ގެއެއްގެ ތެރޭގައި ހިންގޭ ނުބައި އަމަލެއް، އެ އާއިލާގެ ވެރިފަރާތަށް ހުއްޓުވެން ޖެހެނީ އާއިލާގެ އެންމެން ޕެޓިޝަނެއް ހަަދައިގެން އާއިލާގެ ބޮޑު މީހާއަށް ޕެޓިޝަން ހުށަހެޅުމަކުން ނޫނެވެ. މި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި އެކިއެކި މަދަނީ ޖަމިއްޔާ ތަކުންނާއި، ތައުލީމީ ދާއިރާގެ ވެރިންނާއި މައިންބަފައިންގެ ވެސް މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ކުރިމަގުގެ ޖީލު ވޭޕްގެ ވަބާގައި ޖެހި ހަލާކުވަމުންދާ ދިއުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މިކަން އަންނަވަރަށް އެކިއެކި ފަރާތަތަކުން ޕެޓިޝަން ހުށަހަޅައި، ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގައި ވޭޕް މަނާކޮށް ދިމުނަށް އެދި ހަރު އަޑުން އެބަ ގޮވައެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި މާބޮޑު އެއްޗެއް ނުބުނެއެވެ.
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތްތަކެއް ކަމުގައިވާ ކެނަބިޑިއޯލް (ސީބީޑީ) އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) ހިމެނޭ ވޭޕް ރާއްޖެއަށް ވަގަށް އެތެރެކޮށް އޭގެ ވަގު ވިޔަފާރި ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށް ފުލުހުން އެއްބަސްވެއެވެ. އަދި މިފަދަ ވޭޕް ވިއްކާ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް މީގެ ހަތް މަސް ދުވަސް ކުރިން، 26 މާޗް 2024 ގައި ފުލުހުން ބުނެފައި ވިއަސް، އެ ކުރެވުނު ތަހުޤީގުން އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ދިވެހި ފުލުހުން މިހާތަނަށް ބުނެފައެއް ނުވެއެވެ.
"އެފަދަ މައްސަލަތައް ތަހުގީގުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން" ކަމަށް ފުލުހުން ބުނި ބުނުމަކީ ރީތި ސުރުޙީ އެކެވެ! ބަލަން ޖެހޭ ކަންކަން ބެލުމުން ވީކަމެއް ނެތެވެ. އެއީ ބޭރު ޤައުމެއްގެ ސިޔާސީ ލީޑަރަކާއި ދިވެހި ސިޔާސީ ވެރިއަކު ބައްދަލުކުރެއްވުމަށްފަހު މީޑިއާ އަށް ދޭ ހަބަރުގައި، ދެބޭފުޅުން ދެއްކެވި ވާހަކައަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ވާހަކަ ކަމަށް ބުނުން ކަހަލަ ކަމެކެވެ. އެއަކުން ރައްޔިތުންނަށް އެނގުނު މާބޮޑު އެއްޗެއް ނެތެވެ. ވީކަމެއް ހަމަ ހަރާމެވެ!
މި މައްސަލާގައި ޓޮބެކޯ ކޮންޓްރޯލް ބޯޑުން ވަނީ ވޭޕް މަނާކޮށްދިނުމަށް އެދި ސަރުކާރަށް މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ލަފާ ދީފައެވެ. ނަމަވެސް ބާރުގަދަ ވިޔަފާރިވެރިން ފަހަތުގައި ތިބެ ލޮބީކޮށްގެން، ދުންފަތާއި ވޭޕްގެ ވިޔަފާރި ހުއްޓުވިޔަ ނޫދޭން ކުރާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ސިއްހަތާއި މުޖުތަމައުގެ ހަމަޖެހުމަށް ވުރެ އިސްވެފައި އަބަދުވެސް އޮންނަނީ ބާރުގަދަ ވިޔަފާރިވެރީންގެ ވިޔަފާރީގެ މަސްލަހަތެވެ.

ސަރުކާރުން ވޭޕް މަނާ ކުރަން ބޭނުން ނަމަ މުޅި ރާއްޖެއިން، އެއްވެސް އިސްތިސްނާއެއް، ޝަރުތެއް ނެތި ވޭޕް އެތެރެކުރުން އެއްކޮށް މަނާކުރަން ޖެހޭވަރަށް އެކި ފަރާތްތަކުން ރައީސް ޑރ. މުއިއްޒަށް ލިއުމާއި، ޕެޓިޝަން ހުށަހަޅައި އާދޭސް ދަންނަވައިފިއެވެ. ކެންސަރ ސޮސައިޓީ، ޑައިބެޓިކް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމް.އޭ.ޕީ.ޑީ، އަދި ޓައިނީ ހާޓްސް ގުޅިގެން އުފައްދާފައިވާ އެން.ސީ.ޑީ އެލަޔަންސުން 12 ސެޕްޓެންބަރުގައި ރައީސް ޑރ. މުއިއްޒަށް ފޮނުވި ހާއްސަ ސިޓީއަކުން ވަނީ ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދެއްވުމަށް އެދި ދަންނަވައިފައެވެ. ރައީސަށް އެ ސިޓީ ފޮނުވުމަށް ފަހު، އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ސިއްހަތަށް އެންމެ ބޮޑު ބުރައަކަށް ވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް ވާއިރު، އޭގެ އެންމެ ބޮޑު ސަބަބަކީ ދުންފަތާއި، ވޭޕް ފަދަ ދުންފަތުގެ ބާވަތްތައް ކަމަށެވެ. ވޭޕް އަދި އީ-ސިނގިރޭޓަކީ ވެސް ދުންފަތުގެ ބާވަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާއިރު، މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން އިންތިހާ އަށް އިތުރުވެފައިވާތީ އެން.ސީ.ޑީ އެލަޔަންސުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ވޭޕް އެތެރެކުރުން މަނާކުރާނެ ކަމުގެ މާބޮޑު އިޝާރާތެއް ސަރުކާރުން މިހާތަނަށް ދީފައި ނުވެއެވެ.
ވޭޕް މަނާކޮށްފި ނަމަ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ، ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ރާއްޖޭގެ މިފަދަ ބޮޑެތި ޖަމިއްޔާތަކުން ރައީސަށް ދެެންނެވުމުގެ ދެމަސް ދުވަސް ކުރިން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ ޖުލައި މަހު ފަހުކޮޅު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ދުނިޔޭގެ ފަންސާސް ޤައުމެއްގައި މިހާރު ވެސް ވޭޕް މަނާކޮށްފައިވާ ކަމަށާއި، މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމަކުން ވޭޕް ބޭންކޮށްފައިވާ ކަމަށާއި، ރާއްޖެއަށް ވެސް ވޭޕް އެތެރެކުރުން މަނާކުރަން މަސައްކަތްކުރައްވާ ކަމަށެވެ. މިނިސްޓަރ އިހުސާން މިހެން ވިދާޅުވިތާ ދެމަސް ދުވަސް ވީއިރުވެސް އައި ބަދަލެއް ނުފެނެއެވެ. ޕެޓިޝަން ހުށަހަޅާ މީހުން ޕެޓިޝަން ހުށަހަޅައި، ސަރުކާރުގައި އާދޭސް ކުރަނީ އެވެ. ރާއްޖޭގައި، ވޭޕްގެ ވިޔަފާރި އަދިވެސް ހަމަ ހުރީ މެކުހަށް ޖަހައިފައެވެ.
އެއޮއް ފަދަ ބޮޑު އިންޑިއާގައި ވެސް ވޭޕް މަނަލެވެ. މަޝްހޫރު ތައިލޭންޑުގައި ވެސް މަނަލެވެ. ދުނިޔޭގެ 50 ޤައުމެއްގައި މަނަލެވެ. މި ސަރަހައްދުގެ 11 ޤައުމުގެ ތެރެއިން ހަތް ޤައުމެއްގައި މަނަލެވެ. އެކަމަކު ދިވެހި ޤައުމުގެ ކުރިމަގުގެ ޖީލު މަރަށް ތެޅި، މުޅި ޤައުމު ހަލާކުގެތެރެއަށް ވެއްޓެމުންދާއިރު ވެސް ސަރުކާރު ފެންނަނީ އަދިވެސް ފަހަތު ފަޔަށް ބުރަވެ، ބޮޑެތި ވިޔަފާރިވެރީން ދެކެ ޖެހިލުންވެ، ރައްޔިތުންގެ ހައްޤުގައި ވޭޕް މަނާ ކުރަން ނުކެރިގެން އުޅޭތަަނެވެ. ފުލުހުންގެ ބަޔާންތަކާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ ވާހަކަފުޅުތަކާއި، އެކި ފަރާތްތަކުން ރައީސަށް ހުށަހަޅަމުންދާ ޕެޓިޝަންތަކަށް ބެއްޔަސް މިއީ އަވަސް ގޮތެއްގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަން އެގެެއެވެ. ވޭޕް މަނާ ކުރަން ޖެހެނީ ސަރުކާރުން ބަރަހަނާ ސައިޓުތައް ބްލޮކް ކުރިގޮތަކަށް ނޫނެވެ.
އިންޓަނެޓުގެ ބަރަހަނާ ސައިޓުތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް ބްލޮކް ކުރިކަމަށް ސަރުކާރުން ބުނިކަމުގައި ވިއަސް އެފަދަ ސައިޓުތަކަށް އަދިވެސް ވަދެވެއެވެ. ހަޤީޤީ މާނާގައި ޕޯން ސައިޓުތައް ބްލޮކެއް ނުކުރެވެއެވެ. މިހާރު މިވަނީ ސަރުކާރުގެ އިހްލާސްތެރިކަން ރައްޔިތުންނަށް ދައްކައި، މުއާސަލާތީ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރިއަށް ބެލުމެއްނެތި، ކުރިމަގުގެ ޖީލުތަކުގެ ހައްގުގައި ޕޯން ސައިޓުތައްވެސް 100% ބޭން ކުރަންޖެހޭ ވަގުތު އައިސްފައެވެ. އަދި ހަމަ އެފަދައިން ވޭޕްވެސް 100% ބޭން ކުރަން ޖެހޭ ވަގުތު މިވަނީ އައިސްފައެވެ.

"މި ސަރުކާރުން އެ ޑިސިޝަން ނަގަން ތައްޔާރުވަމުން ދަނީ. އަޅުގަނޑުގެ ޕާސަނަލް ވިސްނުމަކީ ވޭޕް ބޭން ކުރަންޖެހެއޭ. އެކަމަކު، އެ ޑިސިޝަން ނަގާނީ ކެބިނެޓުން. އަޅުގަނޑު ހުށަހަޅާނަން އިރާދަކުރެއްވިއްޔާ އެ ޑިސިޝަން ނަގަން،" މިނިސްޓަރ އިހުސާން މިދިޔަ ޖުލައި މަހު ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި، މިނިސްޓަރ އިހުސާން ހިމެނޭ ގޮތަށް، ކެބިނެޓު އަދި އޮތީ ނިދައިފައެވެ.
ވޭޕް ކާޓްރިޖް ތެރެއަށް މަސްތުވާ ޑްރަގް އަޅައިގެން ބޭނުން ކުރުން ރާއްޖޭގައި އާއްމުވެ، ޓެލެގްރާމް ޗެެނެލްތައް ހަދައިގެން މީގެ ވަގު ވިޔަފާރި ރާއްޖޭގައި ކުރާކަން ފުލުހުންގެ ބަޔާނަތަކުން ވެސް އެނގެއެވެ. ހިތާމައަކީ މިހާ ދުވަސް ވާއިރުވެސް މިކަން ނުހުއްޓުވޭކަމެވެ. ކެންސަރ ސޮސައިޓީ، ޑައިބެޓިކްސް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމް.އޭ.ޕީ.ޑީ، އަދި ޓައިނީ ހާޓްސް ގުޅިގެން އުފައްދާފައިވާ އެން.ސީ.ޑީ އެލަޔަންސުން، ރާއްޖޭގައި ވޭޕް މަނާކޮށް ދިނުމަށް ރައީސް ޑރ.މުއިއްޒަށް ދެންނެވިތާ ބަރާބަރު ދެހަފްތާ ދުވަސް ފަހުން، ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ގޮވާލައި ބަޔާނެއް ނެރެފައެވެ. ދުންފަތަކީ އެތައް ހާސް ވިހަ ކެމިކަލް މާއްދާ އެކުލެވޭ އެއްޗެއް ކަމަށާއި، އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާކަމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެ ސަބަބުތަކާ ހެދި ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ބަޔާނުގައި ދިވެހި ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑޮކްޓަރުންގެ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވޭޕާއި އީ-ސިނގިރޭޓުގައި ހިމެނޭ އެކި ފްލޭވާތަކަކީ ޒުވާން ޖީލު ދެވި ހިފުމަށް ބޭނުންކުރާ އުކުޅެއްކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާ ކަމަށާއި، ވޭޕާއި އީ-ސިނގިރޭޓުގައި ހިމެނޭ މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާތަކަކީ ފުއްޕާމޭ ހަލާކުކުރުވާ މައިގަނޑު ފްލޭވާ ތަކެވެ. އަދި ވޭޕާއި އީ-ސިނގިރޭޓުގައި ހިމެނޭ މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާތަކުގެ ކާޓްރިޖްތަކުގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި ވޭޕްގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވި ހިފުން ވެސް ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. މިއީ ފެންނަން އޮތް ހަޤީގަތް ކަމުގައި ވިއަސް، އަދި ޒުވާން ޖީލު ދުންފަތާއި، ވޭޕާއި، އެނާޖީ ޑްރިންކުގެ މަސްތުގައި އަރަގުވަމުންދާތަން ފެންނަން އޮތް އިރުވެސް، ސަރުކާރުން ވޭޕް މަނާކުރަން އުޅޭކަމުގެ މާބޮޑު އިޝާރަތެއް އަދިވެސް ނުފެނެއެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެން.ސީ.ޑީ އެލަޔަންސާއި ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައި ވަނިކޮށް، ވޭޕް އެތެރެކުރުން މަނާކުރަން ސަރުކާރަށް ގޮވާލައި، ކަމާގުޅޭ އެހެން ފަރާތްތަކުން ވެސް ވަރުގަދަ ކެމްޕެއިނެއް ވަނީ ފަށައިފައެވެ. އެގޮތުން 26 ސެޕްޓެމްބަރުގައި ދިވެހި ނަރުހުންގެ ޖަމިއްޔާ އިން ވެސް ވަނީ ވޭޕް މަނާކުރަން ގޮވާލައިފަ އެވެ. މިކަމާ ގުޅިގެން ނަރުހުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ޒުވާނުންނާއި ސްކޫލްތަކުގައި ކިޔަވާ އުމުރުގެ ކުދިން އީ-ސިނގިރޭޓް (ވޭޕް) ބޭނުންކުރާ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށާއި، ވޭޕަކީ އޭގެ ރައްކާތެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ކަށަވަރު ކޮށްދީފައިވާ އެއްޗެއް ނޫންކަމަށާއި، ވޭޕް ބޭނުންކުރުމުން ޖެހޭ ބޮޑެތި ބަލިތަކުން ޒުވާން ޖީލު ބޮޑު ބަލިމަޑުކަމަކަށް ހުށަހެޅުމުގެ އިތުރުން، ވޭޕަކީ ކުޑަކުދިން ދުންފަތަށް ތައާރަފް ކުރުވާ، އަދި މަސްތުވާ ޑްރަގަށް ތައާރަފް ކުރުވާ ނުބައި އެއްޗެއްކަން ވެސް، ނަރުހުންގެ ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ސްކޫލް ކުދީންގެ މެދުގައި ވޭޕް އާއްމުވެފައިވާ މިންވަރަކީ، ސްކޫލްތަކުގެ ތެރޭގައި ވެސް، ފާޅުގައާއި، ސިއްރިޔާތުގައި ވޭޕް ވިއްކައި އޭގެ ބޭނުން ކުރުން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އާއްމުވެފައެވެ. މިކަމާއި ގުޅިގެން ސްކޫލްތަކުގެ ޓީޗަރުންނާއި، އިދާރީ މުއައްޒަފުންނާއި، ބެލެނިވެރިންވެސް ހިމެނޭ ގޮތަށް އެޑިއުކޭޝަން މިނިސްޓަރަށް ޕެޓިޝަނެއްވެސް ވަނީ މިއަދު ހުށަހަޅައިފައެވެ. ވޭޕްގެ މައްސަލައަކީ ހަމައެކަނި ހޭލުންތެރިކުރުވައިގެން ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އެކަމަށް އޮތް ހައްލަކީ ވޭޕާއި ދުންފަތުގެ ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތަކުގެ ޕްރެޝަރަށް ބެލުމެއްނެތި، ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ވޭޕް އެއްކޮށް މަނާ ކުރުމެވެ. ޖީލެއް ހަލާކުވެ، އާސަންދަ އާއި އެންސްޕާ އަށް ބުރައަކަށްވެ، މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓަކަށް ކުރިމަގުގެ ޖީލު އެއްކޮށް ގޮސް ހުސްނުވަނީސް ސަރުކާރުން އަވަސް ފިޔަވަޅު އަޅަން ޖެހެއެވެ. މިޤައުމަށް ދިމާވެފައިވާ އިޖްތިމާއި، ސިއްހީ، އަދި ދީނީ ގިނަ މައްސަލަތައް ހައްލުކުރަން އޮތް އެންމެ މުހިއްމު ފޯމިއުލާ އަކީ ދުންފަތާއި، ވޭޕާއި، އެނާޖީ ޑްރިންކް ރާއްޖެ އެތެރެކުރުންއެކޮށް މަނާ ކޮށް، އިންޓަނެޓުން ބަރަހަނާ މަންޒަރު ނުބެލޭ ގޮތަށް ފުރިހަމައަށް މިތަކެތި ބޭން ކުރުމެވެ. މިކަން ކުރެވޭނީ ގަޓް ހުރި ހޯމް މިނިސްޓަރަކަށެވެ. އަދި ގަޓް ހުރި ޕޮލިސް ކޮމިޝަނަރަކަށެވެ. އަދި ގަޓް ހުރި ރައީސުލްޖުމްހޫރިއްޔާ އަކަށެވެ. ރައީސް ޑރ. މުއިއްޒުގެ އެފަދަ ގަޓެއް އެބަހުރި ތޯއެވެ؟ ހުރިނަމަ އެކަން ސާބިތުކޮށްދެއްވާށެވެ!

One Response
ވަރަށް ރަނގަޅު ދިރާސީ ލިޔުމެއް، މާސިޔާސީ ވާހަތަކަށް ވުރެ މިފަދަ ލިޔުމުން، ކިޔުނަތެރިންނަށް ކުރާ ފައިދާ ބޮޑުވާނެ