Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މަޖިލިސް ނީލަމުން ނެގިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވުމަށް ފަހު (ބޮޑު އަގުގައި) އެހެން ޕާޓީ އަކަށް "ވިކިއްޖެ" ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އިއްޔެ ވަރަށް ކުއްލި ގޮތެއްގައި ޤާނޫނު އަސާސީ އަށް ގެނައި ބަދަލަކީ ސިޔާސީ އެކި މީހުން އެކި ގޮތަށް މާނަކުރާނެ ކަމެކެވެ. ދިވެހި އޮންލައިން ނޫހެއްގައި އިއްޔެ ލިއެފައިވާ ގޮތުގައި މިއީ ޤާނޫނު އަސާސީ އަށް އެންމެ އަވަހަށް ގެނެވުނު ބަދަލެވެ. މަޖުލީހުން ޤާނޫނު އަސާސީ އަށް އިއްޔެ ހަވީރު ގެނައި ބަދަލު ދެ ގަޑިއިރު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤު ކުރައްވައި, ގެޒެޓްކުރައްވައިފައެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ސިޔާސީ ކޮމެންޓޭޓަރަކު ވިދާޅުވި ގޮތުގައި އިއްޔެއަކީ "ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އަނދިރި، އަދި ހިތާމަހުރި ދުވަހެކެވެ." ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ޖެނުއަރީ 2012 ގައި ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު (އަބްދުﷲ ޤާޒީ) ހައްޔަރު ކުރެއްވި ދުވަހަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އަނދިރި ދުވަހެއް ކަމަކަށް މި ބޭފުޅާ ވިދާޅެއްނުވެއެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން، ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށް، މަޖިލީހުގެ ބައެއް މެމްބަރުން ހަނޑޫ ބަސްދާ ތަކެއްހެން ނަގައި މަޖިލިސް އިދާރާގެ ފާރުމަތިން އުކައިލުމަކީ ވެސް ދިވެހި ޤައުމުގެ ދުސްތޫރީ ހަޔާތުގައި އަނދިރި ދުވަހެއް ކަމަކަށް މި ބޭފުޅާ ވިދާޅެއްނުވެއެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2018 އިން 2023 އަށް، ފަސް އަހަރުގެ ދިގު މުއްދަތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާ އަށް ވިއްކާލައްވައި، އިންޑިއާ ފަސްޓުުގެ ނަމުގައި މުޅި ޤައުމުގެ ހުރިހާ ބާރެއް އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހަށް ޖަމާކުރައްވައި، ދިވެހި ޤައުމު އިންޑިއާ އަށް އަޅުވެތި ކުރެއްވި އިރު ޤައުމުގެ ދުސްތޫރީ ހަޔާތް އަނދިރިވެެގެން ޓޯޗު ބައްތި ދިއްލައިގެން މިފަދަ ބޭފުޅުން ނޫޅުއްވައެވެ.

އަދި، ރައީސް ނަޝީދުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރަށް ނުއަގުގައި ވިއްކާލައްވައި، ދިރާގާއި އެމް.ޑަބްލި.އެސް.ސީ އަދި މާލޭ ވިޔަފާރި ބަނދަރު ފަދަ މުހިއްމު ކުންފުނިތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައްވަން އުޅުއްވި އިރު އެ ވިދާޅުވާ ރައްޔިތުންގެ މަޖުލިހުން ކުރިކަމެއް ނެތެވެ. ބޮޑު މުސާރަ ނަންގަވައިގެން މެމްބަރުން ހަމަ ތިއްބެވީ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ، އަދި ފަހުން ނައިބު ރައީސް، އަހްމަދު އަދީބާއި ރައީސް ޔާމީނާއި ދެ ބޭފުޅުން އެކުގައި ތިއްބަވަނިކޮށް، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ހިޔާނާތް ހިންގައި، ޤައުމު ލޫޓުވާލި އިރު ޕީ.ޕީ.އެމް އާއި އިދިކޮޅުގައި އޮތް އެމް.ޑީ.ޕީގެ މެމްބަރުން ވެސް ގުޅިގެން އެ ލާރިގަނޑު ބައިއަޅާލި އިރު މަޖުލީހަށް ވީކަމެއް ނެތެވެ. ދިވެހި ޤައުމުގެ ދުސްތޫރީ ހަޔާތް އަލިގަދަ ވަނީ މަޖުލިސް މެމްބަރުން ބޭނުން އިރަކު ބޮޑު އަގުގައި، ބޭނުން ޕާޓީ އަކަށް، ހަށި ވިއްކޭ ގޮތަށް، ނާސިގެއެއްހެން ރައްޔިތުންގެ މަޖުލީސް ނީލަމަށް ލާފައި އޮތުމުން ތޯއެވެ؟

މިހާރު މިވެގެން އުޅޭ ގޮތް ވަރަށް ސާފެވެ. ބޭރު ފައިސާގެ ޤަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިމަހު ގެނައި އިސްލާހާ ގުޅިގެން ބޮޑެތި މަހުޖަނުން އެ ޤަވާއިދަށް ގޮންޖަހައި، ސަރުކާރަށް ބިރުދައްކައިގެން އެ ޤަވާއިދު ބަދަލުކުރަން ކުރި ޕްރެޝަރު ކާމިޔާބު ނުވުމުން، ވެރިކަން ކުރާ ޕާޓީ (ޕީ.އެން.ސީ) ގެ ބައެއް މެމްބަރުން "ގަނެލަން" މަހުޖަނުންނާއި އިދިކޮޅު އެމް.ޑީ.ޕީން ނިކުތީ އެވެ. މިއީ ގިނަ ބަޔަކަށް އަދި ނުވިސްނި އޮވެދާނެ ކަމެކެވެ. މީގެ ފުރަތަމަ ނިޝާނަކަށް ފެނުނީ 19 ނޮވެމްބަރު ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވުނު ބަޖެޓު ބަހުސްގައި، މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީ.އެން.ސީގެ އިސް މެމްބަރެއް ކަމުގައިވާ، މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގު (ޓޮމް) އިދިކޮޅުގެ ރޫހާ އެއްގޮތަށް ވާހަކަ ދެއްކެވުމެވެ. އެ ޖަލްސާގައި ޓޮމް ގޮވާލެއްވީ މަހުޖަނުން ބުނާގޮތަށް ޤަވާއިދު ބަދަލު ކުރުމަށެވެ. އެ ޤަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ރައީސްގެ ވިދާޅުވުމާ ދެކޮޅަށް ޓޮމް މަޖުލީހުގައި ވާހަކަ ދެއްކެވުމަކީ އިދިކޮޅު ފަރާތްތަކާއި ޓޮމްގެ ހިޔާލް މިކަމުގައި އެއްގޮތްވުމެވެ. މަޖުލީހުގައި ޓޮމް މިގޮތަށް ވާހަކަ ދެއްކެވިތާ އެއް ދުވަސް ފަހުން، އިޒްރޭލް ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމުގެ މަސައްކަތް އަވަސް ކުރަން ގޮވާލައި އެމް.ޑީ.ޕީން މަޖިލީހަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ޓޮމް އިއްޔެ ވޯޓު ދެއްވުމަކީ ވެސް މަޖުލީހުގެ ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަމުގެ ސާފު ނިޝާނެކެވެ.

އެތެރެ އެތެރެއިން، މަހުޖަނުންގެ ފައިސާގެ އެހީގައި ސަރުކާރު ވައްޓާލައި ބޮޑު ބަގާވާތެެއް ގެންނަން ރާވަފާނެ ކަމަކަށް އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ދިވެހި ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުންނާ ގުޅުން ހުރި އެތައް ކަމެއް ކޮށްދެމުންދާ ސަރުކާރެއް ވައްޓާލަންދެން ހަމަ ބަލަހައްޓައިގެން ތިބުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫނެވެ. ދުސްތޫރީ ހަޔާތަށް ފްލަޑް ލައިޓު އަޅުވައިގެން އަލިކޮށްގެން ތިއްބާ ފެންނާނީ އެއްކަލަ މަޖުލިސް މެމްބަރުންތައް ބޮޑު އަގުގައި، ނީލަމުގައި އިދިކޮޅަށް ވިކި، ކޮންމެ މެމްބަރަކު ޑޮލަރު މިލިއަނަރަކަށް ވާތަނެވެ. ދެން ފެންނާނީ ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި ސަރުކާރު ވައްޓާލާ ތަނެވެ.

ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ޑޮލަރު ލިބޭ ގޮތަށް ހަދައި، އެމް.ޑީ.ޕީން ދަރަނިވެރި ކޮށްފައި އޮތް އިގްތިސޯދު އާރޯކޮށް، އާ ސިނާއަތްތައް ފައްޓައި، ބަނގުރޫޓުވުމުގެ ބޮޑު އަނދަވަޅަކުން ޤައުމު ސަލާމަތްކޮށް، ވޭޕާއި ދުންފަތާއި މަސްތުވާތަކެތީގެ ހާއްޔަކަށް ވެފައި އޮތް ޤައުމު މަސްތުގެ ވަޅުގަނޑުން ނަގަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އަޅަން މިއޮތީ ސީދާ ލާދީނީ، ސެކިއުލަރ ފިކުރުގެ އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އެވެ. ރައްޔިތުންނަށް ފައިދާނުވުމަށް އެދޭ، އަމިއްލަ އެދުމުން ފޯވެފައިވާ މަހުޖަނުން ތިބޭނީ ޤައުމަށް ކޮންމެ ގޮތެއް ވިއަސް މަހުޖަނުންގެ ވިޔަފާރިއަށް އެންމެ ފައިދާވާނެ ގޮތަކަށް ރިޝްވަތު ދޭން ތައްޔާރަށެވެ. މަޖިލިސް މެމްބަރުން ޕާޓީ ތަކަށް ވިކުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި ބަދަލު ރައީސް އިއްޔެ ތަސްދީގު ކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލިސް އެވަނީ ނީލަމުން ނެގިފައެވެ. ހަގީގީ ރައްޔިތުންގެ މަޖިލީހަކަށް އެ މަޖިލިސް އެވީ އަދިކިރިޔާ އެވެ. މިއޮއް ހުރިހާ ދުވަހު އެ މަޖިލިސް އޮތީ މަޖުލިސް މެމްބަރުންގެ ފަރުދީ ފައިދާ ނަގާ މަޖިލިހެއްގެ ގޮތުގައެވެ. މަޖިލިސް ނީލަމުން ނެގިއްޖެ އެވެ.

މިފަހަކަށް އައިސް އެމް.ޑީ.އޭގެ ވެރިޔާ ސަން އަހްމަދު ސިޔާމް ބަޖެޓަށް ވޯޓު ނުދެއްވައި، ސަރުކާރުން ހުށަހެޅި ބަޖެޓަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަ އަކީ ވެސް މިކަމާ ގުޅުން ހުރި ވާހަކަ ތަކެކެވެ. މަހުޖަނުން ތިބީ ސަރުކާރު ވައްޓާލެވޭނެ ކަމަށް ބާޖުމަރައިގެންނެވެ. އެ ވިދާޅުވާ ދުސްތޫރީ ނިޒާމެއް އޮތްގޮތަށް އޮވެ، ރައްޔިތުންގެ މަޖުލީހަކީ ބޮޑު އަގުގައި ހަށި ވިއްކާ ނާސިގެއެއްހެން އޮތުމަކުން ރައްޔިތުންނަށް ހުރި ފައިދާއެއްނެތެވެ. ދެހާސް އަށްވަނަ އަހަރު، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމް.ޑީ.ޕީން ބާރު އަޅައިގެން ގެނައި ޕާޓީ ސިސްޓަމާއި، ލާމަރުކަޒީ ނިޒާމާއި، އެކިއެކި މިނިވަން މުއައްސަސާތައް އުފެއްދުމަކީ ރާއްޖެ ފަދަ ކުޑަކުޑަ އާބާދިއަކަށް ނުތަކާ ވަރުގެ ބަރުހެލި، ބިޔަ، ބޮޑު ނިޒާމެކެވެ. ރާއްޖެ އަށް ބޭނުންވަނީ ވަރުގަދަ އެގްޒެކެޓިވް ރައީސަކާއި، މަދު މިނިވަން މުއައްސަސާ ތަކަކާއި، ރައްޔިތުން އިންތިހާބު ކުރާ އަތޮޅުވެރިންނާއި، ސިޔާސީ ޕާޓީގެ ވިހައިން ސަލާމަތްވެފައިވާ ވެރިކަމުގެ ނިޒާމެކެވެ. މިޤައުމު، 2008 ވަނަ އަހަރުން ފެށިގެން ވެއްޓިފައިވާ އިގްތިސޯދީ، ހާރިޖީ އަދި އިޖްތިމާއީ ވަޅުގަނޑަށް ވެއްޓުމުގެ އެންމެ ބޮޑު ޒިއްމާއެއް ނަގަންޖެހޭ ބަޔަކީ މަޖުލިސް މެމްބަރުންނެވެ. ދުސްތޫރީ ނިޒާމް އެމީހުންނަށް އަނދިރި ވިއަސް ރައްޔިތުންގެ ކުރިމަގު ފެންނަނީ އަލިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
232

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *