ދުނިޔޭގެ އެންމެ މުސްކުޅި މީހާ، އުމުރުން 112 ގައި މަރުވެއްޖެއެވެ.
އިނގިރޭސި ވިލާތަށް އުފަން ޖޯން އަލްފްރެޑް ޓިނިސްވުޑް މަރުވީ ހޯމަ ދުވަހު ކަމަށް އާއިލާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޖޯން އުފަންވީ 26 އޮގަސްޓް 1912 ގައެވެ. ދުނިޔޭގެ އެންމެ މުސްކުޅި މީހާ ކަމުގެ ރެކޯޑުގައި އޭނާ ދެމިހުރީ ނުވަ މަސް ވަންދެނެވެ.
އުމުރު ދިގުވުމަކީ "ނަސީބު"ން ވާކަމެއް ކަމަށް ޖޯން ބުނެފައިވެއެވެ.
"އުމުރު ދިގު ވެސް ވެދާނެ ނޫނީ ކުރު ވެސް ވެދާނެ. އެއަކު ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ،" އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރި ޖޯނަށް ދުނިޔޭގެ ރެކޯޑު މުގުރައިލެވުމުން ގިނެސް ރެކޯޑު ފޮތަށް އެޕްރިލް މަހު ބުނެފައިވެއެވެ.

މުނިކާފަ ދަރިން ތިބި ޖޯން ބުނެފައިވަނީ އުމުރު ދިގުވުމުގައި ސިއްރެއްވާ ނަމަ އެއީ ހުރިހާ ކަމެއް ވެސް މެދުމިނުގައި ބެހެއްޓުން ކަމަށެވެ. އޭނާ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލެއް ނުކުރެއެވެ. ބަނގުރާ ބުއީ ހާލަކުން ފަހަރެއްގައެވެ. ވަކި ހާއްސަ ޑައެޓެއް ނުގެންގުޅުނެވެ. ނަމަވެސް ކޮންމެ ހުކުރު ދުވަހަކު މަހާއި އަލުވި ޗިޕްސް ކެއެވެ.
"މާ ގިނައިން ކައިބޮއެ އުޅެފި ނަމަ، ނޫނީ މާގިނައިން ހިނގާބިނގާވެ އުޅެފި ނަމަ، ނޫނީ އެހެން އެއްވެސް ކަމެއް ވެސް މާގިނައިންކުރާ ނަމަ، އެންމެ ފަހުން އޭގެ ނޭދެވޭ އަސަރުކުރާނެ،" ޖޯން ބުނެފައިވެއެވެ.
ޖޯން އުފަންވީ ޓައިޓޭނިކް ފެތުނުތާ މަދު މަސްތަކެއް ފަހުންނެވެ. އޭނާ ދެ ބޮޑު ހަނގުރާމަ ދެކިފައިވެއެވެ. އެ ގޮތުން ދެވަނަ ބޮޑު ހަނގުރައިމައިގައި އިނގިރޭސި ވިލާތުގެ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ.
އެންމެ މުސްކުޅި މީހާކަމުގެ ރެކޯޑު ޖޯން މުގުރައިލީ އުމުރުން 114 އަހަރުގައި ވެނެޒުއޭލާގެ ހުއާން ވިސެންޓެ ޕެރޭޒް މި އަހަރު މަރުވުމާއެކުއެވެ.
ޖޯނު މިހާރު ނެތުމުން އެންމެ މުސްކުޅި ފިރިހެން މީހާއަކީ މި ވަގުތު ކާކު ކަމެއް ގިނެސްއިން އަދި ހާމައެއް ނުކުރެއެވެ.
ޖޯންގެ އަންހެން ދަރިއަކާއި ހަތަރު ކާފަދަރިންނާއި ތިން މުނިކާފަ ދަރިން އެބަތިއްބެވެ. ޖޯން 44 އަހަރު ވަންދެން ޒަވާޖީ ހަޔާތް ހޭދަކުރި އަނބިމީހާ ބްލޯޑަން މަރުވީ 1986 ގައެވެ.
އޮގަސްޓް މަހު ޖޯނަށް 112 އަހަރު ފުރުމުން ބުނީ އޭނާގެ އުމުރު ދިގުވުމާމެދު ވަކި ހާއްސަ ގޮތަކަށް ނުދެކޭކަމަށެވެ.
"އަހަރެންނަކަށް އަހަރެން މުސްކުޅިވެފައިވާކަމުގެ އިހުސާސެއް ނުކުރެވޭ. އުމުރު ދިގުވުމަކުން އަހަރެންނަށް މާބޮޑު އުފާވެރިކަމެއް ނުލިބޭ. ފަހަރެއްގައި މި އުމުރަށް ވާސިލުވީ އެހެންވެ ކަންނޭނގެ،" ޖޯން ބުނެފައިވެއެވެ.
މި ވަގުތު ދިރިހުރި އެންމެ މުސްކުޅި އަންހެނަކީ ޖަޕާންގެ ޓޮމިކޯ އިޓާކާއެވެ. އޭނާގެ އުމުރަކީ 116 އަހަރެވެ.



advertisment