އުމުރުން 248 އަހަރުވެފައިވާ އެމެރިކާގެ ދައުލަތުގެ 47 ވަނަ ރައީސް ހޮވަން މިއަދު ބާއްވާ ތާރީހީ ރިޔާސީ އިންތިހާބަށް ހުރިހާ ކަމެއް ވަނީ ތައްޔާރުވެފައެވެ.
ކުރިން ރައީސްކަން ކުރެއްވި އުމުރުން 78 އަހަރުގެ ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ނައިބު ރައީސް އުމުރުން 60 އަހަރުގެ ކަމަލާ ހެރިސްގެ މަގުބޫލުކަމުގެ ދެމެދުގައި އުޅެނީ ކުޑަ ތަފާތެކެވެ.
ކަމަލާ ހޮވިވަޑައިގެންފި ނަމަ އޭނާ ވާނީ ހަމައެކަނި އެމެރިކާގެ ފުރަތަމަ އަންހެން ރައީސަކަށް ނޫނެވެ. ނަމަވެސް އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ އަންހެން ރައީސަށްވުމުގެ އިތުރުން ދެކުނު އޭޝިއާ ދަރިކޮޅުގެ ރައީސްއަށްވެސްމެއެވެ.
އަނެއްކޮޅުން ހުންނެވީ އެމެރިކާގެ ފަގީރުންގެ ވޯޓު ހޯއްދަވަން މަސައްކަތްކުރައްވާ ޓްރަމްޕެވެ. ނަމަވެސް ޓްރަމްޕަކީ ގައުމިއްޔަތުގެ ހައްދުފަހަނަޅާފައިވާ ފަލްސަފާއެއް ގެންގުޅުއްވާ ރިޔާސީ ކެންޑިޑޭޓެއް ކަމަށް ވެސް އޭނާއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެކަމަކު ޓްރަމްޕް ދާދި ފަހުން ވަނީ އެމެރިކާގެ އަރަބި ދަރިކޮޅާއި މުސްލިމް ރައްޔިތުންގެ ވޯޓު ހޯއްދެވުމަށް މިޗިގަން ސްޓޭޓް ފަދަ ތަންތާނގައި ކެމްޕޭންކުރައްވައިފައެވެ.
ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި އަންހެނުންގެ މެދުގައި މަގުބޫލީ ކަމަލާއެވެ. ސަބަބަކީ އަންހެނުންނަށް ބަދުބަސް ވިދާޅުވާ މީހެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރެވިފައިވާތީއެވެ.
ކަމަލާ ބޮޑަށް ފޯކަސް ކުރައްވަނީ ޑިމޮކްރެސީ ހިމާޔަތްކުރެއްވުމަށެވެ. ޓްރަމްޕް ސަމާލުކަން ދެއްވަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމާއި އެމެރިކާއަށް މީހުން ހިޖުރަކުރާ މައްސަލައަށެވެ.
އިންތިހާބުގެ ނަތީޖާ އެމެރިކާގެ ހާރިޖީ ސިޔާސަތަށް ވަރުގަދަ ނުފޫޒެއް ފޯރުވާނެކަމަށް ބެލެވެއެވެ. އެ ގޮތުން އަސްކަރީ ޖަމާއަތް ނޭޓޯ އާއި ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހިމެނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އެމެރިކާއިން އަޅާނެ ފިޔަވަޅުތަކަށް ވެސް މުޅި ދުނިޔެ އޮތީ ބަލަބަލައެވެ.
ދެ ކެންޑިޑޭޓުންގެ ރިޔާސީ ވައުދުތައް ހުރި ގޮތުން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑެތި ބައިބައިވުން އުފެދިފައެވެ. މިހެންވެ، މިއިން އެއްވެސް ކެންޑިޑޭޓެއް ކުޑަ ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ގައުމު ބޮޑު ހަމަނުޖެހުމަކަށް ވެއްޓޭނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ. އެ ގޮތުން 2000 ވަނަ އަހަރު ޖޯޖް ބުޝް އެންމެ 537 ވޯޓުގެ ތަފާތަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފައިވާތީ މި ކަހަލަ ގޮތަކަށް މި ފަހަރުގެ އިންތިހާބުގެ ނަތީޖާ ނުކުމެދާނެތީ އެތައް ރައްޔިތުންނަށް ވަނީ ނުތަނަވަސްކަން ލިބިފައެވެ.
ޓްރަމްޕް އަދިވެސް ވިދާޅުވަނީ 2020 ގައި ވަނީ އޭނާއަށް ލިބިވަޑައިގަތް އިންތިހާބެއް "ވަގަށް ނަގައިފައި"ކަމަށެވެ. އަދި މި ފަހަރު ވެސް މި އިންތިހާބުގެ ނަތީޖާ އެހެންވެދާނެކަމަށެވެ.
ކަމަލާއަށް ތާއީދުކުރާ ފަރާތްތަކުން ދެކެނީ އޭނާ ވާނީ ޓްރަމްޕްގެ ހުދުމުހުތާރު ވެރިކަމެއް އަލުން އައުމަށް ހުރަސްއަޅާނެ ރައީސްއަކަށްކަމަށެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ސީރިއަސްކޮށް ކުރެވޭ ސުވާލަކީ އެމެރިކާގެ ކުރިމަގާ ގުޅިފައިވާ ތަފާތު ނަސްލުތަކާއި ސަގާފަތްތަކުގެ ރައްޔިތުންނަށް އެކަކު އަނެކަކާ އެއްބައިވަންތަކަމާއެކު އުޅެވިދާނެތޯއާމެދު ކުރެވޭ ސުވާލެވެ.
އިންތިހާބު ފުރޮޅޭނެކަމަށް ބެލެވެނީ ސްޓޭޓްތައްކަމަށްވާ އެރިޒޯނާ، ޖޯޖިއާ، މިޗިގަން، ނެވާޑާ، ނޯތު ކެރޮލައިނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ރައްޔިތުން ވޯޓުލާ ގޮތަކުންނެވެ.



advertisment