Support Us

ދުނިޔޭގެ އެންމެ ބޮޑު ރަން ވަޅު ޗައިނާއިން ފެނިއްޖެ

ދުނިޔޭގެ އެންމެ ބޮޑު ރަން ވަޅު ޗައިނާގެ މެދުތެރޭ ހުނާން ޕްރޮވިންސްއިން ފެނިއްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ 1،000 އަށްވުރެ ގިނަ ޓަނުގެ ރަން ހުރި މި ރަން ވަޅުގައިވާ ރަނުގެ އަގު 80 ބިލިއަން ޑޮލަރު (1232 ބިލިއަން ރުފިޔާ)އަށްވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ހުނާންގެ ބިމާ ބެހޭ އިދާރާ، ޖިއޮލޮޖިކަލް ބިއުރޯ އޮފް ހުނާނުން ބުނީ މި ރަން ވަޅު އޮތީ ބިމުގެ އެއް މޭލު އަޑީގައި ކަމަށެވެ.

"މިއަށްވުރެ ފުނުގައިވެސް ރަނުގެ ރިޒާވްތައް ނުވަތަ ޑިޕޮޒިޓްތައް ހުރުން އެކަށީގެންވޭ،" ޖިއޮލޮޖީ އިލްމުވެރިޔަކު ބުންޏެވެ.

"ތޮރުފައިގެން ނެގި ހިލަތަކުގައި ރަން ފެންނަން ހުރީ،" ބިއުރޯގެ ޗެން ރުލިން ބުންޏެވެ.

ރަން ވަޅުގެ ވަށައިގެންވާ ސަރަހައްދުތައް ޑްރިލް ކުރުމުން ނުވަތަ ތޮރުފައިގެން ބެލުމުންވެސް ރަން ފެނުނު ކަމަށާއި މިހެންވެ ވަންގު ނަމަކަށް ކިޔާ މި ރަން ވަޅު ލަފާކުރި ވަރަށް ވުރެ ބޮޑުވާނެކަމަށް އޭނާ ބުންޏެވެ.

ޗައިނާއިން މި ކަން އިއުލާން ކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު މިހާރު ވަނީ މައްޗަށް ގޮސްފައެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގާތީ ދުރު ކުރިމަގެއްގައި ރަނުގެ އަގަށް ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ކަމަށް އިގުތިސާދީ މާހިރުން ބުންޏެވެ.

ދުނިޔޭގެ މާހައުލު މިހެން ހުރި ނަމަވެސް ޗައިނާގައި ރަނުގެ އަގު ވަނީ އުފުލިފައެވެ. ސަބަބަކީ މި އަގު ބޮޑު މާއްދާއަށް ޑިމާންޑް ބޮޑު ވީމައެވެ.

"މި ރަން ވަޅުގެ ސަބަބުން މި ގައުމުގެ ގުދުރަތީ ވަސީލަތްތަކުގެ ރައްކާތެރިކަން ފާހަގަކުރެވޭ މިންވަރަކަށް ކަށަވަރުކުރެވޭނެ،" ހުނާން ޕްރޮވިންސްގެ ބިމާ ބެހޭ މުއައްސަސާ، ހުނާން ޕްރޮވިންޝަލް ޖިއޮލޮޖިކަލް އިންސްޓިޓިއުޓުން ބުންޏެވެ.

ވަންގުއަކީ ޗައިނާގައި ބިމުން މައުދަނު ނެގުމުގެ އެންމެ މުހިންމު ސަރަހައްދެވެ. ސަރުކާރުން މިހާރުވަނީ ވަންގުން އެކި ބާވަތުގެ މައުދަނު ހޯދުމަށް 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައެވެ.

ދުނިޔޭގައި މިދިޔަ އަހަރު ވިޔަފާރިއަށް ނެރުނު ރަނުގެ ތެރެއިން 10 ވަނައަށް އެންމެ ގިނަ ރަން ނެރެފައިވަނީ ޗައިނާއިންނެވެ.

ބިމުން މައުދަނު ނެގުމުގައި ޗައިނާއަކީ ދުނިޔޭގައި ކުރީގައި އުޅޭ ގައުމެކެވެ. އެ ގޮތުން ބެޓެރި އާއި އިލެކްޓްރޯނިކް އާލާތް އުފެއްދުމުގައި ޗައިނާ އިސް ދައުރެއް އަދާކުރެއެވެ.

ބިމުން މައުދަނު ހޯދުމާއި އެ ނެގުމަށް ބިން މައިނުކުރުމުގެ ޓެކްނޮލޮޖީ ދުނިޔެއަށް އެކްސްޕޯޓް ކުރުމުގައިވެސް ޗައިނާ އުޅެނީ ކުރީގައެވެ. އެ ގޮތުން ވިހަ ކާބަން ގޭސް ޖައްވަށް ދޫކުރުން މަދުކުރެވޭނެ ގޮތްތައް ޗައިނާއިން އަންނަނީ ތަރައްގީކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *