މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ކުދި ޑައިނޮސޯ ބިސްތައް ޗައިނާއިން ފެނިއްޖެއެވެ.
އެ ގައުމުން 2021 ގައި ފެނުނު މި ބިސްތައް ތިން އަހަރުގެ މުއްދަތަކަށް ކުރި ތަހުލީލުތަކުން އެނގުނީ މިއީ މީގެ 80 މިލިއަން އަހަރު ކުރީގައި އުޅުނު ޑައިނޮސޯއެއް އެޅި ބިސް ކަމަށެވެ.
"މުޅިއަކު ހަ ބިސް ފެނުނު. ނަމަވެސް އޭގައިވާ ޑައިނޮސޯގެ ބާވަތަކީ ކޮބައިކަމެއް ނޭނގުނު. މިހެންވެ އާ ނަމެއް ދިނީ. އެއީ 'މިނިއޫލިތަސް ގަންޒައުއަންސިސް’،" ދިރާސާ ޝާއިއުކުރި ހިސްޓޮރިކަލް ބަޔޮލޮޖީގައި ރިޕޯޓްކޮށްފައިވެއެވެ.
މީގެ ބިހެއްގެ ދިގުމިނަކީ 29 މިލިމީޓަރެވެ. މީގެ ކުރިން ދުނިޔޭގެ ރެކޯޑު ފޮތުގައި އޮތް އެންމެ ކުޑަ ބިހުގެ ދިގުމިނަކީ 45 މިލިމީޓަރެވެ.
ހިސްޓޮރިކަލް ބަޔޮލޮޖީގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މިއީ އުދުހޭ ޒާތުގެ ޑައިނޮސޯއެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ގެންޒޯ ސަހަރުގެ އިމާރާތްކުރަމުން ދިޔަ ސަރަހައްދަކުން ފެނުނު މި ބިސްތަކުގެ ދިރާސާތައް އަދިވެސް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ.
"މި ބިސްތައް އެޅި ޑައިނޮސޯގެ ސިފަތަކާއި ހާލި ހެދި ގޮތުގެ މައުލޫމާތު ހޯދުމަށްޓަކައި ދިރާސާތައް ކުރިއަށްގެންދަން ހަމަޖައްސައިފައިވަނީ،" ހިސްޓޮރިކަލް ބަޔޮލޮޖީގައި ލިޔެފައިވެއެވެ.



advertisment