އަހަރެންގެ ކައިވެންޏަށް 21 އަހަރު ފުރުނުތަނާ އަނބިމީހާ އެއް ދުވަހަކު ހައިރާންވާ ކަހަލަ އެދުމެއް އަހަރެންގެ ކިބައިން އެދުނެވެ.
"އަހަރެން މިއަދު ބޭނުމީ ތިބާ އެހެން އަންހެނަކާއެކު 'ޑޭޓަ’ކަށް ދާށެވެ. އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ،" އަންހެނުން ބުންޏެވެ.
ވާނުވާނޭނގި އަހަރެން ހައިރާންވެފައި ސުވާލުކުރީމެވެ: "އަނެއްކާ ކިހިނެތް ވީ ހެއްޔެވެ؟"
އަހަރެން ކުޑަކޮށް ހާސްވާ ގޮތްވެފައިވާކަން އިހުސާސްކުރެވުމުން އޭނާ ދެން ސީދަލަށް ޖަވާބުދިނެވެ: "ތިބާގެ މަންމަ ހުވަފަތްވެފައިވާތާ 19 އަހަރުވެއްޖެއެވެ. އަހަރެން މިއަދު ބޭނުމީ ތިބާ އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ."
އަންހެނުން އެ ބުނީ ތެދެކެވެ. ބުރަކޮށް ވަޒީފާގައި އުޅުމާއި ތިން ދަރިން ބެލެހެއްޓުމުގައި އަވަދިނެތިއުޅޭތީ އަހަރެންގެ މަންމަގެ ގާތަށް ނުދެވޭތާ މިހާރު އެތައް ދުވަހެއްވެއްޖެއެވެ.
އަހަރެން މަންމައަށް ގުޅީމެވެ. އަދި ބުނީމެވެ: "މަންމާއެވެ. އަހަރެންނާއެކު ރޭގަނޑުގެ ކެއުމަކަށާއި އޭގެ ފަހުން ފިލްމެއް ބަލައިލަން ސިނަމާއަށް ދަމާހެއްޔެވެ."
އަހަރެން އާއްމުކޮށް ނުގުޅާތީ އާއި މި ކަހަލަ އެދުމެއް އާއްމު ގޮތެއްގައި ނޭދޭތީ މަންމައަށް ފުރަތަމަ ލިބުނީ ހައިރާންކަމެއްކަމަށް ފެނެއެވެ. މަންމަ ޖަވާބުދިނެވެ: "ދަރިފުޅާއެވެ. އަނެއްކާ ކިހިނެތްވީ ހެއްޔެވެ؟ ތިބާ ބަލިވެއުޅެނީ ހެއްޔެވެ؟"
އަހަރެން ޖަވާބުދިނީމެވެ: "ނޫނެކެވެ. އަހަރެންގެ ހާލު ރަނގަޅެވެ. އަހަރެމެން ދެ މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުން ރަނގަޅުވާނެކަމަށް އަހަރެންގެ އަނބިމީހާގެ ހިޔާލަށް އައީއެވެ. މިހެންވެ ހަފުތާބަންދުގައި އަހަރެން ތިކޮޅަށް ދާނަމެވެ."
ހަފުތާބަންދުގައި އަހަރެން މަންމަގެ ގެއަށް ދިޔައިރު މަންމަ ހުރީ ވަރަށް ނަލަވެގެންނެވެ. ލައިގެން ހުރީ މަންމަގެ ކައިވެނީގެ އެންމެ ފަހު އެނިވާސަރީ ފާހަގަކުރި ހެދުމެވެ.
މަންމަ ބުންޏެވެ: "އަހަރެންގެ ފިރިހެން ދަރިފުޅާއެކު 'ޑޭޓަ’ކަށް ދާ ވާހަކަ ބުނުމުން އަހަރެންގެ ރަހްމަތްތެރިން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ."
ރެސްޓޯރަންޓްގައި ޖައްސައިލުމާއެކު ވެއިޓަރު މެނޫ ގެނެސްދިނެވެ. މަންމައަށް ކިޔަން އެނގެނީ އަކުރު ބޮޑެތިކޮށް ލިޔެފައި ހުންނަ ލިޔުންތައްކަމަށްވާތީ މެނޫގައިވާ ކާބޯތަކެތި މަންމައަށް ކިޔައިދިނީ އަހަރެންނެވެ.
"ދަރިފުޅު ކުޑައިރު މެނޫގައިވާ ކާބޯތަކެތި ދަރިފުޅަށް ކިޔައިދެނީ އަހަރެންނެވެ،" މަންމަގެ ހަނދާނެއް މަންމަ އާކޮށްލިއެވެ.
"ތިކަމުގެ ބަދަލުގައި އަހަރެން މިކަން މިއަދު މަންމައަށް ކޮށްދޭނަމެވެ،" އަހަރެން ބުނީމެވެ.
ކެއުމުގައި މަސްއޫލުވެގެން ތިބިއިރު އަހަރެމެން ވަރަށް ގިނަ ވާހަކަދެއްކީމެއެވެ. ހަޔާތުގައި ދިމާވި އެތައް ކަމެއް ހިއްސާކުރީމެވެ. އެތައް ދުވަހެއްގެ ވާހަކަތަކެކެވެ.
އަހަރެމެންގެ ވާހަކަ ދިގުދެމިގެންދިޔަވަރުން ފިލްމް ބަލަން ތިއެޓަރަށް ދާން ހަނދާނެއް ވެސް ނުވިއެވެ. އަހަރެން ހީކުރި ވަރަށް ވުރެ ވެސް މަންމައާއެކު ހޭދަކުރި ވަގުތުކޮޅު ދިޔައީ ރަނގަޅަށެވެ.
ކައި ނިމުމުން މަންމަ ބުންޏެވެ: "އަދިވެސް އަހަރެން ތިބާއާއެކު ބޭރަށް ގޮސްލައި ހިތްވެއެވެ. ނަމަވެސް އެ ކަން އަހަރެން ކުރާނީ ދަރިފުޅަށް ދައުވަތު ދޭން ދަރިފުޅު އަހަރެންނަށް ހުއްދަ ދިނުމުންނެވެ."
އޭގެ ދުވަސްކޮޅެއް ފަހެވެ. އަހަރެން ސިހިގެން ދިޔަ ހަބަރެއް ލިބުނެވެ. އެ ކުއްލި ހަބަރަކީ ހިތް ހުއްޓިގެން މަންމަ މި ދުނިޔެ ދޫކޮށްފިކަމެވެ.
މަންމަ މަރުވީ ކުއްލިއަކަށް ކަމަށްވީތީ އަހަރެންނަށް އެއްވެސް ކަމެއް މަންމައަކަށް ނުކޮށްދެވުނެވެ.
މިހެން ހުއްޓާ އަހަރެންނަށް ލިބުނީ އެއްކަލަ ރެސްޓޯރަންޓުގެ ބިލެކެވެ. އެއީ ކުރިއަށް ފައިސާ ދައްކައިފައިވާ ބިލެކެވެ.
އެއާއެކު މަންމަ ފޮނުވި ނޯޓުގައި މަންމަ ބުނެފައިވެއެވެ: "މިއީ ދަރިފުޅާއި ދަރިފުޅުގެ އަންހެނުންގެ ކެއުމަކަށް މަންމަ އެޑްވާންސްކޮށް ފައިސާ ދެއްކި ބިލެކެވެ. މިހެން ހެދީ މަންމައަށް ތިޔަ ދެމަފިރިންނާއެކު ކައިލަންދެވޭނެކަމުގެ ޔަގީންކަމެއް ނެތީމައެވެ. އެ ރޭ ދަރިފުޅާއެކު ކެއުމުގެ ފުރުސަތު ލިބުމަކީ ކިހާ ވަރެއްގެ ހާއްސަކަމެއްކަން ދަރިފުޅަށް ނުވިސްނިދާނެއެވެ. އަހަރެން ދަރިފުޅު ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ."
އަހަރެންނަށް ވިސްނުނީ ވަގުތު ފާއިތުވުމުގެ ކުރިން ލޯބިވާ މީހުންގެ ގާތުގައި އެ މީހުން ދެކެ ލޯބިވާކަން ބުނުމުގެ މުހިންމުކަމެވެ. އަދި އެ މީހުންނާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަމެވެ. އާއިލާއަށްވުރެ މުހިންމު ބަޔަކު ނޫޅޭނެއެވެ. ފަހުން ބައްދަލުވާނެކަމަށް ބަލައިގެން އެ މީހުންނާ ބައްދަލުނުކޮށް، އަދި އެ މީހުން ދެކެ ލޯބިވާކަން ހާމަނުކޮށް، އުޅުމުން އާޚިރުގައި ހިތާމަކުރާނީ ހަމަ އަހަރެމެންނެވެ.
ނޯޓު: ތަރުޖަމާއެއް
