Support Us

ފެންބޮޑުވުމުގެ ސަބަބަން ހާލުގައި ޖެހިފައިވާ އާއިލާއަކަށް ތައިލެންޑްގައި ވޮލަންޓިއަރުން ކާބޯތަކެތި ފޯރުކޮށްދެނީ

މެލޭޝިއާ، ތައިލެންޑް ފެންބޮޑުވުމުގައި 13 މަރު

މެލޭޝިއާގެ އުތުރާއި ތައިލެންޑްގެ ދެކުނުގައި ވޭތުވެދިޔަ އެތައް ދަހަރެއްގައި ފެންބޮޑުނުވާ ވަރަށް ފެންބޮޑުވެ މަދުވެގެން 13 މީހުން މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިއްޖެއެވެ.

މެލޭޝިއާގައި 122،000 މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ސްޓޭޓްތައް ކަމަށްވާ ކަލަންތަން، ތެރެންގަނޫ އަދި ސަރަވަކުގައި ހަތަރު މީހުން މަރުވިއެވެ.

ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންގެ ތެރެއިން 63 ޕަސެންޓް މީހުންނަކީ ކަލަންތަން ރަށްވެހިންކަމަށް ގައުމީ ކާރިސާ މެނޭޖްކުރާ އެޖެންސީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އެޖެންސީން ބުންޏެވެ.

"އަހަރެން ދިރިއުޅޭ ސަރަހައްދުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުއްސުރެ ވަނީ ފެންބޮޑުވެފައި،" އުމުރުން 59 އަހަރުގެ ޒަމްރާ މާޖިދު އޭ.އެފް.ޕީ.އަށް ބުންޏެވެ.

މެލޭޝިއާގައި ފެންބޮޑުވެފައިވާ ރެސްޓޯރަންޓެއް

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހްމަދު ޒާހިދު ހަމީދީ މިދިޔަ ހަފުތާގައި ބުނެފައިވަނީ މި އަހަރުގެ ފެންބޮޑުވުން 2014 ގައި ކުރިމަތިވި ފެންބޮޑުވުމަށްވުރެ ގޯސްވެދާނެކަމަށެވެ. އެ ގޮތުން 2014 ގައި ފެންބޮޑުވުމުގައި 21 މީހުން މަރުވެ 250،000 މީހުން ގެދޮރު ދޫކޮށް ދާން ޖެހުނެވެ.

"މީހުން ސަލާމަތްކުރުމަށްޓަކައި 83،000 އޮފިޝަލުންނާއި އެތައް ހާސް ބޯޓުތަކާއި އެއްގަމު ވެހިކަލުތަކާއި އަދި ލައިފް ޖެކެޓުގެ އިތުރުން 31 ހެލިކޮޕްޓަރު ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި،" ހަމީދީ ބުންޏެވެ.

ކޮންމެ އަހަރަކު ނޮވެމްބަރު މަހުން ފެށިގެން މާރިޗު މަހާ ހަމައަށް އަންނަ ވިއްސާރަ މޫސުމުގައި މެލޭޝިއާގައި އާއްމު ގޮތެއްގައި ފެންބޮޑުވެއެވެ.
"މި މުއްދަތުގެ ތެރޭގައި ހަތް ވަރަކަށް ފަހަރު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ،" މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ތައިލެންޑްގެ ރަސްމީ އިދާރާތަކުން ހުކުރު ދުވަހު ބުނީ ނުވަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި 534،000 ގެދޮރަށް ވަނީ ގެއްލުން ލިބިފައިކަމަށެވެ.

"އެތައް ހާސް ބަޔަކު ވަނީ 200 ވަގުތީ ހިޔާތަކަށް ގެންދެވިފައި،" ރަސްމީ އިދާރާތަކުން ބުންޏެވެ.

ސޮންގްކްހަލާ ޕްރޮވިންސްގައި ވޭތުވެދިޔަ 50 އަހަރު ފެންބޮޑުނުވާ ވަރަށް ވަނީ ފެންބޮޑުވެފައެވެ. މި ކަމުގެ ސަބަބުން ގޭގެއިން މީހުން ނެރެ ލޮރީތަކުގައި ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ. އިއްޔެގެ ވީޑިއޯތަކުން ފެނުނު ގޮތުގައި ޔާލާ ޕްރޮވިންސްގައި ގެއެއްގެ ފުރާޅުމަތިން ތުއްތުކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދިން ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *