Support Us

އިދިކޮޅު ހަނގުރާމަވެރިޔަކު ބައްޝާރު އަލް އައްސަދުގެ ޕޯސްޓަރެއް ވީދައިލަނީ

ސޫރިޔާ މައްސަލައިގެ ތެރެއަށް އެމެރިކާ ނުވައްދާނަން: ޓްރަމްޕް

ސޫރިޔާގެ މައްސަލައިގެ ތެރެއަށް އެމެރިކާ ނުވައްދާނެ ކަމަށް ޖަނަވަރީ 20 ގައި ހުވާކުރައްވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން މިހާރު ވަނީ ވެއްޓިފައެވެ. އަދި އޭނާ ފިއްލަވައިގެން ވަޑައިގަތް ތަނެއް ނޭނގެއެވެ. އިދިކޮޅު ހަނގުރާމަވެރިން ބުނީ ވެރިރަށް ދިމިޝްގު މިހާރު ހިފައިފައިވާ ކަމަށެވެ. ބޮޑު ވަޒީރު މުހައްމަދު ޣާޒީ އަލް ޖަލާލީ ވިދާޅުވީ ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް އެއްބާރުލުން ދެއްވާނެކަމަށެވެ.

ޓްރަމްޕް ވިދާޅުވީ "ސޫރިޔާއަކީ އެމެރިކާގެ މައްސަލައެއް ނޫން" ކަމަށެވެ.

"އެއީ އަހަރެމެންގެ ހަނގުރާމައެއް ނޫން. ސޫރިޔާގެ ހަނގުރާމައަކީ އެމެރިކާއާ ބެހޭ ކަމެއް ނޫން. ސޫރިޔާއަކީ އެމެރިކާގެ ރަހްމަތްތެރި ގައުމެއް ނޫން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

ސޫރިޔާގެ 13 އަހަރު ވީ އަހުލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ނުވަންނާނެ ކަމަށް ވިދާޅުވަމުން ކުރުދީންގެ ހަނގުރާމަވެރިންނަށް ވެސް މަދަދު ނުދޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އެހެން ގައުމުތަކުގައި ކުރިއަށްދާ ހަމަނުޖެހުންތަކުން އެމެރިކާ ދުރުކުރާނަން،" ތިން ވަނަ ބޮޑު ހަނގުރާމައެއް ހިނގިޔަ ނުދެއްވާނެ ކަމަށް ރިޔާސީ ވައުދުވެވަޑައިގަތް ޓްރަމްޕް ވިދާޅުވިއެވެ.

ސޫރިޔާގެ މަޝްރަހަށް އެމެރިކާއިން ނުވަންނާނެ އެއް ސަބަބަކީ އެމެރިކާއާ ރަހްމަތްތެރި ގައުމެއް ކަމަށް ބަލާ ތުރްކިޔެއިން ކުރުދީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާތީ ކަމަށް ސިޔާސީ މާހިރުން ބުންޏެވެ.

"ތުރްކިޔެއިން ބޭނުންވާނީ ސޫރިޔާއިން އެމެރިކާ އަތްދޫކޮށްލަން. ތުރްކިޔެއިން ބޭނުންވާނީ ކުރުދީ ހަނގުރާމަވެރިންނަށް ހަމަލާދޭން. ބެލެވޭ ގޮތުގައި ޓްރަމްޕް ޖެހިވަޑައިގަންނަވާނީ ތުރްކިޔެގެ ކޮޅަށް،" އެމެރިކާގެ އޮކްލަހޯމާ ޔުނިވާސިޓީގެ މެދުއިރުމައްޗާ ބެހޭ ޕްރޮފެސަރު ޖޯޝުއާ ލޭންޑިސް އަލް ޖަޒީރާއަށް ބުންޏެވެ.

ބައްޝާރާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކުން މިހާރު ވަނީ ވެރިރަށް ދިމިޝްގްގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ސަހަރު ހަލަބާއި ތިންވަނައަށް އެންމެ ބޮޑު ސަހަރު ހަމްސް ވެސް ހިފައިފައެވެ.

ބައްޝާރުގެ ވެރިކަން މި ވެއްޓުނީ އޭނާގެ އާއިލާއިން ސޫރިޔާގައި ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށް ވެރިކަން ކޮށްފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *