ގަލްވާން ވާދީގައި 2020 ގެ މެއި މަހު ހަނގުރާމައެއްގެ ހާލަތަށް ދިޔަ ފަހުން ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ބޯޑަރުން ދެ ގައުމުގެ ސިފައިން ދުރަށް ޖައްސަން ފަށައިފިއެވެ.
ހިމާލިޔާ ފަރުބަދަތަކުގެ ހުޅަނގުގައި ދެ ސަރަހައްދެއްގައި ތިބި ދެ ގައުމުގެ ސިފައިން މިހާރު ދަނީ ދުރަށް ޖައްސަމުންކަމަށް އިންޑިއާއިން މިއަދު ބުންޏެވެ.
"މިއީ ދެ ސަރުކާރުން އެއްބަސްވެގެން އަޅާ ފިޔަވަޅެއް،" ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު ލިން ޖިއަން މިއަދު ބުންޏެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ބުނީ ޑެޕްސާންގް އާއި ޑެމްޗޮކްއިން ދެ ގައުމުގެ ސިފައިން ދުރަށް ޖެހެމުން އަންނަ ކަމަށާއި މި އީ ދެ ގައުމުގެ ބޯޑަރުގައި ދެ ގައުމުގެ ސިފައިން މިހާރު ތިބި ހަމައެކަނި ދެ ތަން ކަމަށެވެ.
ގަލްވާން ވާދީގައި 2020 ގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން މަރުވިއިރު ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. އޭގެ ފަހުން ހާހުން ހާހުން ދެ ގައުމުން އެ ސަރަހައްދަށް ސިފައިން ފޮނުވިއެވެ. އަދި އާޓިލަރީ އާއި ޓޭންކާއި ފައިޓަރު ޖެޓްތައް ވެސް ވަނީ ފޮނުވައިފައެވެ.
ދެ ގައުމުގެ ދެމެދުގައި ސުލްހަ މި އައީ ބްރިކްސް ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރެއްވުމަށް ފަހުއެވެ. ދެ ބޭފުޅުން ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންއާ ވެސް ބައްދަލުކުރައްވައިފައެވެ.
އިންޑިއާ އާއި ޗައިނާއިން އަލަށް އެކުލަވައިލި ސުލްހައިގެ މުއާހަދާގެ ތަފުސީލުތަކެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މުއާސަލާތާއި އެހެނިހެން ގުޅުންތައް ހަރުދަނާކުރައްވާނެކަމަށް ޝީ އާއި މޯދީ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.
ބޯޑަރުގައި މީގެ ދެ އަހަރު ކުރިން ހިނގި ހަމަނުޖެހުންތަކަށް ފަހު އިންޑިއާއިން ވަނީ ޗައިނާއަށް ދަތުރުކުރާ ސީދާ ފްލައިޓްތައް ހުއްޓުވައިލައިފައެވެ. މީގެ އިތުރުން އިންޑިއާގައި ޗައިނާއިން ކުރަމުން އައި ވިޔަފާރިތަކަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.
ޗައިނާގެ ފްލައިޓްތަކަށް އަލުން ހުއްދަ ދީ، ޗައިނާގެ ދަތުރުވެރިންނަށް ވިސާ ދިނުމުގެ ކަންތައްތައް އިންޑިއާއިން ފަސޭހަކުރުމަށް މިހާރު ނިންމައިފިކަމަށް އިންޑިއާގެ އޮފިޝަލުން ބުނިކަމަށް ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.
"ނަމަވެސް މިއީ މަޑު ދުވެއްޔެއްގައި އަޅާ ފިޔަވަޅުތަކެއް. ޗައިނާއާ ދެކޮޅަށް އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކަށް އެހާ އަވަހަށް ނިމުމެއް ނުގެންނާނެ،" އިންޑިއާގެ އޮފިޝަލަކު ބުނި ކަމަށް ރޮއިޓާސްއިން ބުންޏެވެ.
އިންޑިއާ އާއި ޗައިނާގެ ބޯޑަރަކީ ރަސްމީ ގޮތުން ފާހަގައަޅައިފައިވާ ބޯޑަރެއް ނޫނެވެ. މި ބޯޑަރުގައި 1962 ގައި ދެ ގައުމުން ވަނީ ހަނގުރާމަކޮށްފައެވެ. ބެލެވޭ ގޮތުގައި މި ހަނގުރައިމައިގައި އިންޑިއާގެ 1،300 ސިފައިން މަރުވިއިރު ޗައިނާގެ 722 ސިފައިން މަރުވިއެވެ.



advertisment