ހަމައެކަނި ޗައިނާގެ ޖަންގަލިތަކުގައި އުޅޭ ޕެންޑާގެ އެއްމާބަނޑު ދެ ޕެންޑާ ޖަރުމަނުގެ ޒުލެއްގައި ވިހައިފިއެވެ.
ޗައިނާގެ ޖަންގަލިތަކުގައި މިހާރު އުޅެނީ އެންމެ 1،800 އެއްހާ ޕެންޑާއެވެ.
ވިހި ގައުމުގެ 25 ހައިވާނު ބަގީޗާއަށް ޗައިނާގެ "ޕެންޑާ ޑިޕްލޮމެސީ"ގެ ޑިޕްލޮމެޓިކް ސިޔާސަތުގެ ދަށުން ޕެންޑާ ބައިތިއްބަން ދެއެވެ.
އޯގަސްޓް 22 ގައި ޖަރުމަނުގެ ވެރިރަށް ބާލިންގެ ޒުލުގައި ވިހޭ އެއްމާބަނޑު ދެ އަންހެން ޕެންޑާ އާއްމުކޮށް ދައްކައިލަން ނެރުނީ ހުކުރު ދުވަހުއެވެ.
މި ދެ ޕެންޑާއަށް ދީފައިވާ ދެ ނަމަކީ މެންގް ހައޮ އަދި މެންޑް ޓިއަންއެވެ. މާނައަކީ "ރީތި ހުވަފެން" އަދި "ފޮނި ހުވަފެން"އެވެ.
ޗައިނާއިން ޖަރުމަނަށް ކަނޑައަޅާފައިވާ އެމްބެސެޑަރާއި ބާލިންގެ މޭޔަރު ބައިވެރިވި ހަފުލާގައި ދެ ޕެންޑާ އޮތީ ގޮދަޑިއެއް މަތީގައެވެ. އަދި އެ ސޮރުމެން ފޮޓޯ ނަގާ މީހުންނާ ދިމާއަށް ބަލަމުން އައެވެ.
މިއީ ޖަރުމަނުގައި ދެވަނަ ފަހަރަށް ވިހޭ ދެ ޕެންޑާއެވެ. ފުރަތަމަ ވިހެއީ މި ދެ ޕެންޑާގެ ދެ ބޭބެ ކަމަށްވާ މެންގް ޒިއަންގް އަދި މެންގް ޔުއާންއެވެ. އެ ދެ ޕެންޑާ ވިހެއީ 2019 ގައެވެ. ބާލިން ޒުލަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން މި ދެ ބޭބެ ވަނީ މީގެ އަހަރެއް ކުރިން ޗައިނާއަށް އަނބުރާ ގެންގޮސްފައެވެ.
މި ހުރިހާ ޕެންޑާއަކީ މަންމަ މެންގް މެންގް އާއި ބައްޕަ ޖިއާއޯ ކިންގްގެ ދަރިންނެވެ. މެންގް އަދި ޖިއާއޯ ޗައިނާއިން ޖަރުމަނަށް ކުއްޔަށް ދިނީ 2017 ގައެވެ.
ބާލިން ޒުލުގެ ޑިރެކްޓަރު އަންޑްރިއަސް ކްނޭރިއަމް ބުނީ އަލަށް މި އުފަންވި އެންމާބަނޑު ދެ ޕެންޑާ ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ކަމަށެވެ.
"ދުވާލަކު 100 ގްރާމް ހަށިގަނޑުގެ ބަރުދަނަށް އެބަ އިތުރުވޭ. މިހާރު މި އިން ކޮންމެ ޕެންޑާއެއްގައި ގާތްގަނޑަކަށް ހަ ކިލޯ އެބަހުރި،" އޭނާ ބުންޏެވެ.
ޕެންޑާއަކީ ވިއްސަން ވަރަށް އުނދަގޫ މަހުލޫގެކެވެ. އަންހެން ޕެންޑާ "ފާޓައިލް"ކޮށް ހުންނަނީ އަހަރެއްގައި މަދު ދުވަސްކޮޅަކުއެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ފިރިހެން ޕެންޑާއެއް ތައާރަފުކޮށްދޭން ޖެހެއެވެ. މި ސަބަބަށްޓަކައި ޗައިނާ އާއި އެހެން ގައުމުތަކުގެ ޒޫތަކުން ވެސް ޕެންޑާ ވިއްސޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. މެންގް މެންގްއަށް މި ފަހަރު އެއްމާބަނޑު ދެ ޕެންޑާ މި ލިބުނީ މާރިޗު މަހު "އާޓިފިޝަލް އިންސެމިނޭޝަން" ހެދުމުންނެވެ.
ޗައިނާއާ ރަހްމަތްތެރިކަން ބާއްވާ ގައުމުތަކަށް ޗައިނާގެ "ނުރަސްމީ އެމްބެސެޑަރެ"އްގެ ގޮތުގައި ޕެންޑާ ވަކި މުއްދަތަކަށް ދެއެވެ. ހައިވާނު ބަގީޗާތަކަށް ދެނީ ވިޔަފާރި އުސޫލުން ލޯނެއްގެ ގޮތުގައެވެ.
އަލަށް ވިހޭ މި އެއްމާބަޑު ދެ ޕެންޑާގެ ތެރެއިން އެކަތި ޒުލަށް ޒިޔާރަތްކުރާ މެހެމާނުންނަށް ދައްކައިލުމަށް ދުވާލަކު އެއް ގަޑިއިރަށް އާއްމުންނަށް ފެންނަ ހިސާބަށް މިހާރު ނެރެއެވެ.
"ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ދެ ޕެންޑާ ވެސް އެ ސޮރުމެންގެ މަންމައާއެކު އާއްމުކޮށް ދައްކަން ނެރޭނަން،" ބާލިން ޒުލުން ބުންޏެވެ.



advertisment