޖެ. މިހާރު އެހެން އަލްބަޓްރޯސްއާ ވިސްޑަމް ފްލާޓްކޮށް ޖިންސީ ސަމާސާކުރޭ،" މިޑްވޭ އަތޮޅުގެ މަހުލޫގުންނާ ބެހޭ މާހިރު ޖޮނަތަން ޕްލިސްނާ ބުންޏެވެ.
އޭނާ ބުނީ ވިސްޑަމް މި ފަހަރު ބިހެއް މި އެޅީ އާ ބައިވެރިޔަކާއެކު ކަމަށެވެ. އަދި އެ ބައިވެރިޔާ މި ބިސް "އިންކިއުބޭޓް" ނުވަތަ ފީކުރަން އެހީވަމުން އަންނަ ކަމަށެވެ.
"އަހަރެމެންނަށް ޔަގީން މި ބިސް ވިހާނެކަން،" ޖޮނަތަން ބުންޏެވެ.
އެމެރިކާގެ މަހާއި ޖަންގަލީގެ މަހުލޫގުންނާ ބެހޭ އިދާރާ، ޔޫ.އެސް ފިޝް އެންޑް ވައިލްޑްލައިފް ސާވިސްއިން ނޫސްވެރިންނަށް ދިން ފޮޓޯތަކާއި ވީޑިއޯއަކުން ފެންނަނީ ވިސްޑަމް އާއި އެ ސޮރުގެ އާ ބައިވެރިޔާ މި ބިހާ "ވާހަކަ ދައްކާ" މަންޒަރެވެ. ދެން ފެންނަނީ ފިރިސޮރު ބިސް މަތީގައި އިށީންނަ ތަނެވެ.
ވިސްޑަމް މިޑްވޭ އަތޮޅަށް ފުރަތަމަ ފަހަރަށް ބިސް އެޅީ 1956 ގައެވެ. އެއިރު އެ ސޮރުގެ އުމުރުން ފަސް އަހަރެވެ. އެއީ ބިސް އަޅަން ފަށާ އުމުރެވެ. އެ ފަހަރު އެ ސޮރުވަނީ ޓެގްކޮށްފައެވެ.
"މި މަސް ނިމޭއިރު ވިސްޑަމްގެ އުމުރުން 74 އަހަރުވާނެ. އަދި ފަހަރުގައި އެއަށްވުރެ ދޮށި ކަމަށް ވެސް ވެދާނެ. މިހެންވެއްޖެ ނަމަ ވިސްޑަމް ވާނީ ދުނިޔޭގައި މިނިވަންކޮށް އުޅޭ އެންމެ މުސްކުޅި ދޫންޏަށް،" ޖޮނަތަން ބުންޏެވެ.
ލައިސާން އަލްބަޓްރޯސް ފިޔަ ދަމާލުމުން ދެ ފިޔަ ދެމެދުގައި 80 އިންޗި ހުރެއެވެ. ކާބޯތަކެތި ހޯދަން 930 ވަރަކަށް މޭލަށް ދަތުރުކުރުއެވެ.
އެކި ބާވަތުގެ ދޫނީގެ އުމުރު ތަފާތެވެ. ކުދިކުދި ދޫނި ދިރިހުންނަނީ ދެތިން އަހަރުއެވެ. އަލްބަޓްރޯސް އާއި ޕެންގުއިން ފަދަ އައިންމަތީ ދޫނި ބައެއް ފަހަރު 40 އާއި 50 އަހަރާ ދެމެދު ދުނިޔޭގައި އުޅެއެވެ. ބައެއް ގުރާގެ އުމުރު އިންސާނުންނަށްވުރެ ދިގެވެ. މިސާލަކަށް 100 އަހަރަށްވުރެ އުމުރު ދިގު ކޮކަޓޫއެއް އުޅުނެވެ.
ދުނިޔޭގެ ދެކުނު ބިތާއި ޕެސިފިކް ކަނޑުގެ އުތުރުގައި އަލްބަޓްރޯސްގެ 12 ވަރަކަށް ބާވަތް އުޅެއެވެ.



advertisment