އުތުރު ޣައްޒާއިން ފަލަސްތީނުގެ ހުރިހާ ރަށްވެހިން ބޭރުކޮށްލާނެކަމަށް އިސްރާއީލު އަސްކަރިއްޔާގެ ބްރިގޭޑިއާ ޖެނެރަލް އިޓްޒިކް ކޮހެން ބުނި ބުނުމާ އިސްރާއީލު ސަރުކާރުން ދުރަށްޖެހިއްޖެއެވެ.
"އެއްގަމު ސިފައިން މިހާރު ވަނީ އުތުރު ޣައްޒާއިން ފަލަސްތީނުގެ ހުރިހާ ރަށްވެހިން ބޭރުކޮށްލަން ކައިރިވެފައި. އެ މީހުން އެނބުރި ޣައްޒާއަށް އަޔަކަނުދޭނަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޓްޒިކް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ އިންސާނީ އެހީ ދޭން ފުރުސަތު ދޭނީ ހަމައެކަނި ދެކުނު ޣައްޒާއަށްކަމަށެވެ.
"އުތުރު ޣައްޒާގައި މިހާރު ފަލަސްތީނުގެ އާއްމު ރައްޔިތުންނެއް ނެތް،" އިޓްޒިކް ބުންޏެވެ.
އިންސާނިއްޔަތާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކުގައިވާ ގޮތުން މި ފަދަ އަމަލެއް ބެލެވޭނީ ހަނގުރައިމައިގެ ޖަރީމާއެއްގެ ގޮތުގައާއި ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު މިއަދު ބުނީ އިޓްޒިކްގެ ވާހަކަތައް އިސްރާއީލުގެ މީޑިއާތަކުން ގެނެސްދިނީ އޮޅޭ ގޮތަށްކަމަށެވެ.
"މިއީ އަސްކަރިއްޔާގެ ލަނޑުދަނޑިތަކާ އެއްގޮތަށް އިޓްޒިކް ދައްކައިފައިވާ ވާހަކައެއް ނޫން،" ތަރުޖަމާނު ބުންޏެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދީފައިވާކަމަށެވެ. ނަމަވެސް އުތުރު ޣައްޒާގެ ރަށްވެހިން ބުނަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފެށި ހަމަލާތަކާއެކު އުތުރު ޣައްޒާއަށް އެއްވެސް އެހީއެއް ފޯރައިފައިނުވާކަމަށެވެ.
އުތުރު ޣައްޒާ އިސްރާއީލުން ހިސޯރުކުރިތާ ދެވަނަ މަހަށް އެޅުނުއިރު އިސްރާއީލުން ބުނަމުންދަނީ އަސްކަރިއްޔާއިން މަސައްކަތްކުރަނީ ހަމާސްގެ ހަނގުރާމަވެރިން އަލުން ގުޅިގެން ހަމަލާތައް ދިނުން ހުއްޓުވަންކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރަނީ އިސްރާއީލުން އަދިވެސް ކުރިއަށްގެންދަނީ "ޖެނެރަލުންގެ ރޭވުން" ނަމަކަށް ކިޔާ ޕްލޭނެއްކަމަށެވެ. މި ރޭވުމުގެ ދަށުން އިސްރާއީލުންކުރާކަމަކީ އުތުރު ޣައްޒާއިން ނުކުތުމަށް ރަށްވެހިންނަށް ސުންގަޑި ދިނުމަށް ފަހު ނުނިކުމެ ތިބޭ މީހުންނަކީ ހަނގުރާމަވެރިންކަމަށް ބަލައި އެ މީހުންނަށް ހަމަލާދެނީއެވެ.
އުތުރު ޣައްޒާގައި މި ވަގުތު އުޅެނީ ކިތައް ރަށްވެހިންކަމެއް ނޭނގެއެވެ. މިދިޔަ މަހު އދ.އިން ބުނީ އުތުރު ޣައްޒާ ދޫކޮށްފައިދެވޭނެ ހާލު ނެތް ނުވަތަ އިސްރާއީލުން ދިން އިންޒާރަށް ކިޔަމަންވާން ބޭނުންނުވާ 400،000 އެއްހާ މީހުން އުތުރު ޣައްޒާ ތިބިކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ގެދޮރު ދޫކޮށް އެތައް ބަޔަކު ކުޑަކުދިން ގޮވައިގެންނާއި އަތުން އުފުލޭނެ މުދާ ހިފައިގެން ދެކުނު ޣައްޒާއާ ދިމާއަށް ހިނގައިފައިދާ މަންޒަރުތަކެވެ. މި ފަދަ މަންޒަރުތަކުން ފެންނަނީ އުތުރު ޣައްޒާ ސުންނާފަތިކޮށްލައިފައިވާ ތަނެވެ.
މި އަހަރު ކުރީކޮޅު އިސްރާއީލުން ވަނީ ޣައްޒާ ދެ ބަޔަކަށް ބަހައިލައިފައެވެ.
ޣައްޒާ އަލުން ހިފުމަކީ އިސްރާއީލުގެ ރަސްމީ ސިޔާސަތު ނޫންކަމަށް ސަރުކާރުން ބުންޏަސް އަސްކަރިއްޔާގެ އިސްވެރިން ދާދި ފަހުން މީޑިއާއަށް ބުނީ ޣައްޒާގެ ބޮޑު ބައެއް އިސްރާއީލާ އެއްކޮށްލުމަށް ސަރުކާރުން އަމާޒުހިފައިފައިވާކަމަށެވެ.



advertisment