Support Us

ފުޓުބޯޅަ ކުޅުންތެރިޔާ ބެލްޑަކް ޕޫލުގައި މަރުވެފައި އޮއްވައި ފެނިއްޖެ

އިނގިރޭސި ޕްރިމިއާ ލީގަށް ކުރިން ކުޅުނު އުމުރުން 31 އަހަރުގެ ޖޯޖް ބެލްޑަކް އޭނާގެ ގޭގެ ސްވިމިން ޕޫލްގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ބަކިންހަމްޝަޔާއަށް އުފަން ޑިފެންޑަރުގެ ހަށިގަނޑު ފެނުނީ އިއްޔެ ހެދުނު ގްރީސްގައި ހުންނަ އޭނާގެ ގެއިން ކަމަށް ރޮއިޓާސްއަށް ފުލުހުން ބުންޏެވެ.

"މަރުވީ ކިހިނެތްކަން އަދި ހޯދިފައެއް ނެތް،" ފުލުހުން ބުންޏެވެ.

ބެލްޑަކް ވަނީ ހަތް އަހަރު ޝެފީލްޑް ޔުނައިޓެޑްއަށް ކުޅެފައެވެ. އެއީ 2017 ގައި އެމް.ކޭ ޑޮންސްއިން ބަދަލުވުމަށް ފަހުއެވެ.

ޝެފީލްޑް ޔުނައިޓެޑަށް 200 މެޗު ކުޅުމަށް ފަހު ބެލްޑަކް ވަނީ ގްރީސްގެ ޕަނަތިނައިކޯސްއާ މި އަހަރު ކުރީކޮޅު ގުޅިފައެވެ.

"ބެލްޑަކްގެ މަރުގެ ހަބަރު ލިބުމުން ސިހުނު. އަދި ފުން ހިތާމައެއް އިހުސާސްކުރެވުނު. އޭނާއަކީ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި އަދި ޓީމުގެ މުވައްޒަފުންގެ މެދުގައި ވަރަށް މަގުބޫލު މީހެއް،" ޝެފީލްޑް ޔުނައިޓެޑުން އެކްސްގައި ބުންޏެވެ.

ޕަނަތިނައިކޯސް އާއި ގްރީސްގެ ގައުމީ ޓީމުން ވަނީ ސޯޝަލް މީޑިއާގައިވާ ޕްރޮފައިލް ފޮޓޯ ރޭ ކަޅުކޮށްލައިފައެވެ.

އިންގްލެންޑާ މިއަދު ބައްދަލުކުރާ މެޗަށް ބެލްޑަކް ގްރީސް ޓީމަށް ނުނަގައެވެ. ފުލް-ބެކްގެ ރޯލު ކުޅޭ ބެލްޑަކް ވަނީ އާދީއްތަ ދުވަހު ގޯލެއް ނުޖެހި ނިމުނު އޮލިމްޕިއެކޯސްއާ ދެކޮޅަށް އޮތް މެޗުގައި ކުޅެފައެވެ.

ގްރީސްގެ ސުޕަ ލީގުން ބުނީ ބެލްޑަކްގެ އާއިލާއަށާއި ގާތްމީހުންނަށް ތައުޒިޔާ ކިޔައިކަމަށެވެ.

"ސުޕަ ލީގްގެ މުޅި ފުޓުބޯޅަ އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައި،" ސޯޝަލް މީޑިއާގައި އެ ލީގުން ބުންޏެވެ.

އިންގްލެންޑް އާއި ޝެފީލްޑް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ހެރީ މެގުއަޔާ ވެސް ވަނީ އިންސްޓަގްރާމްގައި ހިތާމަ ފާޅުކޮށްފައެވެ.

ބެލްޑަކް 2011 ގައި ލޯނެއްގެ ދަށުން ކުޅުނު ނޯތުއެމްޕްޓަން ޓައުނުން ބުނީ އެ ކްލަބަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ.

"އޮކްސްފޯޑް ޔުނައިޓެޑް އަދި ޝެފީލްޑް ޔުނައިޓެޑަށް ކުޅުމުގެ ކުރިން 2011 ގައި ފަސް މެޗު ވަނީ އަހަރެމެންގެ ޓީމަށް ކުޅެފައި. އޭނާގެ އާއިލާއަށާއި ރަހްމަތްތެރިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ކިޔަން،" ނޯތުއެމްޕްޓަން ޓައުނުން ބުންޏެވެ.

އިންގްލެންޑްގައި އުފަންވި ބެލްޑަކްގެ އާއިލާ ގުޅިފައިވަނީ ގްރީސްއާއެވެ. ގްރީސްގެ ގައުމީ ޓީމަށް ކުޅެން ބެލްޑަކަށް ހިތްވަރުދިނީ ގްރީސްގެ ގައުމީ ޓީމުގެ ކުރީގެ ހެޑް ކޯޗު ގަސް ޕޮޔޭއެވެ.

ބެލްޑަކް ވަނީ ގްރީސްގެ ގައުމީ ޓީމަށް 12 މެޗު ކުޅެފައެވެ. އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މި އަހަރު ކުރީކޮޅެވެ. ބެލްޑަކް ކުރިން ކުޅުނު ޓީމުތަކުގެ ތެރޭގައި އޮކްސްފޯޑު ޔުނައިޓެޑާއި ޓެމްވޯތު ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *