ފްރާންސްގައި މި އަހަރު ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތްތަކުން އެ ގައުމުގެ އެތުލީޓުންނަށް މެޑެލް ހޯދަން މަގުފަހިކޮށްދިން ހަތަރު އަހަކަށް ޝަރަފު ދީފިއެވެ.
"ގައުމީ ދިފާއުގެ ލޯ މެޑަލް"ގެ ނަން ދީފައިވާ މި ޝަރަފު ދިނީ ރިޕަބްލިކަން ގާޑްގެ ހެޑްކުއާޓަރުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ގޮތުން ޕެންޓެތުލޯނުން ރިހި މެޑަލް ފްރާންސަށް ހޯދައިދިން އެލޯޑީ ކްލޫވަލް ދުއްވި އަހަށް ވެސް ޝަރަފު ދިނެވެ.
ގައުމީ ދިފާއުގެ ލޯ މެޑަލަކީ ޝަރަފުވެރި ހިދުމަތްކުރާ ފްރާންސްގެ އަސްކަރީ ފަރާތްތަކަށް ދޭ އިނާމެކެވެ.
ފުރަތަމަ ބޮޑު ހަނގުރައިމައިގައި ކުއްތާ އާއި ކޮތަރަށް ވެސް ވަނީ މި ޝަރަފު ދީފައެވެ. މިއީ މި ޝަރަފު އަސްތަކަކަށް ދިން ފުރަތަމަ ފަހަރެވެ.
ރިޕަބްލިކަން ގާޑުން ވަނީ މި ފަހަރުގެ އޮލިމްޕިކްސް ކުޅިވަރުތަކުގެ ތެރެއިން ޕެންޓެތުލޯންގައި ބައިވެރިވި ފްރާންސްގެ އެތުލީޓުންނަށް 20 އަސް ފޯރުކޮށްދީފައެވެ.
އެލޯޑީއަކީ "ޖެންޑާމަރީ" އިދާރާގެ ކެޕްޓަންގެ މަގާމުގައި ހުރި އަންހެނެކެވެ. މި އިދާރާއަކީ ފްރާންސްގެ އާއްމުންނަށް ހިދުމަތް ދޭ އަސްކަރީ އޮފިސަރުންގެ އިދާރާއެކެވެ. މިއީ އޭނާއަށް ލިބުނު ދެވަނަ ރިހި މެޑެލްއެވެ. މީގެ އަށް އަހަރު ކުރިން އޭނާ ވަނީ ބްރެޒިލްގައި ބޭއްވި އޮލިމްޕިކްސްގައި ބައިވެރިވެފައެވެ.



advertisment