ބައްޕަ ކުޑަކޮށް ބަލިވެ އުޅުއްވާތީ ބައްޕައަށް ޒިޔާރަތްކުރިތަނުން ކޮއްކޮއަކު ބުނެފިއެވެ.
"މި ރޭގެ "އެޑިރެސް" އޮތީ ކިހިނެއްހެއްޔެވެ؟" އަޅުގަނޑު ބުނީމެވެ. ތިޔަ ބުނިއެއްޗެއް ނޭނގުނެވެ.
ކޮއްކޮ ބުންޏެވެ. "ބައްޕަ ކައިރި އަހާބަލާށެވެ."
އަޅުގަނޑު ބައްޕައާ ސުވާލުކޮށްލީމެވެ. "އެޑިރެސް" މިއީ ކޮން ވާހަކައެއްތޯއެވެ؟"
ބައްޕަ ބުނުއްވިއެވެ. "އެއީ ހޮޅުދޫ ނައިބުބޭ ކިޔައިދެއްވި ވާހަކައެކެވެ."
ބައްޕައާއި ހޮޅުދޫ ނައިބުބޭއާ މިއީ ނ. އަތޮޅު ކޯޓުގައި އެކުގައި މަސައްކަތް ކުރެއްވި ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.
އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި ހިނގި ދުވަސްވަރެވެ. ސަރުކާރުން ގޯތިތައް އަގުކުރެއްވުމުގެ މަސައްކަތަށް ޒުހުރީ ކިޔާ ބޭފުޅަކު ނ. އަތޮޅުގެ ރަށަކަށް ވަޑައިގެންނެވިއެވެ. އެ ބޭފުޅާގެ އަރިހުގައި އަތޮޅު ކޯޓުން ވަޑައިގެންނެވީ ހޮޅުދޫ ނައިބުބެއެވެ. އެ ދުވަސްވަރު ސަރުކާރުގެ ބޭފުޅަކު ރާއްޖެތެރޭގެ ރަށަކަށް ވަޑައިގެންފިނަމަ އެ ބޭފުޅަކަށް އެ ރަށެއްގެ ވެރިންނާއި ރައްޔިތުން ވަރަށް ބޮޑަށް ކަމޭހިތައި ވަރަށް ރަނގަޅަށް މެހުމާންދާރީ އަދާކުރެއެވެ.
ޒުހުރީ އެ ރަށަށް ވަޑައިގެންނެވުމުން އެ ރަށުގެ ކަތީބު ހޮޅުދޫ ނައިބުބޭ ކުރެން އެއްސެވިއެވެ.
"މި ބޭފުޅާގެ އެޑިރެސް އޮންނަނީ ކިހިނެއްތޯއެވެ؟"
މި ސުވާލު ކުރެއްވުމުން ހޮޅުދޫ ނައިބުބެއަށް އެ ބުނުއްވީ ކީކޭކަން އެނގިވަޑައިގެންނެވިއެވެ. އެ ބުނުއްވީ އެ ބޭފުޅާގެ ހެނދުނުގެ ސައިފޮދާއި، މެންދުރާއި ރޭގަނޑުގެ ފަރިއްކޮޅު ފަދަ ކަންތައްތައް ހުންނަގޮތަކީ ކޮބައިތޯއެވެ؟
އަޅުގަނޑުގެ ކޮއްކޮ ވެސް ސުވާލު އެ ކުރީ "އެޑިރެސް" އޮތް ގޮތަކާ ބެހޭ ގޮތުންނެވެ. އެއީ މިރޭ ބައްޕަގެ ފައިގައި ދިވެހިބޭސްއަޅާއިރު މިފަދަ އެހެން ރޭރޭ އޮންނަހެން އާއިލާ މެންބަރުންގެ މެދުގައި އޮތީ ކޮންކަހަލަ ކެއުމެއް ހެއްޔެވެ؟ "އެޑިރެސް" އޮތް ގޮތެއް އަހާލުމުން ގިނަ ވާހަކަތަކެއް ނުދައްކައި ކުރުކޮށް ބުނަން ބޭނުންވާ ވާހަކަ އެބަ ބުނެވެއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment