އެމެރިކާގެ އޮރެގަން ސްޓޭޓްގައި "ބައިނަލްއަގުވާމީ ވާލުގެ ހަފުތާ" ފާހަގަކުރުމަށް ވާލުގެ މެދުގައި ބާއްވާ ރީތީގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ބިން މެނޭޖްކުރުމާ ބެހޭ އިދާރާ "ބިއުރޯ އޮފް ލޭންޑް މެނޭޖްމެންޓް" (ބީ.އެލް.އެމް)އިން ރާވާ މި މުބާރާތުން އެއްވަނައަށް މި ފަހަރު އައީ "ހޯރީ ޕޮޓާ" ނަމަކަށް ކިޔާ ވާލެކެވެ.
މިއީ އޮރެގަން ސްޓޭޓުގެ ވާލުތައް ޖެހިޖެހިގެން ތިންވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފަހަރެކެވެ. މިދިޔަ އަހަރު އެއްވަނައަށް އައީ "ވިލިއަމް ޝޭކްސްޕްއިއާ" ނަމަކަށް ކިޔާ ވާލެކެވެ. އޭގެ ކުރީ އަހަރު "ބާބަރާ" ނަމަކަށް ކިޔާ ވާލެކެވެ.
އޮރެގަން ސްޓޭޓްގެ ވާލުތަކުގެ މެދުގައި ރީތީގެ މުބާރާތް ބާއްވަން ފެށީ 2019 އިން ފެށިގެންނެވެ. ބޭނުމަކީ ތިމާވެއްޓަށް ވާލުގެ މުހިންމުކަމާމެދު ހޭލުންތެރިކުރުމެވެ.
މުބާރާތުގައި ކުރާ ކަމަކީ އާއްމު ތަންތާނގައި މިނިވަންކަމާއެކު އުޅޭ ވާލުތަކުގެ ފޮޓޯ ބީ.އެލް.އެމް.އިން ނަގަނީއެވެ. ދެން އެ އިދާރާގެ ފޭސްބުކް އާއި އިންސްޓަގްރާމަށް އެ ފޮޓޯތައް ލުމަށް ފަހު އާއްމުންގެ ކިބައިން އެދެނީ އޭގެ ތެރެއިން އެންމެ ރީތި ވާލަށް ވޯޓުލުމަށެވެ.
"ހޯރީ ބާވަތުގެ ވާތައް އުދުހޭ ދުވެލި ވެސް އަވަސް،" ބީ.އެލް.އެމް.އިން ބުންޏެވެ.
މި ފަހަރުގެ ރީތީގެ މުބާރާތުން އެއްވަނައަށް އައި ވާ ކަމަށްވާ ހޯރީ ޕޮޓާގެ ފޮޓޯ ނެގި އެމާ ބަސްކް ބުނީ ތަފާތު ބާވަތުގެ ސޫފިތައް ކާތީ ވާލަކީ ތިމާވެއްޓަށް ވަރަށް މުހިންމު މަހުލޫގެއްކަމަށެވެ.
"މާމެލާމެލި ފަޓިލައިޒްކޮށް، މޭވާ އެޅުވުމަށް ވެސް ވާލަކީ މުހިންމު ދައުރެއް އަދާކުރާ މަހުލޫގެއް،" އެމާ ބުންޏެވެ.
އޭނާ ބުނީ ވާ ދިރިއުޅޭ މާހައުލުތައް ނެތިގެންދިއުމާއި ބަލިޖެހުމާއި އަދި ތަންތަން މާބޮޑަށް އަލިކޮށްފައި ހުންނާތީ ވާލުގެ އާބާދީ މަދުވަމުންދާކަމަށެވެ.
"ވާލަކީ ބިރުވެރި ބަލިތައް ފަތުރާ އެއްޗެއްގެ ގޮތުގައި ވެސް އަޑުފެތުރިފައިވޭ. ނަމަވެސް މިއީ ހަގީގަތެއް ނޫން،" އެމާ ބުންޏެވެ.
އޭނާ ބުނީ "ރޭބީސް" ބަލި ޖެހިފައިވަނީ ވާލުގެ އާބާދީގެ އެއް ޕަސެންޓަށްވުރެ ވެސް މަދު ވާލަށް ކަމަށާއި ވާލުން އިންސާނުންނަށް ބަލި ފެތުރެނީ ވެސް ވަރަށް މަދުންކަމަށެވެ.
ވާލަކީ "މެމަލް"އެކެވެ. މާނައަކީ ގާތުން ކިރު ދޭ މަހުލޫގެކެވެ. ވާލުގެ މެދުގައި ރީތީގެ މުބާރާތެއް ބޭއްވުމުން އުދުހޭ ހަމައެކަނި މި މެމަލްއަށް މީހުންގެ ލޯބި ލިބުން އެދޭ ކަމަށް އެމާ ބުންޏެވެ.



advertisment