Support Us

ފުރާމީހުންނާ ސަލާންކުރަން ތިން މިނެޓަށްވުރެ ގިނަ ވަގުތު ހޭދަނުކުރަން އަންގާ ޑޫންޑައިން އެއާޕޯޓްގެ ނޯޓިސް ބޯޑު

އެއާޕޯޓްތަކުގައި ސަލާންކުރާ ވަގުތަށް ބަދަލުތަކެއް

ނިއު ޒިލެންޑާއި އިނގިރޭސި ވިލާތުގެ އެއާޕޯޓްތަކުގައި ސަލާންކުރާ ވަގުތުގެ ދިގުމިނަށް ބަދަލުތަކެއް ގެނެސްފިއެވެ.

ނިއު ޒިލެންޑްގެ ޑޫންޑައިން އެއާޕޯޓުގައި ސަލާންކުރާ ވަގުތު ތިން މިނެޓަށް މަދުކުރުމުން އެއާ ހިލާފަށް އިނގިރޭސި ވިލާތުގެ ހީތުރޯ އެއާޕޯޓުން ވަނީ ސަލާންކުރާ ވަގުތު ވަކި ދިގުމިނެއް ނެތް ގޮތަށް ހަމަޖައްސައިފައެވެ.

ނިއު ޒިލެންޑްގެ މި ނިންމުމާމެދު މިހާރު ވަނީ ދުނިޔޭގައި ބަހުސެއް އުފެދިފައެވެ.

"ޑިޕާޗާ ޓާމިނަލްގައި އާ ނޯޓިސް ބޯޑެއް ބަހައްޓައިފައި މިހާރު ވަނީ. އޭގައި ބުނާ ގޮތުން އެކަކު އަނެކަކު ގައިގައި ބައްދާލެވޭނީ ވެސް އެންމެ ގިނަވެގެން ތިން މިނެޓު ވަންދެން. އަހަރެމެން މި ގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ދަތުރުވެރިން އެއާޕޯޓަށް ފައިބާ ހިސާބަކީ މާ ދިގު ނޫން ގޮތަކަށް ސަލާންކުރާ ތަނެއްކަން މީހުންނަށް ހަނދާންކޮށްދިނުން،" ޑޫންޑައިން އެއާޕޯޓް ހިންގުމާ ހަވާލުވެހުރި ޑެނިއަލް ޑި ބޯނޯ ބުންޏެވެ.

ފުރާމީހުން ސަލާންކުރަން ގިނަ ވަގުތު ހޭދަކުރުމަށް ހިތްވަރު ދޭ ހީތުރޯ އެއާޕޯޓްގެ ނޯޓިސް ބޯޑު

އޭނާ ބުނީ ސައިންސްގެ އަލީގައި ހާމަވެފައިވާ ގޮތުގައި މީހެއްގެ ގައިގައި 20 ސިކުންތު ވަންދެން ބައްދައިލި ނަމަވެސް އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯންތައް ކަމަށްވާ އޮކްސިޓޯސިން އާއި ސީރޮޓޯނިން ދެ މީހުންގެ ހަށިގަނޑުގައި ފެތުރިގެންއަންނާނެ ކަމަށެވެ.

"މިހެންވެ ސަލާންކޮށްލައި ބައްދާލުމަށް ތިން މިނެޓު ފުދޭނެ،" ޑެނިއަލް ބުންޏެވެ.

އޭނާ ބުނީ ތިން މިނެޓަށްވުރެ ގިނައިރު ސަލާންކުރަން ބޭނުންވާ މީހުންނަށް އެއާޕޯޓުގެ ޕާކުކުރާ ސަރަހައްދު ބޭނުންކުރެވޭނެކަމަށެވެ.

"ފުރަތަމަ 15 މިނެޓު ހިލޭ،" އޭނާ ބުންޏެވެ.

ޑޫންޑައިން އެއާޕޯޓުގެ މި އާ ސިޔާސަތާ ދެކޮޅު ހަދާ މީހުން ބުނީ ފުރާމީހާގެ ގައިގައި ބައްދާލެވޭނެ އެންމެ ކުރު ވަގުތަކީ ކޮބައިކަން ކަނޑަނޭޅިކަމާމެދު އުފާކުރާ ކަމަށެވެ.

"މީހުން ގައިގައި ބައްދާލުމަށް ހޭދަވާ ވަގުތު ކުރުކޮށްލުމަކީ އިންސާނިއްޔަތާ ހިލާފުކަމެއް،" ސޯޝަލް މީޑިއާގައި މީހަކު ކޮމެންޓްކޮށްފައިވެއެވެ.

ޑޫންޑައިން އެއާޕޯޓުން ބުނީ މި އާ ސިޔާސަތު ތަންޒީޒުކުރަން ފެށީ މިދިޔަ މަހުކަމަށާއި ނަމަވެސް ދުނިޔޭގެ ސަމާލުކަން ލިބެމުން އަންނަނީ އަދިކިރިޔާކަމަށެވެ.

"އެހެން ގައުމުތަކުން މި ސިޔާސަތާމެދު ޝައުގުވެރިވާލެއް ބޮޑުކަމުން އަހަރެމެން މި ތިބީ ހައިރާންވެފައި،" އެއާޕޯޓުގެ މާކެޓިން އަދި މުއާމަލާތާ ބެހޭ އިދާރާގެ ވެރިޔާ ސާރާ ސޯޕާ ބުންޏެވެ.

ނިއު ޒިލެންޑްގެ ޑޫންޑައިން އެއާޕޯޓަށް ފާޑުކިޔުންތައް އަމާޒުވުމުން އިނގިރޭސި ވިލާތުގެ ހީތުރޯ އެއާޕޯޓުން ވަނީ ސަލާންކުރާ ވަގުތު ވަކި ލިމިޓެއް ނެތް ގޮތަށް ބަދަލުކޮށްފައެވެ.

ހީތުރޯގައި މިހާރު ބަހައްޓާފައިވާ ނޯޓިސްބޯޑެއްގައި ދައްކަނީ ދެ މީހަކު ބައްދާލާ މަންޒަރެވެ. އަދި އޭގައިވާ ލިޔުމުގައި ބުނެފައިވަނީ "ބައްދާލާ ވަގުތަށް ލިމިޓެއް ނެތް" ކަމަށާއި "ޑިޕާޗާ ޓާމިނަލްގައި ލޯބިން ސަލާންކުރުމަށް ހިތްވަރު ދޭ"ކަމަށެވެ.

މަޝްހޫރު އިނގިރޭސި ފިލްމް "ލަވް އެކްޗުއަލީ"ގެ ފަހު މަންޒަރުގައި ފަސިންޖަރުންނާއި ތިމާގެ މީހުންނާއި ރަހްމަތްތެރިން އެކަކު އަނެކަކާ ސަލާންކޮށް، ބައްދާލާ މަންޒަރު ކުޅެފައިވަނީ ހީތުރޯ އެއާޕޯޓުގައެވެ. އެއާޕޯޓުން ބުނީ މި އަހަރުގެ މިހާތަނަށް 63 މިލިއަން ފަސިންޖަރުން އެ އެއާޕޯޓު ބޭނުންކޮށްފައިވާކަމަށެވެ.

"މީސްމީހުންގެ މެދުގައި އޮންނަ ހާއްސަ ގުޅުންތައް ހަރުދަނާކުރަން އަހަރެމެން ހިތްވަރުދެން. އެއާޕޯޓުގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް މީސްމީހުންގެ ގުޅުންތަކަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށް އަހަރެމެން ގަބޫލުކުރަން،" ހީތުރޯ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *