ސޫރިޔާގެ ހުޅަނގު އުތުރު ސަހަރެއް ކަމަށްވާ ހަލަބުން ވަގުތީ ގޮތުން ފައިބައިފި ކަމަށް އަސްކަރިއްޔާއިން މިއަދު ބުނެފިއެވެ.
"ހީނުކުރާ ގޮތަކަށް އެތައް އަހަރެއް ފަހުން އިދިކޮޅު ހަނގުރާމަވެރިން ސަރުކާރުގެ ތަންތަނަށް ހަމަލާ ދީ އެ ތަންތަން ހިފައިފި. ހަލަބުން މި ފޭބީ އަސްކަރީ ފައުޖުތައް އަލުން ރައިވައިލުމަށް،" އަސްކަރިއްޔާއިން ބުންޏެވެ.
އަސްކަރިއްޔާއިން ބުނީ ހަލަބާއި އިދްލިބުގައި އިދިކޮޅު ހަނގުރާމަވެރިންނާ ހިނގި ކުރިމަތިލުންތަކުގައި އެތައް ސިފައިންނެއް މަރުވެ އަދި ޒަހަމްވެފައިވާކަމަށެވެ.
"އިދިކޮޅު ހަނގުރާމަވެރިންނަށް ދޭނެ ރަނގަޅު ހަމަލާއެއް ރާވަމުން މިހާރު މި އަންނަނީ. އެ އެންމެން ހަލަބާއި އިދްލިބުން އަދި ބޭރުކޮށްލާނަން،" އަސްކަރިއްޔާއިން ބުންޏެވެ.
މިއީ އިދިކޮޅު ހައިއަތު ތަހްރީރު އަލް ޝާމު (އެޗް.ޓީ.އެސް)އިން މި ހަފުތާގެ ކުރީކޮޅު ދިން ކުއްލި ހަމަލާގެ ވާހަކަ ސޫރިޔާގެ އަސްކަރިއްޔާއިން ދެއްކި ފުރަތަމަ ފަހަރެވެ.
ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ހަލަބުގެ މެދުތެރެއާއި ހުޅަނގުއުތުރުގެ ސަރަހައްދުތައް މިހާރު ވަނީ އެޗް.ޓީ.އެސްގެ ބާރުގެ ދަށުގައިކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ.
"މި ކަން މި ހިނގީ އެންމެ ހަތަރު ދުވަސް ތެރޭގައި ކަމީ ބުއްދިގަބޫލުކުރަން ދަތި ކަމެއް،" އަލްޖަޒީރާއިން ބުންޏެވެ.
މިހާތަނަށް ހަލަބު އޮތީ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ. އެއީ މީގެ އަށް އަހަރު ކުރިން ރަޝިއާ އާއި އީރާނުގެ އެހީގައި އެއް.ޓީ.އެސް ބޭރުކޮށްލެވުމުންނެވެ.
ސޫރިޔާގެ އަސްކަރިއްޔާއަށް ވައިގެ މަގުން ރަޝިއާއިން އެހީވަމުން އަންނަކަމަށް ސޫރިޔާގެ ދައުލަތުގެ ޓީވީން އިއްޔެ ރިޕޯޓްކުރިއެވެ.
ސޫރިޔާގެ އަސްކަރިއްޔާއިން މިއަދު ވަނީ ހަލަބުގެ އެއާޕޯޓު ބަންދުކޮށް ހުރިހާ ފްލައިޓެއް ކެންސަލްކޮށްލައިފައިކަމަށް ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.
އެޗް.ޓީ.އެސް.އިން ބުނީ އިދްލިބުގައި ހުންނަ އަސްކަރީ ވައިގެބަނދަރުކަމަށްވާ އަބޫ އައްލުހޫރު އަތުލައިފައިވާކަމަށާއި ވެރިރަށް ދިމިޝްގާ ގުޅުވައިދޭ ހަލިމަގެއް ވެސް ހިފައިފައިވާކަމަށެވެ.
މި ހަފުތާގައި އެޗް.ޓީ.އެސް.އާ ސޫރިޔާގެ އަސްކަރިއްޔާއިން ބަދަލުކުރަން ފެށި ހަމަލާތަކަކީ 2022 އަށް ފަހު ސޫރިޔާގެ އަހުލީ ހަނގުރާމަ އެންމެ ހޫނުވެފައިވާ ފަހަރެވެ.
ސޫރިޔާގެ އިރުމަތީގައި އައިސިސް ޓެރަރިސްޓް ޖަމާއަތާ ހަނގުރާމަކުރަމުން އަންނަ ސޫރިޔާގެ ކުރުދީންނަށް އެމެރިކާއިން އަންނަނީ އެހީވަމުންނެވެ.
އެޗް.ޓީ.އެސް.އަށް އަލުން ހަލަބު ހިފުނީ ސޫރިޔާގެ ރައީސް ބަޝާރު އަލްއައްސަދުގެ ސަރުކާރަށް އެހީވާ އިރާނާއި ހިޒްބުﷲ ޖަމާއަތުން ޣައްޒާ އާއި ލުބްނާންގައި އިސްރާއީލާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަތަކަށް ހުރިހާ ސަމާލުކަމެއް ދިއުމުން ކަމަށް ސޫރިޔާ ސަރުކާރުން ބުންޏެވެ.
އެޗް.ޓީ.އެސް.އަކީ ސޫރިޔާގެ ހުޅަނގުއުތުރުގައި ހަރަކާތްތެރިވާ އެންމެ ބާރުގަދަ ހަނގުރާމަވެރިންނެވެ. މި ހަފުތާގައި ހަލަބު އަތުލައިގަތުމުގެ ކުރިން އެ ގްރޫޕުން ތިބީ ތުރްކިޔެ ބޯޑަރު ކައިރީގައިވާ އިދްލިބު އަތުލައިގަނެގެންނެވެ.
ސޫރިޔާ، އެމެރިކާ އަދި ރަޝިއާއިން ދެކެނީ އެޗް.ޓީ.އެސް.އަކީ ޓެރަރިސްޓް ޖަމާއަތެއްކަމުގައެވެ.
މީގެ ކުރިން އެ ޖަމާއަތަށް ކިޔަނީ އަލް ނުސްރާ ފްރަންޓެވެ. އެއީ ސޫރިޔާގައި އެއިރު ހަރަކާތްތެރިވި އަލްގައިދާގެ ގޮތްޕެވެ. އެޗް.ޓީ.އެސް.އިން އޭގެ ފަހުން އެތައް ފަހަރަކު ވަނީ ނަން ބަދަލުކޮށް، އަލްގައިދާއާ ދުރުވެފައެވެ.



advertisment