Support Us

ބާސްކެޓްބޯޅައިގައި ޑަންކްކުރާއިރު އޮލިވިއޭ ރިއޫއަށް ފުއްމައިގެންއަރާކަށްނުޖެހޭ

އޮލިވިއޭ ރިއޫ: އެންމެ ދިގު ޒުވާނާ

އުމުރުން 18 އަހަރުގެ އޮލިވިއޭ ރިއޫއަކީ މިހާރު އެންމެ ދިގު ޒުވާނާއެވެ. އިސްކޮޅުގައި ހަތް ފޫޓު ނުވަ އިންޗި ހުރެއެވެ. ބަރުދަނަކީ 138 ކިލޯއެވެ.

ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފައިވާ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޔުނިވާސިޓީގައި ކިޔަވާ ކެނެޑާގެ އޮލިވިއޭ މިހާރު ވަނީ އެހެން ރެކޯޑެއް ވެސް މުގުރައިލައިފައެވެ؛ ކޮލެޖް ބާސްކެޓްބޯޅައިގެ އެންމެ ދިގު ކުޅުންތެރިޔާގެ މަގާމަށް އައުމެވެ.

އޮލިވިއޭއަކީ ރަހްމަތްތެރި ގޮތެއް ހުންނަ ޝަހުސިއްޔަތެކެވެ. އޭނާގެ ފޭނުންނާއެކު ވާހަކަދައްކައިލައި ފޮޓޯނަގަންނަ ވެސް މަޑުކުރެއެވެ.

އޮލިވިއޭގެ ޓީމުގެ ކުޅުންތެރިންނަށް އޭނާގެ އާކަން މިހާރު ވަނީ ކެނޑިފައެވެ. ނަމަވެސް އާއްމު ތަންތާނގައި އޮލިވިއޭއަށް އަދިވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބެއެވެ.

އޮލިވިއޭ ރިއޫ (މ) އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު

ކެނެޑާގެ ކިއުބެކް ސަހަރަށް އުފަން އޮލިވިއޭއަށް އާދައިގެ ކަންތައްތައްކުރަން ވެސް ދަތިތަކާ ކުރިމަތިވެއެވެ. މިހެންވެ އޭނާގެ ގޭތެރެއާއި ކްލާހުގައި ކަންތައްތައްކުރަން އުނދަގޫވެއެވެ. ގޭގައި ނިދަން ވެސް އޭނާއަށް ހަދައިދީފައިވަނީ އާދައިގެ އެނދެއް ނޫނެވެ.

އުމުރުން އަށް އަހަރުގައި އޮލިވިއޭގެ އިސްކޮޅު ހަ ފޫޓަށް އެރިއެވެ. އަދި ގްރޭޑް ހަތަކަށް ދިއުމުގެ ކުރިން އިސްކޮޅުގައި ހަތް ފޫޓު ހަމަވިއެވެ.

އޮލިވިއޭވަނީ ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކެނެޑާ ތަމްސީލުކޮށްފައެވެ.

އޮލިވިއޭގެ ކުރިއަރަމުން އަންނަ ހުނަރާމެދު ފްލޮރިޑާ ޔުނިވާސިޓީ ޓީމުގެ ކޯޗު ޓޮޑް ގޯލްޑެން ހިތްހަމަޖެހެއެވެ. އެ ގޮތުން އޮލިވިއޭގެ ކުރިމަގާމެދު ގޯލްޑެން ފޮނި އުއްމީދުތަކެއްކުރެއެވެ.

އޮލިވިއޭ އިސްކޮޅުން ދިގުކަމުން ބާސްކެޓްބޯޅައިގައި އޭނާ ކުޅޭ ގޮތް ވެސް ތަފާތެވެ. އެ ގޮތުން ޑަންކްކުރާއިރު ވެސް ފުއްމައިގެން އަރާކަށްނުޖެހެއެވެ.

އޮލިވިއޭ މަސައްކަތްކުރަނީ ކުރިމަގުގައި ޒެކް އިޑީ އާއި ވިކްޓާ ވެމްބަންޔާމާ ފަދަ ކުޅުންތެރިއަކަށްވެވޭތޯއެވެ.

ފްލޮރިޑާ ޓީމުން އުއްމީދުކުރަނީ އޭނާ ހުރުމުގެ ސަބަބުން ޓީމަށް އިތުރު މަޝްހޫރުކަމެއް ލިބޭނެކަމަށެވެ. ސަބަބަކީ 2006 އިން 2008 އަށް ޓީމުގައި ކުޅުނު ކެނީ ޖޯޖްގެ އިސްކޮޅަކީ ހަތް ފޫޓު ހަތް އިންޗި ކަމަށްވާތީ މި ރެކޯޑު އޮލިވިއޭއަށް މުގުރައިލެވިފައިވާތީއެވެ.

އޮލިވިއޭގެ ހުސް ވަގުތުތަކުގެ ހޮބީއަކީ ކުރެހުމެވެ.

އޭނާ ބުނީ އޭނާއާ ދިމާއަށް މީހުން ބެލުމާއި އޭނާއާކުރާ ސުވާލުތަކަށް މިހާރު ހޭނިފައިވާކަމަށެވެ.

"ކެނެޑާ މީހަކަށް ވީތީ ރަނގަޅު. ކޮންމެ ކަމަކަށް ވެސް ހޭނޭ. މީހުންނާ ވާހަކަދައްކައިހިތްވޭ. ސަބަބަކީ އެ މީހުން ވަރަށް ކަންބަލާހިތްވޭ. އެއީކީ އަހަރެންނަށް ބަދަލުކުރެވޭނެ ކަމެއް ނޫން،" އޮލިވިއޭ ބުންޏެވެ.

ގޯލްޑެން ބުނީ އޭނާއާ ވާހަކަދައްކާ މީހުންގެ 95 ޕަސެންޓް މައުލޫއަކީ އޮލިވިއޭކަމަށެވެ.

"އޮލިވިއޭއަކީ ތަފާތު މީހެއް،" އޭނާ ބުންޏެވެ.

ދަށް ގްރޭޑްތަކުގައި ވެސް އޮލިވިއޭގެ މުދައްރިސުންނަށްވުރެ އޭނާގެ އިސްކޮޅުން ދިގެވެ. އޮލިވިއޭގެ މަންމަގެ އިސްކޮޅަކީ ހަ ފޫޓު ދެ އިންޗިއެވެ؛ ބައްޕަ ހަ ފޫޓު އަށް އިންޗިއެވެ؛ އަދި ބޭބެ ހަ ފޫޓު ނުވަ އިންޗިއެވެ.

ދޮރުކަނިތަކުގައި ބޯ ޖެހުމަކީ އޮލިވިއޭއަށް އާއްމު ގޮތެއްގައި ލިބޭ އަނިޔާއެކެވެ.

"ސައިކަލެއް ވެސް ދުއްވާކަށް ނުކެރޭ. ސަބަބަކީ އަހަރެންގެ ނަފުސަށް އަހަރެން ވެސް އިތުބާރެއް ނުކުރަން،" އުމުރުން ފަސް އަހަރުގައި ބާސްކެޓްބޯޅަ ކުޅެންފެށި އޮލިވިއޭ ބުންޏެވެ.

އޮލިވިއޭގެ ޖޯޒީ ނަންބަރަކީ 32 އެވެ. ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިން ކަމަށްވާ މެޖިކް ޖޯންސަން އަދި ޝަކީލް އޯނީލްއަށް ތާއީދުކުރާތީއެވެ. ޒެކް އާއި ވިކްޓާ މިސާލެއްގެ ގޮތުން ބަލަނީ ހަތް ފޫޓު ހުންނަ ކުޅުންތެރިން ކުޅޭ ގޮތް އެ ދެ ކުޅުންތެރިން މިސާލު ދައްކައިފައިވާތީއެވެ.

އޮލިވިއޭގެ ކޮންމެ ފޮޓޯއެއް މިހާރު ވައިރަލްވެގެންއާދެއެވެ. އޭނާއަކީ ސަމާލުކަން ހޯދަން އިސްނުނަގާ ޒުވާނެއް ކަމަށްވިޔަސް އޭނާއަށް ލިބޭ ސަމާލުކަމާމެދު އުނދަގޫނުވާކަމަށް އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *