Support Us

ރައީސް އަނޫރާ ކުމަރަ ޑިސަނަޔަކަ ލަންކާގެ އާއްމު އިންތިހާބުގައި އިއްޔެ ވޯޓުލެއްވުމަށްފަހު އިނގިލީގައި ލީ ދެލި ނޫސްވެރިންނަށް ދައްކަވައިލަނީ

އަނޫރާގެ އިއްތިހާދަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ކަށަވަރުވެއްޖެ

ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމަރަ ޑިސަނަޔަކަގެ ނެޝަނަލް ޕީޕްލްސް ޕަވާ (އެން.ޕީ.ޕީ)ގެ ކޯލިޝަނަށް ޕާލަމެންޓުގައި މިހާތަނަށް ނުލިބޭ ފަދަ މެޖޯރިޓީއެއް މިއަދު ލިބިއްޖެއެވެ.

މިއީ "ޕްރޮޕޯޝަނަލް ރިޕްރެޒެންޓޭޝަން" ނުވަތަ ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމުގެ ދަށުން އެއް ޕާޓީއަކުން މިފަދަ އަޣުލަބިއްޔަތެއް ހޯދި ފުރަތަމަ ފަހަރެވެ.

ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑިއަށް ވޯޓުލުން އިއްޔެ ބޭއްވިއިރު މިއަދު މިހާތަނަށް ދެއްކި ނަތީޖާއިން އަނޫރާގެ އެން.ޕީ.ޕީ އަށް 107 ގޮނޑި ލިބުމުން ޕާލަމަންޓްގެ އަޣުލަބިއްޔަތު ވަނީ ލިބިފައެވެ. ނަމަވެސް ޕާލަމަންޓްގެ ތިންބައިކުޅަދެބައި ގޮނޑިކަމަށްވާ 113 ގޮނޑި ލިބޭނެކަން ކަށަވަރު ވާނީ މިއަދުގެ ވަގުތެއްގައި ހުރިހާ ވޯޓުތަކެއް ގުނައި ނިމުމުންނެވެ.

މި ވަގުތުގެ ނަތީޖާތައް ދައްކައިގޮތުން ގާތްގަނޑަކަށް 62 ޕަސެންޓް ނުވަތަ 6.8 މިލިއަން ވޯޓު އަނޫރާގެ އިއްތިހާދަށް ލިބިއްޖެއެވެ.

"ޕާލަމަންޓުގެ އަޣުލަބިއްޔަތު އަނޫރާގެ ކޯލިޝަނުން ހޯދައިފިކަމަށް ލަންކާގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން މިހާރު ދައްކައި. އޭނާގެ އެން.ޕީ.ޕީ އިއްތިހާދަށް ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތު ލިބޭނެކަމަށް ފެނޭ،" ލަންކާގެ މީޑިއާއިން ރިޕޯޓްކުރިއެވެ.
"އަހަރެމެން މި ބަލަނީ މިއީ ލަންކާއަށް ނިހާޔަތަށް މުހިންމު ބަދަލެއް އަންނާނެ ފުރުސަތެއްކަމުގައި،" އިއްޔެ ވޯޓުލެއްވުމަށްފަހު އަނޫރާ ވިދާޅުވިއެވެ.
"ސެޕްޓެމްބަރު މަހުން ފެށިގެން ގައުމުގެ ސިޔާސީ ސަގާފަތަށް ބަދަލެއް އައިސްފައިވާކަމަށް ފެނޭ. އަދި މި ބަދަލު ކުރިއަށް ދާންޖެހޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އުމުރުން 55 އަހަރުގެ އަނޫރާ ރައީސްކަމަށް ވަޑައިގަތުމަށް ފަހު ކުއްލި އާއްމު އިންތިޚާބަކަށް ގޮވާލެއްވީ އޭނާގެ ސިޔާސަތުތައް ކުރިއަށް ގެންދެވުމަށް އާ މެންޑޭޓެއް ހޯއްދެވުމަށްކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ރައީސްކަމަށް ވަޑައިގަތްއިރު އޭނާގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭ.ވީ.ޕީ) ޕާޓީއަށް ޕާލަމަންޓްގައި އޮތީ އެންމެ ހަތަރު ގޮނޑިކަމަށްވާތީއެވެ.

"ރައްޔިތުން ބޭނުންވާ ގޮތާ އެއްގޮތްނުވާ މަޖިލީހެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް،" އަނޫރާ ވިދާޅުވިއެވެ.

ލަންކާގައި ފަޤީރުކަމުގައި ދިރިއުޅޭ މީހުންގެ އަދަދު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 25.9 ޕަސެންޓަށް އިތުރުވެފައިވެއެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު އިގުތިސޯދު ކުރިއަރާނީ އެންމެ 2.2 ޕަސެންޓުންނެވެ.
ކުރިން ވެރިކަން ކޮށްފައިވާ ސިޔާސީ ފަރާތްތަކާމެދު ހިތްހަމަނުޖެހުން އޮތުމުގެ ސަބަބުން ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވައަތު ފިޔައިގެ ފިކުރުގެ އަނޫރާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިވަޑައިގަތެވެ. އޭނާގެ ޕާޓީން ތާއީދުކުރަނީ ޓެކްސް ކުޑަކުރުމަށެވެ.

އަނޫރާ ވަނީ ލަންކާގެ ތާރީހުގައި 50 ޕަސެންޓަށްވުރެ މަދުން ވޯޓު ލިބިވަޑައިގެން ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތް ފުރަތަމަ ރައީސްއަށެވެ. ގިނަ ރައްޔިތުން ދެކޭގޮތުގައި މި ފަހަރު އޭނާގެ އިއްތިހާދަށް މީގެ ކުރިއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު އަދިވެސް ވަނީ ނާޒުކު ފައްތަރެއްގައެވެ. އަދި މައިގަނޑު އަމާޒަކަށް ވެފައިވަނީ އަސާސީ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިހެންވެ މި އިންތިހާބާ ހިސާބުން ފެށިގެން ޤައުމު ކުރިއަށްގެންދިއުމަކީ އާ ރައީސްކަމަށްވާ އަނޫރާގެ އާ ސަރުކާރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *