Support Us

އދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާއާ އަލަށް ހަވާލުވި ޓޮމް ފްލެޗާ 2025 ގެ ތަސައްވުރާ ބެހޭ ރިޕޯޓް ދައްކައިލަނީ

2025 ގައި 32 ގައުމަކަށް 47 ބިލިއަން ޑޮލަރުގެ އިންސާނީ އެހީ ބޭނުންވޭ: އދ

ކުރިއަށް އޮތް 2025 ވަނަ އަހަރު 32 ގައުމެއްގެ 190 މިލިއަން މީހުންނަށް 47 ބިލިއަން ޑޮލަރު (726 ބިލިއަން ރުފިޔާ)ގެ އިންސާނީ އެހީ ބޭނުންވާ ކަމަށް އދ.އިން މިއަދު ބުނެފިއެވެ.

"އަންނަ އަހަރާމެދު އަހަރެން ކަންބޮޑުވޭ. މި އަދަދުގެ ދެބައިކުޅައެއްބައި ވެސް އަދި ނުލިބޭ. އެހީ ދޭ ގައުމުތައް ވަރުބަލިވެއްޖެ،" އދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާ، އޮފީސް އޮފް ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ)އާ އަލަށް ހަވާލުވި ޓޮމް ފްލެޗާ ބުންޏެވެ.

އަހަރަކު އެއް ފަހަރު ބާއްވާ، ހައިރާތު ހޯދުމަށް އިލްތިމާސްކުރާ އިހުތިފާލެއްގައި ސުވިޒަލެންޑްގައި ހުރެގެން އޭނާ ބުނީ ޣައްޒާ، ސޫދާން އަދި ޔޫކްރެއިން ފަދަ ތަންތަނުގެ ހާލަތު ވަރަށް ގޯސްކަމަށެވެ.

"ދުނިޔޭގައި މި އޮތީ އަލިފާން ރޯވެފައި. ނިއްވައިލެވޭނީ އެހީ ދީގެން. އެ ކަން ކޮންމެހެން ވެސް ކުރަންޖެހޭ. ހަމަނުޖެހުންތަކާއި މޫސުމަށްކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުރިން ތަޖުރިބާނުކުރާ މިންވަރަށް މީހުންނަށް ވޭން ލިބެމުންދޭ،" ރިޕޯޓަރުންގެ ގާތުގައި ޓޮމް ބުންޏެވެ.

މި އަހަރު ހޯދަން ގައުމުތަކަށް އިލްތިމާސްކުރި 50 ބިލިއަން ޑޮލަރު (773 ބިލިއަން ރުފިޔާ)އިން ލިބުނީ އެންމެ 43 ޕަސެންޓްކަމަށް ޓޮމް ބުންޏެވެ.

"މިހެންވެ، ސޫރިޔާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ އެހީ 80 ޕަސެންޓަށް ދަށަށް ދިޔަ. މީހުންގެ ރައްކާތެރިކަމަށް މިޔަންމާއަށް ފޯރުކޮށްދޭ އެހީ ދަށަށް ދިޔަ. އަދި ކޮލެރާގެ ބިރު އޮތް ޔަމަންގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ބުރޫއެރި،" ޓޮމް ބުންޏެވެ.

އޯ.ސީ.އެޗް.އޭ.އަށް އެންމެ ބޮޑު އެހީއެއް ދެނީ އެމެރިކާއިންނެވެ. އެ ގޮތުން މި ދިޔަ އަހަރު 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ) ދިނެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއިން އޯ.ސީ.އެޗް.އޭ.އަށް ދޭ އެހީ މަދުކޮށްލައްވައިފާނެކަމުގެ ބިރު އޮތްކަމަށް ޓޮމް ބުންޏެވެ.

"މިހެންވެ ކުރިއަށް އޮތް މަސްތަކުގައި އެމެރިކާގައި އަހަރެން ގިނަ ވަގުތު ހޭދަކުރަންޖެހިދާނެ،" ޓޮމް ބުންޏެވެ.

އޯ.ސީ.އެޗް.އޭ 2003 އިން 2006 އަށް ހިންގި ނޯވޭގެ ރެފިއުޖީންނާ ބެހޭ ކައުންސިލްގެ ވެރިޔާ ޔާން އެގެލަންޑް ބުނީ އެމެރިކާއިން އޯ.ސީ.އެޗް.އޭ.އަށް ދޭނެ ހައިރާތު އޮތީ "ބޮޑު ސުވާލު މާކެއްގެ ތެރޭގައި"ކަމަށެވެ.

"އެމެރިކާއިން ދޭ އިންސާނީ އެހީ މަދުކޮށްލައިފި ނަމަ، ގައުމުތަކަށް ބޭނުންވާ އެހީ ފޫބައްދާނެ ގޮތްތަކަށް ކުރިމަތިވާ ދަތިތައް އިތުރުވާނެ،" އޭނާ ބުންޏެވެ.

އަންނަ އަހަރަށް ހޯދާ އެހީއަކީ އޯ.ސީ.އެޗް.އޭ.ގެ ތާރީހުގައި ހޯދާ ހަތަރުވަނައަށް އެންމެ ބޮޑު އެހީއެވެ. ނަމަވެސް ޓޮމް ބުނީ މި އަދަދުން ވެސް 115 މިލިއަން މީހުންނަށް އެހީ ނުދެވިދާނެކަމަށެވެ.

"ދުނިޔޭގެ އެހީ ދޭ ނިޒާމު މި އޮތީ ހަމަލާއެއްގެ ދަށުގައި. އަހަރެމެންނަށް ބޭނުންވަނީ ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުން،" ޓޮމް ބުންޏެވެ.

އިންސާނީ އެހީ ދޭ މީހުންގެ ތެރެއިން މަދުވެގެން 281 މީހުން މި އަހަރުގެ ތެރޭގައިވަނީ މަރައިލައިފައެވެ. މިއީ ރެކޯޑެކެވެ. މި މީހުން މަރައިލައިފައިވާ ތަންތަނުގެ ތެރޭގައި ޣައްޒާ، ސޫދާން، ޔޫކްރެއިން އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *