Support Us

އިސްރާއީލު ސިފައިން ލުބްނާންގެ ބޯޑަރު ކައިރިއަށް ޖަމާވެފައި

ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ނަތަންޔާހޫ މަސައްކަތްކުރަނީ

ލުބްނާނަށް އެއްގަމު މަގުން އަރަން ތައްޔާރުވާން އަސްކަރިއްޔާއަށް އިޝާރާތެއް ދިނުމަށް ފަހު އިރާން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ މަސައްކަތްކުރަން ފަށައިފިއެވެ.

އިރާންގެ ތާއީދު ލިބިގެން ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސް އާއި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ޔަމަންގައި ހަރަކާތްތެރިވާ ހޫތީން ބަލިކޮށްލާނެ ކަމަށް ބުނެ އެކްސްގައި އިރާންގެ ރައްޔިތުންނާ މުހާތަބުކޮށް ނަތަންޔާހޫ ބުނީ "އިސްރާއީލުގެ އަތް ނުފޯރާނެ ހިސާބެއް ނޯންނާނެ" ކަމަށެވެ.

"ވަގުތު ކުރިއަށްދާ ވަރަކަށް ތިޔަ މާތް އިރާން ރައްޔިތުން އަނދަވަޅަކާ ކައިރިއަށް ތިޔަ ގައުމުގެ ސަރުކާރު އެ ގެންދަނީ. ނަމަވެސް އިރާންގެ ވެރިންގެ ކިބައިން ތިޔަ ރައްޔިތުން ސަލާމަތްވުމުން، އިސްރާއީލާއި އިރާންގެ ރައްޔިތުންނަށް ވެސް އާހިރުގައި މިނިވަންކަން ލިބޭނެ،" އެކްސްގައި ޕޯސްޓްކުރި ތިން މިނެޓްގެ ވީޑިއޯއެއްގައި ނަތަންޔާހޫ ބުންޏެވެ.

ޣައްޒާ އާއި ލުބްނާން ރައްކާތެރިކުރާނެ ކަމަށް އިރާންގެ ވެރިން ބުންޏަސް އިރާންގެ ވެރިން އަންނަނީ "މެދުއިރުމަތި އަނދިރިކަމާއި ހަނގުރާމައިގެ ތެރެއަށް ވައްޓައިލަމުން" ކަމަށް ނަތަންޔާހޫ ބުންޏެވެ.

"އަހަރެމެންގެ ރައްޔިތުންނާއި އަހަރެމެންގެ ގައުމު (އިސްރާއީލު) ރައްކާތެރިކުރަން އަހަރެމެން ނުދާނެ ތަނެއް ނޯންނާނެ،" ނަތަންޔާހޫ ބުންޏެވެ.

އޭނާ ބުނީ "މީހުން ހީނުކުރާހާ އަވަހަށް އިރާންގެ ރައްޔިތުން މިނިވަންވާނެ" ކަމަށާއި "ދެން ހުރިހާ ކަމެއް ވެސް ތަފާތުވެ، ދެ ގައުމަށް (އިރާނާއި އިސްރާއީލަށް) ސުލްހަ އަންނާނެ" ކަމަށެވެ.

"ކުރިން ނުލިބޭހާ ތަރައްގީ އިރާނަށް ލިބިގެން އަންނާނެ. ތިޔަ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ނައްތައިލަން ދީނީ ގޮތުން ހައްދުފަހަނަޅައިފައިވާ ކުޑަ ގްރޫޕަކަށް ފުރުސަތު ނުދިނުން އެދެން. ތިޔަ ރައްޔިތުންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ލިބެން ޖެހޭނެ،" ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ބުނީ "އިސްރާއީލުން ތިބީ އިރާންގެ ރައްޔިތުންނާ އެކުގައިކަން އިރާންގެ ރައްޔިތުންނަށް އެނގެންވާނެ" ކަމަށާއި "ތަރައްގީ އާއި ސުލްހަ ދެ ގައުމަށް އެކުގައި ކުރިމަގުގައި އައުން އެދޭ" ކަމަށެވެ.

އިސްރާއީލުން އަދިވެސް ދަނީ ލުބްނާނަށް ވައިގެ މަގުން ހަމަލާތައްދެމުންނެވެ. މިހާތަނަށް ލުބްނާންގައި ވަނީ 1،000 މީހުން މަރުވެފައެވެ. އަދި 6،000 މީހުން ޒަހަމްވެފައެވެ. މީގެ އިތުރުން އެއް މިލިއަން މީހުންގެ ގެދޮރު ވަނީ ނެތިގެން ގޮސްފައެވެ.

ޣައްޒާއަށް މިއަދު ދިން ހަމަލާތަކުގައި 12 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ނޫސްވެރިޔަކު ހިމެނެއެވެ.

ޔަމަންގައި ހޫތީން ކޮންޓްރޯކުރާ ސަރަހައްދަށް ހަފުތާބަންދުގައި ވަނީ ހަމަލާދީފައެވެ. އަދި މިއަދު ހެދުނު ސޫރިޔާގެ ވެރިރަށް ދިމިޝްގަށްވަނީ ހަމަލާދީފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލެންޓް މިއަދު ވަނީ އިސްރާއީލު އަސްކަރިއްޔާއާ މުހާތަބުކޮށް ވާހަކަ ދައްކަމުން ލުބްނާނަށް އަރާނެކަމުގެ އިޝާރާތެއް ދީފައެވެ.

"އަހަރެމެންނަށް ބޭނުންހިފޭނެ ހުރިހާ ވަސީލަތެއް ބޭނުންކުރާނަން. ތިޔަ ސިފައިންނާއި އެހެނިހެން ސަލާމަތީ ބާރުތަކާއި ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އަދި އެއްގަމު މަގުން ބޭނުންކުރާނަން،" އޭނާ ބުންޏެވެ.

ގެލެންޓް ބުނީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުކޮށްލެވުމަކީ "ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށާއި "ނަމަވެސް އެއީ މުޅިން ނިމުނީކީ ނޫން" ކަމަށެވެ.

ހިޒްބުﷲގެ ވެރިޔާގެ ނައިބު ނައީމް ގާސިމް ބުނީ ނަސްރުﷲ ނެތް ތަން ފޫބައްދަން ވަރަށް އަވަހަށް ވެރިޔަކު އިސްކުރާނެ ކަމަށާއި އިސްރާއީލަށް މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ ހިޒްބުﷲގެ އަތުގައި ހުރި ވަސީލަތްތަކުގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. ނައީމް ބުނީ ހިޒްބުﷲގެ އަތުގައި ވަރަށް ގިނަ ބާވަތުގެ ހަތިޔާރު އެބަހުރި ކަމަށާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށެވެ.

"ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލުން ފަދަ ކަމެއް އެހެން ޖަމާއަތަށް އަމާޒުކުރި ނަމަ އެ ޖަމާއަތެއް ނެތިގެން ހިނގައިދާނެ، ނަމަވެސް ހިޒްބުﷲ ނުވެއްޓުނު،" އޭނާ ބުންޏެވެ.

ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލުމުން އެތައް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވިއެވެ. މިއީ އިސްރާއީލުން ހިޒްބުﷲގެ މެންބަރުން ޝަހީދުކޮށްލަންކުރި ކަމެއް ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *