ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާ ގުޅިފައިވާ ގޭންގްތަކުން ހައިޓީގައި މިދިޔަ ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 3،661 މީހުން މަރައިލިކަމަށް އދ.އިން ބުނެފިއެވެ.
"ތާކުންތާކުންނުޖެހޭކަންކަމުގައި މި އަދަދަށް މީހުން މަރައިލައިފައިވަނީ. އޭގެ ތެރޭގައި 100 ކުޑަކުދިން ހިމެނޭ. މިއީ ހަމަ މިދިޔަ އަހަރު ވެސް ކަންތައް ހިނގި ގޮތް. މިއީ ކަންތައްތައް ހިންގައިގެންވާނެ ގޮތެއް ނޫން،" އިންސާނީ ހައްގުތަކާ ގުޅޭ އދ.ގެ ކައުންސިލްގެ ވެރިޔާ ވޮލްކާ ޓާކް ބުންޏެވެ.
ގޭންގްތަކުން ބޭނުންވަނީ ގައުމުގެ އެކި ސަރަހައްދުތައް އެ ގޭންގްތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކަމަށް އޭނާ ބުންޏެވެ.
"ގޭންގްތަކަށް ހަތިޔާރު ފޯރުކޮށްދެނީ (ހައިޓީގެ އަވަށްޓެރި) އެމެރިކާ އާއި ޑޮމިނިކަން ރިޕަބްލިކް އަދި ޖެމެއިކާއިން،" ވޮލްކާ ބުންޏެވެ.
"ބާރުގަދަ ހަތިޔާރުތަކާއި ޑްރޯން އާއި ކަނޑުގެ އުޅަނދުފަހަރުގެ އިތުރުން ހުސްވުމެއް ނެތް އަދަދަކަށް ބަޑީގެ އުންޑަ ގޭންގްތަކަށް ލިބެމުންދަނީ،" އޭނާ އިތުރަށް ބުންޏެވެ.
ހުރިހާ ގައުމުތައް ގުޅިގެން ހައިޓީގެ ގޭންގްތަކަށް ހަތިޔާރު ލިބޭ ފުރުސަތުތަކަށް ހުރަސްއަޅަންޖެހޭނެކަމަށް އޭނާ ބުންޏެވެ.
"މީގެ އިތުރުން މި ކަމުގެ އަޑީގައިވާ ފަރާތްތަކަށް ދުނިޔޭގައި ދަތުރުނުކުރެވޭނެ ގޮތް ހަދައި އެ މީހުންގެ މުދާ ފްރީޒް ވެސް ކުރަންޖެހޭނެ. އެއީ އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ބޭނުންވާ ގޮތް،" ވޮލްކާ ބުންޏެވެ.
ގޭންގްތަކުގެ ހަމަލާތައް މިދިޔަ ފެބްރުއަރީގައި ވަނީ ކުރިއަށްވުރެ ބޮޑަށް ސީރިއަސްވެފައެވެ. ސަބަބަކީ ޖަލުތަކާއި ވެރިރަށް ޕޯޓް-އޯ-ޕްރިންސްގައި ހުރި މުއައްސަސާތަކަށް ހަމަލާ ދިނުމެވެ.
ހައިޓީގައި ގޭންގުތަކުން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ގޭންގްތަކުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ގޮސްފި ކަމަށް ހުކުރު ދުވަހު އދ.އިން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.
"ޖިންސީ އަނިޔާގެ ބޭނުންހިފައިގެން މީހުންނަށް އަދަބު ދީ، ބިރުގަންނަވައި އަދި ކިޔަމަންކުރަމުން ދަނީ،" އދ.ގެ ރިޕޯޓްގައިވެއެވެ.
ގޭންގްތަކުގެ އަނިޔާވެރިކަން މި އަހަރު ހައްދުފަހަނަޅައި ދިއުމުން އިންތިހާބަކާ ނުލައި މަގާމުގައި ހުންނެވި ބޮޑު ވަޒީރު އާރިއެލް ހެންރީ ވަނީ އިސްތިއުފާ ދެއްވައިފައެވެ. މިއާ ވިދިގެން އިންތިގާލީ ރިޔާސީ ކައުންސިލެއް އުފައްދައި، އދ.ގެ އެހީއާއެކު އެފްރިކާ ބައްރުގެ ކެންޔާގެ ސިފައިން ވަނީ ހައިޓީގައި ސުލްހަ ބެލެހެއްޓުމަށް ގެނެސްފައެވެ.
މި ފައުޖަށް 3،100 އަށްވުރެ ގިނަ ސިފައިން ފޮނުވައިދޭނެކަމަށް 10 ގައުމަކުން ބުންޏަސް، ހައިޓީއަށް އަދި އައީ 430 ސިފައިންނެވެ. މި ފައުޖު ހައިޓީގައި ހަރަކާތްތެރިވުމުގެ މުއްދަތަކީ އެއް އަހަރު ކަމަށްވާއިރު އެ މުއްދަތު އިތުރުކުރާނެތޯ ކަނޑައެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ މާދަމާ ވޯޓަކަށް ދާނެކަމަށް ބުނެފައެވެ.
ހައިޓީން އދ.ގައި އެދިފައިވަނީ މި ފައުޖަށް ރަސްމީ ސިފަ ޖައްސައި، ދާއިމީކޮށް ބައިތިއްބައި، އަދި ފައިސާ އާއި ފަންނީ އެހީ ހޯދައިގެން ހައިޓީގައި ސުލްހަ ބަލަހައްޓައިދިނުމަށެވެ.
"މި ފައުޖަށް އެކަށީގެންވާ އަދަދަކަށް ފަންނީ އާލާތްތައް ބޭނުންވޭ. އެއީ ގޭންގްތަކުން ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާ ނުރައްކާ ހުއްޓުވަން،" ވޮލްކާ ބުންޏެވެ.
އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާހަކަ ދައްކަވަމުން ހައިޓީގެ އިންތިގާލީ ބޮޑު ވަޒީރު ގެރީ ކޮނިލް ބުދަ ދުވަހު ވަނީ އދ.ގެ އެހީއަށް އެދިވަޑައިގެންފައެވެ.
"ގޭންގްތަކާ ދެކޮޅަށް އަހަރެމެން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވުމާ ގާތަށް ވެސް ނާދެވޭ. ހަގީގަތަކީ އދ.ގެ އެހީ ނުލިބި އަހަރެމެންނަށް ކާމިޔާބެއް ނުލިބޭނެކަން،" ގެރީ ވިދާޅުވިއެވެ.
ގޭންގްތަކުގެ އަނިޔާވެރިކަމުގެ ސަބަބުން ހައިޓީގެ 700،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ނެތިގެންގޮސްފައެވެ. އަދި 1.6 މިލިއަން ރައްޔިތުން ތިބީ ބަނޑަށްޖެހުމުގެ ތުންފަތްމަތީގައެވެ.



advertisment