ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަމުން އިސްތިއުފާދެއްވައިފައި ފިއްލަވައިގެން މިދިޔަ އޯގަސްޓް މަހު އިންޑިއާއަށް ވަޑައިގެންނެވި ޝައިޚް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ބަންގްލަދޭޝްގެ ބައިނަލްއަގުވާމީ ކޯޓުން ނެރެފިއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައި.ސީ.ޓީ)އިން ބުނީ ހަސީނާގެ ވެރިކަމާ ދެކޮޅަށްކުރި މުޒާހަރާތަކުގައި "އެތައް ސަތޭކަ ބަޔަކު މަރައިލައިފައިވާތީ ހަސީނާއަށް ތުހުމަތުކުރަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި"ކަމަށެވެ.
ހަސީނާ ވެރިކަންކުރެއްވި 20 އަހަރުގައި އޭނާ ވަނީ ހުދުމުހުތާރު ގޮތުގައި ހަރުކަށި ފިޔަވަޅު އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަޅުއްވައިފައެވެ.
ހަސީނާގެ އިތުރުން އޭނާގެ ސަރުކާރުގައި ހިމެނުނު 45 މީހުން ހައްޔަރުކުރުމުގެ އަމުރު ވެސް ވަނީ ނެރެފައެވެ. އޭގެ ތެރޭގައި ގައުމުން ފިލި ކުރީގެ ވަޒީރުން ހިމެނެއެވެ.
"އަންނަ މަހު 18 ވަނަ ދުވަހު ހަސީނާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިވޭ،" އައި.ސީ.ޓީ.ގެ އިސް ވަކީލު މުހައްމަދު ތާޖުލްއިސްލާމް އިއްޔެ ބުންޏެވެ.
"ޖުލައި މަހާއި އޮގަސްޓް މަހު ބަންގްލަދޭޝްގައި ހިންގި ގަތުލުއާއްމާއި މީހުން މެރުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގައި އިސްކޮށް ހުރީ ހަސީނާ،" އޭނާ އިތުރަށް ބުންޏެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ވަޒީފާގެ ކޯޓާތަކާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ފަހުން ހަސީނާއާ ދެކޮޅަށް ރައްޔިތުންކުރި އިހުތިޖާޖަކަށް ބަދަލުވިއިރު ހިންގި ކުރިމަތިލުންތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރައިލައިފައިވާކަމަށެވެ.
"މިއީ 1971 ގައި ޕާކިސްތާނުގެ އަތްދަށުން ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގެ ފަހުން ބަންގްލަދޭޝްގައި އެންމެ ބޮޑަށް ލޭ އޮހޮރައިލި ހާދިސާ،" އެ ވުޒާރާއިން ބުންޏެވެ.
ބަންގްލަދޭޝްއިން ފިއްލެވި ފަހުން އުމުރުން 77 އަހަރުގެ ހަސީނާ އެންމެ ފަހުން ފެނިފައިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ ކައިރީގައި އޮންނަ އަސްކަރީ މަރުކަޒަކުންނެވެ. އިންޑިއާގައި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލައްވައިފައި އެހެން ގައުމަކުން ހިމާޔަތް ހޯއްދަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ވަޑައިގެންފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަސީނާ އިންޑިއާގައި ހުންނެވުމުން އެ ކަން ވެފައިވަނީ އިންޑިއާ ސަރުކާރުން ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރާ މުއާމަލާތްކުރުމަށް އެޅިފައިވާ ހުރަހަކަށެވެ. ސަބަބަކީ އިންޑިއާއިން ހަސީނާއަށް ހިޔާވަހިކަން ދީގެން އުޅޭތީ ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ރުޅިއައިސްފައިވާތީއެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްލައިފައެވެ. އަދި އެކްސްޓްރެޑިޝަން ނުވަތަ ކުށްވެރިން ހަވާލުކުރުމުގެ އެއްބަސްވުމެއް އިންޑިއާއާއެކު ގާއިމުކޮށްފައިވާތީ ޖިނާއީ ޝަރީއަތަކަށް ބަންގްލަދޭޝްގެ ކޯޓަށް ހަސީނާ ހާޒިރުކުރުމުގައި ހުރަހެއް ނެތެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ހަސީނާ ބަންގްލަދޭޝްއާ ހަވާލު ނުކުރުމަށް އިންޑިއާއަށް ދެއްކިދާނެ އުޒުރެއްވެއެވެ؛ އެއީ ހަސީނާއާ ދެކޮޅަށް ކުރަނީ "ސިޔާސީ ކުށެއް"ގެ ދައުވާ ކަމަށްވާ ނަމައެވެ.
އައި.ސީ.ޓީ 2010 ގައި އުފެއްދީ ހަސީނާގެ ސަރުކާރުންނެވެ. އެއީ ބަންގްލަދޭޝް މިނިވަންވި ހަނގުރައިމައިގައި ހިންގައިފައި ހުރި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޝަރީއަތް ހިންގުމަށެވެ. އައި.ސީ.ޓީ.ގައި ހުރި ނިޒާމީ މައްސަލަތަކާހުރެ އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ކޯޓަށް ފާޑުކިޔައިފައެވެ. އެ ފަރާތްތަކުން ތުހުމަތުކުރީ ހަސީނާ މި ކޯޓު ގާއިމުކުރެއްވީ އޭނާގެ ސިޔާސީ ވާދަވެރިންގެ ބާރުކަނޑުވައިލުމަށްކަމަށެވެ.
އިންތިގާލީ ސަރުކާރުން މިހާރު ވަނީ އައި.ސީ.ޓީ އިސްލާހުކޮށްފައެވެ. އަދި އެ ކޯޓުގެ މަސައްކަތް އިއްޔެ ވަނީ އަލުން ފަށައިފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނީ ބައިނަލްއަގުވާމީ ގާނޫނު އެނގޭ ފަނޑިޔާރުން އެ ކޯޓުގައި ނެތްކަމަށެވެ.
މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހަސީނާ ރޭވިކަމަށް ތުހުމަތުކުރާ ގަތުލުއާއްމުގެ އެތައް މައްސަލައެއް އެ ކޯޓުން އަންނަނީ ބަލަމުންނެވެ.
ހަސީނާގެ ފިރިހެން ދަރިފުޅު ސަޖީބު ވާޒިދު ބުނެފައިވަނީ އޭނާގެ މަންމަ ޝަރީއަތަށް ހާޒިރުވެވަޑައިގަންނަވަން ތައްޔާރުކަމަށެވެ.
"އަހަރެންގެ މަންމަ އެއްވެސް ގޯސްކަމެއް ނުކުރޭ،" މިދިޔަ މަހު ރޮއިޓާސްއަށް ސަޖީބު ބުންޏެވެ.



advertisment