ކޮށައިލައިފައިވާ ކޯމަހެއްގެ ބައިތަކެއް އެމެރިކާގެ ނިއު ޖާޒީ ސްޓޭޓްގެ ގޮނޑުދޮށަކުން ފެނިއްޖެއެވެ.
"ތޫނު އެއްޗެއް ބޭނުންކޮށްގެން ހުރިހާ މަސްކޮޅެއް ނަގައިފައިވަނީ. ހަމައެކަނި ފެންނަން އޮތީ ބޮލާއި އުރަހަ އަދި ނިގޫ،" މެރިން މެމަލް ސްޓްރޭންޑިން ސެންޓަރުގެ ތަރުޖަމާނަކު ބުންޏެވެ.
އޭނާ ބުނީ ހިތާއި ފުއްޕާމޭ ފިޔަވައި އެހެން އެއްވެސް ގުނަވަނެއް ވެސް ނެތް ކަމަށެވެ.
"މިއީ އާއްމު ބާވަތުގެ ކޯމަހެއް. ރައްކާތެރިކުރަންޖެހޭ ލިސްޓުގައި ހިމެނޭ ބާވަތުގެ ކޯމަހެއް ނޫން،" ތަރުޖަމާނު ބުންޏެވެ.
ސެންޓަރުން ބުނީ މީގެ ހަފުތާއެއް ކުރިން އެ ހިސާބުން ކޯމަހެއް ފެނުނުކަމަށް އާއްމުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ކަނޑަށް އެ ސޮރު ނުކުތް. ކޮށާލާފައިވާ މި ކޯމަހަކީ އެ ކޯމަސްކަމަށް ޔަގީނެއް ނުކުރެވޭ،" ތަރުޖަމާނު ބުންޏެވެ.
ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ގާނޫނު ތަންފީޒުކުރާ އިދާރާއިން މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.



advertisment