މެދުއިރުމަތީގައި އެމެރިކާގެ މުހިންމު ބައިވެރިއެއްކަމުގައިވާ ގަތަރުގައި، ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު ހިންގަމުން އައި ހަމާސްގެ ސިޔާސީ އޮފީސް ބަންދުކުރަން އެމެރިކާއިން އަންގައިފިއެވެ.
ގަތަރުގައި ހަމާސްގެ ގިނަ އިސް ވެރިން ވެސް ދިރިއުޅެމުންއާދެއެވެ.
"ހަމާސްއިން ވަނީ ޔަހޫދީ ރަހީނުން ދޫކޮށްލުމަށް ތަކުރާރުކޮށް ދެކޮޅު ހަދައިފައި. އެމެރިކާގެ އެއްވެސް އެކުވެރި ގައުމަކުން ހަމާސްގެ ވެރިންނަށް މަރުހާބާ ކިޔައިގެން ނުވާނެ. ރަހީނުން ދޫކޮށްލުމަށް މީގެ ހަފްތާތަކެއް ކުރިން ވެސް ހަމާސްއިން އަނެއްކާވެސް ވަނީ ދެކޮޅު ހަދައިފައި. އެހެންވީމާ އަހަރެމެންގެ ނިންމުން ގަތަރަށް ސާފުކޮށްދީފިން،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
ގަތަރުން ހަމާސް ބޭރުކޮށްލައިފި ނަމަ ހަމާސް އެކަހެރިވުމުން ނަތީޖާއަކަށް ވާނީ އިރާން ފަދަ ހަމާސްއަށް ހަމްދަރު ދީ ވާ ގައުމުތަކުގެ ނުފޫޒު ހަމާސްގެ މައްޗަށް އިތުރަށް ވަރުގަދަވުންކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާ ދީ، 1،200 ޔަހޫދީން މަރައިލައި، ރަހީނުކުރި 250 ޔަހޫދީންގެ ތެރެއިން 100 ޔަހޫދީން އަދިވެސް ހަމާސްއިން ދުލެއްނުކޮށްލައެވެ. އަދި 13 މަސްވެފައިވާ ޣައްޒާ ހަނގުރާމަ ހުއްޓާލާތޯ، ގަތަރުން ވެސް ބައިވެރިވި ސުލްހައިގެ ވާހަކަތަކަށް އަދިވެސް ކުރިއެރުމެއް ނުލިބެއެވެ.
"ގަތަރަކީ ކުޑަ ގައުމެއް ނަމަވެސް ހަމާސް އާއި އިސްރާއީލުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މުހިންމު މެދުވެރިއެއްގެ ރޯލު ކުޅޭ ގައުމެއް. ގަތަރަކީ ނޭޓޯގައި ނުހިމެނުނަސް އެމެރިކާގެ މުހިންމު ބައިވެރިއެއް. އެހެންވީމާ އެމެރިކާއިން ބޭނުންވާ ގޮތަށް ގަތަރުން އަމަލުކުރާނެ،" އެމެރިކާގެ އޮފިޝަލް ބުންޏެވެ.
ގަތަރަށް މި ޕްރެޝަރު ކުރަން ފެށީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށެވެ. އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެމެރިކާގެ ސަރުކާރު ހަވާލުކުރެއްވުމުގެ ކުރިން އިރާނާއި ލުބްނާނާ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވައިލުމަށް ކުރައްވާ އެންމެ ފަހު މަސައްކަތެއްގެ ގޮތުންނެވެ. ޓްރަމްޕް ވެސް ވަނީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަތައް ހުއްޓައިލުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ގަތަރުން 2012 އިން ފެށިގެން ހަމާސްގެ ސިޔާސީ ވެރިންނަށް މެހެމާންދާރީ އަދާކޮށްދީފައިވަނީ ސޫރިޔާއާ ހަމާސްއާދެމެދު މައްސަލަ ޖެހުމުން ހަމާސްއިން ސޫރިޔާއިން ފޭބުމުންނެވެ. އެ ގޮތުން ހަމާސް ގަތަރަށް އައުމަށް އެމެރިކާއިން އެއިރު މަރުހަބާކިޔެވެ. ހަމާސްއާއެކު ސުލްހަވެވިދާނެކަމަށް ގަބޫލުކުރެވޭކަމަށް ބުނެފައެވެ.
ގަތަރުގެ ބޮޑު ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ސާނީ އެއިރު ވިދާޅުވީ ގަތަރުގައި ހަމާސްގެ އޮފީހެއް ހުޅުވަން ހުއްދަ ދެއްވީ ހަމާސްއާއެކު ދާއިމީ ގޮތެއްގައި މަޝްވަރާތައް ކުރިއަށްގެންދެވޭނެކަމުގެ އުއްމީދުގައިކަމަށެވެ. ނަމަވެސް އިސްރާއީލަށް ހަމަލާ ދިނުމާއެކީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެފައިވަނީ ހަމާސްއާއެކު އާދައިގެ ގުޅުމެއް ނުބޭއްވޭނެކަމަށެވެ.
ގަތަރުގައި ދިރިއުޅޭ ހަމާސްގެ އޮފިޝަލުންގެ އަރަނިތައް ވަގުތުން ހިފަހައްޓައި، އެ މީހުން ގަތަރުން ވަގުތުން ބޭރުުކޮށްލުމަށް އެދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ 14 މެންބަރުން އިއްޔެ ވަނީ އެމެރިކާގެ ހާރިޖިއްޔާއަށް ސިޓީއެއް ފޮނުވައިފައެވެ.



advertisment