Support Us

އަފްޣާނިސްތާނު ކުޑަކުދިންތަކެއް މަގުމަތީގައި މަޑުކޮށްލައިގެން

ތޯލިބާން ޑިޕްލޮމެޓުން އިންޑިއާގައި ބައިތިއްބަނީ

އިންޑިއާގެ މުމްބާއީގައި ހުންނަ އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރުގެ ކޮންސުލް ޖެނެރަލް ކަމަށް ހަމަޖައްސައިފައިވާ އިކްރާމުއްދީން ކާމިލް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހާރު އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"އޭނާ ހަމަޖައްސަނީ މުމްބާއީގައި ހުންނަ އަފްޣާނިސްތާނު ކޮންސިއުލޭޓްގެ ސެކަންޑް ސެކްރެޓެރީގެ މަގާމަށް،" ދަ ސަންޑޭ ގާޑިއަންއިން ރިޕޯޓްކުރިއެވެ.

ކާމިލް މަގާމާ ރަސްމީ ގޮތުން އަދި ހަވާލުނުވާ ކަމަށާއި އިންޑިއާއަށް ވަނީ އާދައިގެ ޕާސްޕޯޓެއްގައި ކަމަށާއި ވަރަށް އަވަހަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް އަފްޣާނިސްތާނުން އޭނާއަށް ދޭނެ ކަމަށް ދި އިންޑިޕެންޑެންޓުން ރިޕޯޓްކުރިއެވެ.

އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ ރުހުން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން އޭޝިއާގެ ގައުމުތައްކަމަށްވާ ޗައިނާ އާއި ޕާކިސްތާނާ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރަމުން އެބައާދެއެވެ.

އިންޑިއާއިން އަފްޣާނިސްތާނާ ގުޅުން ރަނގަޅުކުރަން ބޭނުންވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ޓެރަރިޒަމްގެ ބިރު ބޮޑުވަމުންދާތީކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

"ތޯލިބާންގެ އިތުރު ތިން ޑިޕްލޮމެޓުން ނިއު ދިއްލީގައި ގާއިމުކުރާ އަފްޣާނިސްތާނުގެ އެމްބަސީގައި ބައިތިއްބަން ހަމަޖެހިފައިވޭ،" އަފްޣާނިސްތާނު އިންޓަނޭޝަނަލުން އިއްޔެ ރިޕޯޓްކުރިއެވެ.

މީގެ ތެރޭގައި ހިމެނޭ އެކަކީ ގަތަރުގައި ހުންނަ ތޯލިބާންގެ ސިޔާސީ އޮފީހުގެ ވެރިޔާ ސުހައިލް ޝާހީންގެ ދަރިފުޅު ނަޖީބު ޝާހީންކަމަށްވެއެވެ. އޭނާ ހުންނާނެކަމަށް ބެލެވެނީ އެމްބެސެޑަރުގެ ނައިބުގެ މަގާމުގައިކަމަށް ބެލެވެއެވެ.

މިވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލެއްކަމަށްވާ ޖޭ.ޕީ. ސިންގް ޒިޔާރަތްކުރިއެވެ. އަދި ތޯލިބާން ސަރުކާރުގެ ވަގުތީ ދިފާއީ ވަޒީރު މުއްލާ މުހައްމަދު ޔައުގޫބާ ބައްދަލުކުރިއެވެ. މި ބައްދަލުކުރުމުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން ފުޅާކުރުންކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.

ޔައުގޫބަކީ ތޯލިބާންގެ ފައުންޑަރު އަދި އިސް ވެރިޔާކަމަށްވާ މިހާރު ނިޔާވެފައިވާ މުއްލާ އުމަރުގެ ދަރިފުޅެވެ.

"ޔައުގޫބް މީގެ ކުރިން އާއްމުންނަށް ހާމަވާ ގޮތަށް އިންޑިއާގެ އެއްވެސް އޮފިޝަލަކާ ބައްދަލެއްނުކުރޭ،" ހިންދުސްތާން ޓައިމްސްއިން ބުންޏެވެ.

ސިންގަކީ އިންޑިއާގެ ހާރިޖިއްޔާގެ ޖޮއިންޓް ސެކްރެޓެރީއެވެ. އޭނާ ކާބުލްއަށް ދިޔައީ އިއުލާންނުކުރާ ދަތުރެއްގައެވެ. އޭނާ ވަނީ ތޯލިބާންގެ ވަގުތީ ހާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީ އާއި އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީއާ ބައްދަލުކޮށްފައެވެ. މިއިން ބައްދަލުކުރުމަކާ ބެހޭ މައުލޫމާތެއް އިންޑިއާގެ ހާރިޖިއްޔާއިން ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *