ޣައްޒާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތައް މިދިޔަ އޮގަސްޓް މަހު ހުއްޓުމަކަށް އައިސްފައިވަނިކޮށް އެ ވާހަކަތައް އަލުން ފަށައިފިއެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާދްގެ ވެރިޔާ ޑޭވިޑް ބާނިއާ އާއި އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ)ގެ ޑިރެކްޓަރު ވިލިއަމް ބާންސް މިހާރު ހުރީ ގަތަރުގެ ވެރިރަށް ދައުހާގައެވެ.
މި މަހުގެ 16 ގައި ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު އިސްރާއީލުން އަވަހާރަކޮށްލުމަށް ފަހު ސުލްހައިގެ ވާހަކަތައް އަލުން ފެށޭތޯ މަސައްކަތްކުރުމަށް ގަތަރުގެ ބޮޑު ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ސާނީއާ ބާނިއާ އަދި ބާންސް ބައްދަލުކުރާނެކަމަށް ބެލެވެއެވެ.
ހަމާސްއިން ރަހީނުކުރި ޔަހޫދީންގެ ތެރެއިން 100 ޔަހޫދީން އަދިވެސް ތިބީ ހަމާސްގެ އަތްދަށުގައި ޣައްޒާގައެވެ. އެ ޔަހޫދީންތަކުގެ އާއިލާތަކުން ދަނީ އެ ޔަހޫދީން ދޫކޮށްލުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް ދާން އިސްރާއީލުގެ ސަރުކާރަށް ބާރުއަޅަމުންނެވެ. ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އެ އަޑުތައް ނާހާ އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. މިދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސްއިން 1،000 އަށްވުރެ ގިނަ ޔަހޫދީން މަރައިލައި، 200 އަށްވުރެ ގިނަ ޔަހޫދީން ރަހީނުކުރިތާ އެއް އަހަރުވުން ފާހަގަކުރުމަށް އިއްޔެ ބޭއްވި އެއްވުމެއްގައި ނަތަންޔާހޫ ވާހަކަދައްކަނިކޮށް ޔަހޫދީންތަކެއް ވަނީ އެ ތަނުގައި އިހުތިޖާޖްކޮށްފައެވެ.
ޖާސިމް ވިދާޅުވީ ސިންވާރު އަވަހާރަކޮށްލި ފަހުން ދައުހާގައި ހަމާސްގެ މިހާރުގެ ވެރިންނާއެކު ބައްދަލުކުރެއްވުމެއް ބޭއްވެވިކަމަށެވެ. އިސްރާއީލުން ވަނީ ކުރިން ބޭއްވި ސުލްހައިގެ ވާހަކަތަކުގައި ހަމާސްގެ ފަރާތުން ބައިވެރިވި އިސްމާއީލް ހަނިއްޔާ މިދިޔަ ޖުލައި މަހު އިރާންގައި ހުއްޓައި އަވަހާރަކޮށްލައިފައެވެ.
ޣައްޒާ ހަނގުރާމާއަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ގާތްގަނޑަކަށް 43،000 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
ހަމާސްއިން ބޭނުންވަނީ ދާއިމީ ގޮތުން ހަނގުރާމަ ހުއްޓައިލައި، ޣައްޒާއިން އިސްރާއީލުގެ ހުރިހާ ސިފައިން ފޭބުމަށެވެ. ނަމަވެސް ނަތަންޔާހޫ ބޭނުންވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލުގެ ސިފައިން ބައިތިއްބާށެވެ. މިހެންވެ، ބާނިއާ އާއި ބާންސް، ޖާސިމްއާ ބައްދަލުކުރި ނަމަވެސް ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ނައުން އެކަށީގެންވާކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.
"އިސްރާއީލުން ސުލްހަ މާނަކުރާ ގޮތަށް ބުރަވަންޏާ ސުލްހަވެރިކަމާއެކު ޔަހޫދީ ރަހީނުން ދޫކޮށްލާނެ ދުވަހެއް ނާންނާނެ،" ގަތަރު ފައުންޑޭޝަންގެ ހަމަދު ބިން ހަލީފާ ޔުނިވާސިޓީގެ ޕްރޮފެސަރު ސުލްތޯން ބަރަކާތު ހިޔާލުފާޅުކުރިއެވެ.



advertisment