ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.އިން މިއަދު ބުނެފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފެށި ހަނގުރައިމައިގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 8،119 މީހުން މަރުވިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 3،588 ކުޑަކުދިންނާއި 2،036 އަންހެނުން ހިމެނެއެވެ.
އެ އިދާރާއިން ބުނީ ފަލަސްތީނުގެ ސިއްހީ އިދާރާއިން އަންދާޒާކުރި ޝަހީދުވި އަދަދުކަމަށްވާ 43،000 އަކީ ކަށަވަރު ނުކުރެވޭ އަދަދެއްކަމަށެވެ.
އާއްމުންގެ ގެދޮރު ހުންނަ ހިސާބުތަކުގައި 7،607 މީހުން ޝަހީދުވި ކަމަށް ފާހަގަކުރެވުނު އިރު އޭގެ ތެރެއިން 44 ޕަސެންޓަކީ ކުޑަކުދިން ކަމަށާއި 26 ޕަސެންޓަކީ އަންހެނުން ކަމަށާއި 30 ޕަސެންޓަކީ ފިރިހެނުން ކަމަށް އދ.އިން މިއަދު ނެރުނު ރިޕޯޓްގައިވެއެވެ.
"ޝަހީދުވި އެންމެ ހަގު ކުއްޖާގެ އުމުރުން ވީ އެންމެ ދުވަހެއް. ޝަހީދުވި އެންމެ މުސްކުޅި މީހަކީ 97 އަހަރުގެ އަންހެނެއް،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުންޏެވެ.
އެންމެ ގިނައިން ޝަހީދުވީ އުމުރުން ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނެވެ. އެއާ ޖެހިގެން އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދެވެ. ދެން ހަތަރު އަހަރާއި އޭގެ ދަށެވެ.
"މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ގަސްދުގައި އިސްރާއީލުން ހިންގި އަނިޔާވެރިކަން،" އެ އިދާރާއިން ބުންޏެވެ.
ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ޔާން އެޖަލަންޑް ބުނީ ހުޅަނގުގެ ގައުމުތަކުން ދިން ހަތިޔާރު ބޭނުންކޮށްގެން ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންނަށް ނޫޅެވޭނެ ވަރުގެ ތަނަކަށް އިސްރާއީލުން ހަދައިލައިފައިވާ ކަމަށެވެ.
"އިސްރާއީލުގެ އަސްކަރިއްޔާގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް،" ޔާން ބުންޏެވެ.
ޣައްޒާގެ ދެ މިލިއަން މީހުން މިހާރު ވަނީ ގެދޮރުނެތިފައެވެ. އަދި ކާބޯތަކެއްޗާއި ފެނާއި ބޭސް ވެސް ލިބުން ވެފައިވަނީ ދަތި ކަމަކަށްކަމަށް އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާއިން ބުންޏެވެ.
އިސްރާއީލުން މިހާރު ހުއްދަ ދީފައިވާ ގޮތުން ފަލަސްތީނު ރައްޔިތުންނަށް ޣައްޒާގައި އުޅެވޭނީ ޣައްޒާގެ 20 ޕަސެންޓް ބިމުގައެވެ.
"އެހެން މީހުން އެނބުރި އަޔަކަ ނުދޭނަން،" އިސްރާއީލު އަސްކަރިއްޔާގެ އިސް އޮފިސަރަކު ބުނެފައިވެއެވެ. އެނބުރި ވަޒަނަށް ނާދެވޭ ގޮތަށް ހެދުން މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ބުންޏެވެ.
އުތުރު ޣައްޒާއަށް އިސްރާއީލުން މިދިޔަ މަހު ހަމަލާ ދޭން ފެށުމުން 100،000 މީހުންނަށް ވަނީ އެހީ ލިބޭ ގޮތް ނުވެފައެވެ. މި ކަން އދ.އިން ވަނީ ކުށްވެރިކޮށްފައެވެ. މިދިޔަ މަހު އދ.އަށް އުތުރު ޣައްޒާއަށް ދުވާލެއްގެ މައްޗަށް ވެއްދުނީ 36 ލޮރީގެ އެހީއެވެ. މިއީ ވޭތުވެދިޔަ އަހަރު އެންމެ މަދުން ވެއްދުނު އަދަދެވެ.
އިސްރާއީލުން ދާދި ފަހުން ވަނީ އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ އާއި އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސް އިސްރާއިލަށް ވަނުން މަނާކޮށްފައެވެ.
"ހަމަ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލައި، ހަމާސްއިން ރަހީނުން ދޫކޮށްލައި، ސުލްހަ ގާއިމުކޮށްގެން ނޫނީ ޣައްޒާގެ އިންސާނީ ކާރިސާއަށް ހުއްޓުމެއް ނުގެނެވޭނެ. ނުފޫޒު ހުރި މަގާމުތަކުގައި ތިބި ފަރާތްކަށް މި ކަން ކުރެވޭނީ،" އެޖަލަންޑް ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް އޭނާ ވާހަކަދެއްކި ފަލަސްތީނު އާއިލާތަކާއި ހުވަފަތްވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ވާހަކަތަކުން އެނގުނީ ފަހުގެ ތާރީހެއްގައި އިންސާނުންނަށް ނުލިބޭވަރުގެ ވޭނެއް އެ މީހުން ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.
"ހަނގުރާމަ ކުރިއަށްގެންދަން އަދި ޣައްޒާ ސުންނާފަތިކުރަން ދެއްކޭނެ އުޒުރެއް ނެތް. ކާބޯތަކެއްޗާއި ބޯފެން ނުލިބި އެތައް ދުވަހެއް ވެފައިވޭ. ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެއްމެ ހަފުތާއެއް ވެސް ނުދޭ ޣައްޒާއަށް އެކަށީގެންވާ އަދަދަކަށް އެހީ ފޯރުކޮށްދެވުނު،" ނޯވޭގެ ކުރީގެ ހާރިޖީ ވަޒީރުކަން ވެސް ކުރި އެޖަލަންޑް ބުންޏެވެ.
އޭނާ ބުނީ ޣައްޒާގެ މިހާރުގެ ހާލަތު ހުރި ގޮތުން އެއީ ފަލަސްތީނު ރައްޔިތުންނާއި އެހީ ފޯރުކޮށްދޭ ފަރާތްތަކާއި އަދި ނޫސްވެރިންނަށް ރައްކާތެރި ތަނެއް ނޫން ކަމަށެވެ.
"ނުފޫޒު ގަދަ މަގާމުތަކުގައި ތިބި މީހުން ހިތުހުރި ގޮތަކަށް އަމަލުކުރަމުންދަނީ. އެ ކަމުގެ އަގު ދައްކަން ޖެހެނީ ޣައްޒާގެ ދެ މިލިއަން މީހުންނަށް. އިންސާނީ ހައްގުތަކަށް ގޮވައިލައި މީހުންނަށް އަޑުގަދަކުރެވިދާނެ. ނަމަވެސް ހެޔޮ ބަދަލެއް އަންނާނީ ނުފޫޒު ގަދަ މަގާމުތަކުގައި ތިބި މީހުން މި ހަނގުރާމަ ހުއްޓައިލުމުން،" އެޖަލަންޑް ބުންޏެވެ.



advertisment