ސްރީ ލަންކާއަށް ފޯރުކޮށްދީފައިވާ 2.9 ބިލިއަން ޑޮލަރު (44 ބިލިއަން ރުފިޔާ)ގެ ބެއިލްއައުޓް ކުރިއަށްގެންދަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން މިއަދު ނިންމައިފިއެވެ.
"ދެކުނު އޭޝިއާގެ މި ޖަޒީރާގެ އިގުތިސާދު އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި،" އައި.އެމް.އެފް.އިން ބުންޏެވެ.
ތިން ވަނަ ރިވިއުގައި އައި.އެމް.އެފް.އިން ބުނީ 333 މިލިއަން ޑޮލަރު (ފަސް ބިލިއަން ރުފިޔާ) ދޫކުރާނެ ކަމަށެވެ. އެއިރުން މި ވަގުތަށް ލަންކާއަށް އައި.އެމް.އެފްގެ ފަރާތުން 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ލިބޭނެއެވެ.
"އިގުތިސާދު ރަނގަޅުވަމުންއަންނަކަމުގެ ނިޝާންތައް އަންނަނީ ފެންނަމުން،" އައި.އެމް.އެފް.އިން ބުންޏެވެ.
އައި.އެމް.އެފް.އިން ބުނީ 12.5 ބިލިއަން ޑޮލަރު (193 ބިލިއަން ރުފިޔާ)ގެ ބޮންޑް ހޯލްޑަރު ދަރަނި ރިސްޓްރަކްޗަރު ލަންކާއިން ކުރަންޖެހޭ ކަމަށެވެ. އަދި ބެއިލްއައުޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ލަންކާއަށް ކްރެޑިޓް ދީފައިވާ ޖަޕާން، ޗައިނާ އަދި އިންޑިއާއާއެކު 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ)ގެ ދަރަނި ރިވޯކްކުރަންޖެހޭ ކަމަށެވެ.
އައި.އެމް.އެފް.އިން ލަންކާ ބެއިލްއައުޓުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. އެ ގޮތުން ފައިސާ ނެތުމުގެ ސަބަބުން ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާއިން 2022 އިން ފެށިގެން ގައުމުވަނީ ރަނގަޅުވާން ފަށައިފައެވެ. މިހާރު ގައުމުގެ އިގުތިސާދު ހަމައަކަށް އެޅެމުން އެބަދެއެވެ. އެއީ 2022 ގައި ތެލާއި ކާބޯތަކެއްޗާއި ބޭހާއި ކަރަންޓާއި އެހެނިހެން ބާވަތުގެ ހަކަތަ ހޯދުމަށް ވެސް ފައިސާ ނެތުނު ދުވަސްވަރަށްފަހުއެވެ.
ލަންކާއިން އައި.އެމް.އެފް.ގެ އެހީ އެޕްރިލް 2022 ގައި ހޯދީ 46 ބިލިއަން ޑޮލަރު (711 ބިލިއަން ރުފިޔާ)ގެ ބޭރުގެ ދަރަނި ޑިފޯލްޓް ވުމުން ނުވަތަ ދެއްކޭނެ ގޮތް ނުވުމުންނެވެ.
ބޭރު ފައިސާ ނެތުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެޔޮ ނުލިބުމުން ހިނގި މުޒާހަރާތަކުގެ ސަބަބުން ރައީސް ގޮޓަބަޔަ ރާޖަޕަކްސައަށް އިސްތިއުފާދެއްވަން މަޖުބޫރުވެވަޑައިގަތެވެ.
ބެއިލްއައުޓު ކުރިއަށްގެންދިއުމުން ބޭރު ފައިސާ ލިބުމާއި އަސާސީ ތަކެތި ލިބުމަށް މަގުފަހިވާނެއެވެ.
ޓެކުހުން ލިބޭ އާމްދަނީ އާއި ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމުން ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)އަށް 2.3 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެކަމަށް، އައި.އެމް.އެފް.އިން ލަންކާއަށްކުރި ޒިޔާރަތް ނިންމައިލަމުން އެ ބޭންކްގެ އިސް އޮފިޝަލެއްކަމަށްވާ ޕީޓާ ބްރޯޔާ ބުންޏެވެ.
"މި ޕްރޮގްރާމްގެ އިންތަކުގެ ތެރޭގައި ތިބުމަށް ލަންކާގެ ރަސްމީ އިދާރާތަކުން ވަނީ އެއްބަސްވެފައި،" އޭނާ ބުންޏެވެ.
ޕީޓާ ބުނީ އިސްކަންދޭނެ ކަންތައްތަކާއި އަމާޒުފަތްގަނޑުތަކަށް އެއްބަސްވެވިފައިވާ ކަމަށާއި މި ކަން ޕާލަމަންޓަށް ހުށަހެޅުމުން ހަތަރު ވަނަ ރިވިއު ކުރިއަށްގެންދެވޭނެކަމަށެވެ.
އިންތިގާލީ ބަޖެޓެއް އަންނަ މަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވަނީ މި ހަފުތާގައި ވިދާޅުވެފައެވެ. ބޭރުގެ ދަރަނި ދައްކާނެ ގޮތްތައް ބަދަލުކުރަން ނުވަތަ ޑެޓް ރިސްޓްރަކްޗާކުރުން އަންނަ މަހު ފަހުކޮޅު ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ވާތު ފިޔައިގެ އިއްތިހާދު މި މަހު ބޭއްވި ޕާލަމަންޓްގެ އިންތިހާބުގައި ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތު ހޯދުމަށް ފަހު ފުރަތަމަ ފަހަރަށް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އަނޫރާ ބުރާސްފަތި ދުވަހު ވިދާޅުވީ އައި.އެމް.އެފް.ގެ ޕްރޮގްރާމަށް ތާއީދުކުރައްވާކަމަށާއި އިގުތިސާދު ނެގެހެއްޓެވުމުގައި ގޯހެއް ނުހައްދަވާނެކަމަށެވެ.
ލަންކާގެ އިގުތިސާދު މުޅިއަކުން އަދި ހަމައަކަށް ނޭޅުނަސް ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން އަދިވެސް ހުރީ 0.7 ގައި ހިފެހެއްޓިފައެވެ. މިހެންވެ ކުރިއާ އަޅާބަލާއިރު އިގުތިސާދު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
ލަންކާގެ އިގުތިސާދީ ކާރިސާގައި ޑޮލަރު ލިބުން ތާށިވުމުން އިންފްލޭޝަން 70 ޕަސެންޓަށް އެރިއެވެ. ލަންކާގެ ފައިސާކަމަށްވާ ރުޕީގެ އަގު ކުރިން ނުވެއްޓޭހާ ވަރަށް ދަށަށް ދިޔައެވެ. އަދި އިގުތިސާދު ވެސް 7.3 ޕަސެންޓުން ދަށަށް ދިޔައެވެ. މި ދިޔަ އަހަރު ލަންކާގެ އިގުތިސާދު 2.3 ޕަސެންޓުން ދަށަށް ދިޔައެވެ. ނަމަވެސް މި އަހަރު އިގުތިސާދު 4.4 ޕަސެންޓުން ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލަންކާގެ އިގުތިސާދު ކުރިއަރާނެ ފުރަތަމަ ފަހަރެވެ.



advertisment