މީލާދީ އާ އަހަރު އައުމުގެ މުނާސަބާ ފާހަގަކުރަން ގިނަ ގައުމުތަކުން އަރުވަނީ ހަވާއެވެ. ނަމަވެސް އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ މެކަން ސަހަރުން ނިންމީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ދަންވަރު ސުންގަނޑި ޖެހުމުން، ބާވެފައިވާ ހޮޓަލެއް ގޮއްވައިލައި އަލިފާނުގެ ކުޅިވަރު ދައްކައިލައިށެވެ.
ސޯޅަ ބުރީގެ ރެމާޑާ ޕްލާޒާ ހޮޓަލް ބަންދުކުރީ 2017 ގައެވެ. އޮފިޝަލުން ބުނީ މި ހޮޓާ މިހާރު ވެފައިވަނީ ބަލައިލަން ހުތުރު މަންޒަރަކަށް ކަމަށެވެ.
ހޮޓާ ބަނގުރޫޓުވިކަން ރަސްމީ ގޮތުން އެންގުމުން ސިޓީ ކައުންސިލުން ވަނީ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހޮޓާ ގޮއްވައިލަން ނިންމައިފައެވެ.
"ކައުންސިލުން މި ހޮޓާ ގަތީ އިމާރާތް ގޮއްވައިލުމަށް،" މޭޔަރު ލެސްޓާ މިލާ ބުންޏެވެ.
ހޮޓާ ހުޅުވީ 1970 ގައެވެ. އެ ތާނގެ މެހެމާނުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީ ހިމެނެއެވެ. ނަމަވެސް ހޮޓަލަށް މާލީ ގޮތުން ދުވަހަކު ވެސް ފައިދާއެއް ނުވެއެވެ.
ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީ.ސީ.ސީ.އައި)އާ ގުޅިފައިވާ މަނީ ލޯންޑަރިން އާއި ފްރޯޑް މައްސަލައަކާ ގުޅިގެން 1991 ގައި ނިއު ޔޯކްގެ ބޭންކްތަކާ ބެހޭ ޑިޕާޓްމަންޓުން ވަނީ އެ ހޮޓާ އަތުލައިފައެވެ.
"އިރާގުގެ ތެލުގެ ފައިދާ ފޮރުވަން ސައްދާމް ހުސައިނަށް އެހީވި. އަދި އިރާނާއެކު އޮލިވާ ނޯތުން ކުރި ހަތިޔާރު ވިޔަފާރިއަށް ވެސް މި ހޮޓަލުން އެހީވި،" އެ ޑިޕާޓްމަންޓުން ބުންޏެވެ.
ހޮޓާ ފަރުމާކުރި އާރުކާޓީ މޮރިސް ލެޕިޑަސް ބުނީ ހޮޓަލުގެ އިމާރާތް ބާވެފައިވާ މިންވަރަށް ބަލާއިރު ހޮޓާ ހުރީ އަލުން މަރާމާތުކުރެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ.
ލެސްޓާ ބުނީ އިމާރާތް ހުރި ބިން އަލުން ބޭނުންކުރާނެ ގޮތަކާމެދު އަދި ވަކި ގޮތެއް ނުނިންމައި ކަމަށެވެ.
"ކޯރެއްގެ އައްސޭރީގައި ހުރުމުން މި ސަރަހައްދު ތަންކޮޅެއް ރަނގަޅަށް ތަރައްގީކުރެވިދާނެ،" އޭނާ ބުންޏެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި އެ ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ވެރިންނާ މަޝްވަރާކުރާނެ ކަމަށް އޭނާ ބުންޏެވެ.



advertisment