ދުނިޔޭގެ އެންމެ ބޮޑު މުރަކަ ސައިންސްވެރިންނަށް ފެނިއްޖެއެވެ.
ޕެސިފިކް ކަނޑުގައި ސޮލޮމޮން ޖަޒީރާ ކައިރިން ބުދަ ދުވަހު ފެނުނު މި މުރަކައިގެ ދިގުމިން 100 ފޫޓަށްވުރެ ބޮޑެވެ. އަދި މި މުރަކައަށް 300 އަހަރުވެފައިވާއިރު ޖައްވުން ވެސް ފެނެއެވެ.
ނެޝަނަލް ޖޯގްރަފިކުން މި ދިޔަ މަހު ފެށި ޕްރިސްޓީން ސީސް އެކްސްޕެޑިޝަނަށް ފެނުނު މި މުރަކަ، މީގެ ކުރިން ސެމޯއާއިން ފެނުނު އެންމެ ބޮޑު މުރަކައަށްވުރެ ތިން ގުނަ ބޮޑެވެ.
ސޮލޮމޮން ޖަޒީރާގެ މި މުރަކަ ދުނިޔޭގެ އެންމެ ބޮޑު މަހުލޫގު ކަމަށްވާ "ބްލޫ ވޭލް" ބާވަތުގެ ބޮޑުމަހަކަށްވުރެ ބޮޑެވެ.
މުރަކައަކީ ދުނިޔޭގެ އަށް ބިލިއަން މީހުންގެ އާބާދީގެ ތެރެއިން އެއް ބިލިއަން މީހުންނަށް އެކި ގޮތްގޮތުން ފައިދާކޮށްދޭ އެއްޗެކެވެ. އެއީ ކާބޯތަކެތީގެ ގޮތުގައި ހިމެނޭ މަސްވެރިކަން ރައްކާތެރިކޮށްދޭތީ އާއި ތޫފާނާއި ކަނޑުގެ ލޮނުގަނޑު އުސްވުމުން ދިމާވާ މައްސަލަތައް ވެސް ހައްލުކޮށްދޭތީއެވެ. މިއީ އައްސޭރިފަށްތައް ވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ދުނިޔެ ހޫނުވުމާއި މާގިނައިން މަސް ބޭނުމާއި އަދި ކުނިބުނި ކަނޑަށް އެޅުމުގެ ސަބަބުން މުރަކަ ފަރުތައް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެ ގޮތުން "ކޮރަލް ބްލީޗިން" ނުވަތަ ގާ ހުދުވުމުގެ މައްސަލައިގައި ދުނިޔޭގެ ހޫނު ހިސާބުތަކުގެ ކަނޑުތަކުގައި ހުރި މުރަކައިގެ 40 ޕަސެންޓް މިހާރު ވަނީ މަރުވުމުގެ ތުންފަތްމަތީގައެވެ.
މި ފެނުނު އެންމެ ބޮޑު މުރަކައިން ހާމަވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ވެސް މުރަކައަށް "ކެތްކޮށްލެވޭ"ކަން ކަމަށް ސައިންސްވެރިން ބުންޏެވެ.
"މި ކަމުން މުރަކަ ފަރުތަކުގެ ދިރުމަށް އުއްމީދު އާވެއްޖެ. ފަރުތައް ރައްކާތެރި ކުރުމަށް ފައިސާ ހޯދާށާއި ތިމާވެށި ފަތުރުވެރިކަން ކުރިއަރުވައި މޫސުމަށް އަންނަ ބަދަލުތަކާމެދު ފިޔަވަޅު އަޅަން އިތުރު ހިތްވަރެއް ލިބިއްޖެ،" ސައިންސްވެރިއަކު ބުންޏެވެ.
"މި މުރަކައިގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ އެތައް ގަރުނެއްގެ ތާރީހު އެނގިގެންދާނެ،" ސޭން ފެލިޒް ބުންޏެވެ.
"މި ކަހަލަ ކަމެއް ހޯދައިގަނެވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" ނެޝަނަލް ޖޯގްރަފިކްގެ ޕޯލް ރޯޒް ބުންޏެވެ.
މި މުރަކައިގެ ސަބަބުން އިލްމީ ދިރާސާކުރާ ފަރާތްތަކާއި ޓޫރިސްޓުން ޒިޔާރަތްކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ހައިރާތު ލިބުން އެކަށީގެންވާ ކަމަށް ސޮލޮމޮން ޖަޒީރާގެ ސަގާފަތާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ޑެނިސް މެރިޓާ ބުންޏެވެ.
"މިއީ އަހަރެމެންގެ މުޖުތަމައަށް ލިބޭނެ ބޮޑު ފައިދާއެއް،" އޭނާ ބުންޏެވެ.
ޕްރިސްޓީން ސީސްގެ ފައުންޑަރު ސޭލާ ބުނީ މި މުރަކަ ވަރަށް އެކަހެރި ތަނަކުން ފެނުނު ކަމަށްވިޔަސް ދުނިޔެ ހޫނުވުމާއި އިންސާނުންގެ ފަރާތުން ވެސް ތަފާތު ގެއްލުންތައް ލިބިދާނެކަމަށެވެ.
އެ ގޮތުން މުރަކަ ފަރުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި މާގިނައިން މަސް ބޭނުމާއި ސިނާއީ ކުނިބުނި އެޅުމާއި އަދި ކަނޑަށް ދޫކޮށްލައި ނަޖިސްގެ ނުރައްކާ ހިމެނެއެވެ.
ނަމަވެސް ސައިންސްވެރިން ބުނީ ސޮލޮމޮން ޖަޒީރާ އާއި އިންޑޮނޭޝިއާ އަދި ފިލިޕީންސްއިން ވެސް ފެންނަނީ މުރަކަ ފަރުތަކަށް އުއްމީދު އޮތްކަމުގެ ހެކިތައް ކަމަށެވެ.
މި މުރަކަ ފެނުން ދިމާވެފައި މި ވަނީ އަޒަރުބައިޖާންގައި ބޭއްވި ކޮޕް-29 ޖަލްސާގެ ދުވަސްވަރާއެވެ. އދ.އިން އިސްނަގައިގެން ބޭއްވި ޖަލްސާގައި މުއްސަނދި ގައުމުތަކަށް ގޮވައިލައިފައިވަނީ ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުކުރުމަށާއި ތިމާވެށީގެ ނުރައްކާތައް ކުރިމަތިވެފައިވާ ފަގީރު ގައުމުތަކަށް އެހީވުމަށެވެ.



advertisment