ދެ ހިލަގަނޑު ދޭތެރެއަށް ފޯނު ވެއްޓުމުން އެ ނަގަން އުޅެނިކޮށް ބޯކޮޅު ވަތަށް ވެއްޓުނު އޮސްޓްރޭލިއާ އަންހެނަކު ހަތް ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.
އުމުރުން 23 އަހަރުގެ މެޓިލްޑާ ކޭމްޕްބެލް ރަހްމަތްތެރިންނާއެކު ނިއު ސައުތު ވޭލްސް ސްޓޭޓްގެ ޖަންގަލީގައި ހިނގާލަން ގޮސްއުޅެނިކޮށް މި ހާދިސާ ކުރިމަތިވީ މި މަހު 12 ގައި ކަމަށް ސިއްހީ އެހީތެރިން ބުންޏެވެ.
ގާތްގަނޑަކަށް 10 ފޫޓު ފުން މި ދެ ހިލަގަނޑުގެ ދޭތެރޭގައި ތާށިވުމުން މެޓިލްޑާގެ ދެ ފައިގައި ހިފައިފައި ނަގަން އޭނާގެ ރަހްމަތްތެރިން މަސައްކަތްކުރިއެވެ. ނަމަވެސް އެ ކަން ނުވުމުން ކުއްލި އެހީ ދޭ އިދާރާތަކަށް ގުޅިއެވެ. ގުޅިތާ އެއް ގަޑިއިރުގެ ތެރޭގައި އެހީ ދޭ ފަރާތްތަކުން އެ ހިސާބަށް އަޔަސް، އޭނާ ސަލާމަތްކުރަން އިތުރު ހަ ގަޑިއިރު ނެގީ މެޓިލްޑާ ތާށިވެފައިވާ ގޮތުންނެވެ.
"މެޓިލްޑާ ނަގަން ޖެހުނީ ބައެއް ހިލަބުރިތައް ދުރަށް ޖައްސައިފައި،" ސިއްހީ އެހީތެރިއެއްކަމަށްވާ ޕީޓާ ވޮޓްސް ބުންޏެވެ.
އޭނާ ބުނީ ވަޒީފާގައި އުޅޭތާ 10 އަހަރު ވީ އިރު ވެސް މި ފަދަ ހާދިސާއެއް ކުރިމަތިނުވާކަމަށާއި މެޓިލްޑާ ސަލާމަތްކުރުންވީ ގޮންޖެހުމަކަށް ކަމަށެވެ.
"ނަމަވެސް މެޓިލްޑާ ސަލާމަތްކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު،" ޕީޓާ ބުންޏެވެ.
މެޓިލްޑާ ނަގަން ދުރަށް ޖައްސަން ޖެހުނު ހިލަބުރިތަކުގެ ތެރޭގައި 500 ކިލޯ ހުރި ހިލަބުރިތައް ވެސް ހިމެނެއެވެ.
މެޓިލްޑާ ސަލާމަތްކުރެވުނު ކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް އޮސްޓްރޭލިއާގެ ދައުލަތުގެ މީޑިއާ، އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން މެޓިލްޑާގެ ފޯނަށް ވީ ގޮތާ ބެހޭ ގޮތުން ވަކި އެއްޗެއް ރިޕޯޓެއް ނުކުރެއެވެ. ހަމައެކަނި ރިޕޯޓް ކުރިހާ ވެސް ވާހަކައަކީ އެ ފޯން ސަލާމަތް ނުކުރެވުނު ކަމެވެ.
ހަންގަނޑު މަށައިގެން ދިއުން ފިޔަވާ މެޓިލްޑާއަށް އެހެނިހެން ޒަހަމްތަކެއް ނުލިބޭކަމަށްވެއެވެ. އަދި އެހާ ގިނައިރު އެ ހާލުގައި އޮންނަން ޖެހުނު ނަމަވެސް މެޓިލްޑާ ހުރީ ހަމަޖެހިލައިގެންކަމަށްވެއެވެ.
"އަހަރެން ސަލާމަތްކޮށްދިން ޓީމަށް ޝުކުރުކުރަން. ތިޔައީ ފުރާނަ ސަލާމަތްކުރި މީހުން. ފޯނަށް ދެން އެ ވީ ގޮތެއް ވީ،" ސަލާމަތްވުމަށް ފަހު މެޓިލްޑާ ބުންޏެވެ.



advertisment