އިސްރާއިލަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިނުލައިނެ ކަމަށް ޔަމަންގެ ހޫސިޔޫނުން ބުނެފިއެވެ. އެ ޖަމާއަތުން މިހެން ބުނީ ލުބްނާންގެ ހިޒްބުﷲ ޖަމާއަތާއި އިސްރާއީލުން ސުލްހަވިތާ ދެ ދުވަސް ތެރޭގައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށްބުނެ ހިޒްބުﷲ އިން އިސްރާއީލަށް ދެމުންދިޔަ އެއް އަހަރު ދުވަހުގެ ހަމަލާތައް މި ހަފުތާގައި ހުއްޓައިލި ނަމަވެސް ޣައްޒާގެ ރައްޔިތުންނާއެކު ވާކަން ހާމަކުރުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނެ ކަމަށް ހޫސިޔޫންގެ ލީޑަރު އަބްދުލްމާލިކު އަލްހޫސިޔޫން ބުންޏެވެ.
"ޔަމަންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ތާއީދު އޮތްކަން ހާމަކުރުމަށް އިސްރާއީލަށް މިސައިލް އާއި ޑްރޯނުން އަދިވެސް ހަމަލާތައް ދެމުންމިގެންދަނީ،" ހޫސިޔޫންގެ ޓީވީ ޗެނަލް އަލްމަސީރާއަށް އަބްދުލްމާލިކު ބުންޏެވެ.
އޭނާ ބުނީ ފަލަސްތީނު ރައްޔިތުންނަށްޓަކައި އުފުލަންޖެހޭ ޒިންމާއާމެދު ހުރިހާ އެންމެން ވެސް ސަމާލުވެ ތިބޭނެކަމަށް އުއްމީދުކުރާކަމަށާއި އޭގެ މާނައަކީ އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަކީ އެ ޒިންމާގެ ތެރޭގައި ވާކަމެއް ކަމަށެވެ.
ޝީއައި މުސްލިމު ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއަށް ތާއީދު އޮތަސް ޝީއައި މުސްލިމުން ހިމެނޭ ހޫސިޔޫން ޖަމާއަތަށް ތާއީދެއް ނެތްކަމަށް އީރާނުން ބުނެފައިވެއެވެ. އަދި ސޫރިޔާއިން ވެސް ބުނެފައިވަނީ ހޫސިޔޫންއާ ގުޅުމެއް ނެތްކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޔަމަނަށް ކުރެވޭނެ ހުރިހާ ކަމެއް މި އަންނަނީ ކުރަމުން،" އަބްދުލްމާލިކު ބުންޏެވެ.
ޣައްޒާ ހަނގުރާމަ ފެށި ފަހުން ހޫސިޔޫނުން ވަނީ ޑްރޯނާއި މިސައިލުން އިސްރާއީލަށް ހަމަލާ ދޭން ފަށައިފައެވެ. އެ ގޮތުން އިސްރާއީލުގެ، އަދި އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް ރަތް ކަނޑުގައި ހޫސިޔޫނުން ހަމަލާދެމުންދެއެވެ.
ހިޒްބުﷲއާއެކު ގާއިމުކުރި ސުލްހައިގެ ސަބަބުން ޣައްޒާ ހަނގުރާމައަށް ހުރިހާ ސަމާލުކަމެއް ދީ، ހަމާސް ނައްތައިލަން ފަސޭހަވާނެ ކަމަށް އިސްރާއީލުން ބުންޏެވެ.



advertisment